14 Oct 2013, 15:15
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ އިންޓަނެޓް ބޭންކިންގެ ހިދުމަތަށް ގެނައި ބަދަލާ ގުޅިގެން ދަތިތަކާ ކުރިމަތިވެގެން ޝަކުވާކުރަން ފަށައިފި އެވެ.
ސަންއާ ވާހަކަދެއްކި ބީއެމްއެލްގެ އިންޓަނެޓް ބޭންކިންގެ ހިދުމަތް ބޭނުންކުރާ ކަސްޓަމަރަކު ބުނީ އާ ޕްލެޓް ފޯމަށް ބަދަލުކުރިފަހުން އެކައުންޓަށް ލޮގިން ނުކުރެވޭ ކަމަށެވެ. އަދި ބޭންކުގެ ކާޑު ސެންޓަރަށް ވެސް އެ މައްސަލަ ހުށަހަޅާފައިވާ ކަމަށް އޭނާ ބުންޏެވެ.
"އަޅުގަނޑު އާއްމުކޮށް ބޭނުންކުރާ ޔޫޒާ ނޭމްއާއި ޕާސްވޯޑު ބޭނުންކޮށްގެން ލޮގިން ނުކުރެވުނު. ބޭންކަށް ގުޅައިގެން ވެސް އެ މައްސަލަ ހައްލުނުކުރެވިގެން މިއުޅެނީ. މިވީ ގޮތުން ކްރެޑިޓް ކާޑު ބޭނުންކޮށްގެން ރާއްޖެއިން ބޭރާ އެއްވެސް މުއާމަލާތެއް ނުހިންގޭ،" އޭނާ ބުންޏެވެ.
ބީއެމްއެލްގެ ބައެއް ކަސްޓަމަރުން ބުނީ ޕާސްވޯޑު ބަދަލުކުރުމުން އެކައުންޓް ސަސްޕެންޑްވުމުގެ މައްސަލައާއި ޕީއޯއެސްތަކުން ބައެއް ފަހަރު ފައިސާ ނުކެނޑޭ މައްސަލަ ކުރިމަތިވާ ކަމަށެވެ.
"އަހަރެންގެ ޕާސްވޯޑު ބަދަލުކުރުމާއެކު މެސެޖް އައީ އެކައުންޓް ސަސްޕެންޑްވީ ކަމަށް. ދެން އެންގީ ޔޫޒާ ނޭމް ޖެހުމަށްފަހު އީމެއިލް އެޑްރެސް ޖަހަން. ނަމަވެސް އީމެއިލް އެޑްރެސް ވެސް ދިމާނުވާ ކަމަށް ބުނީ. ބޭންކަށް މެއިލް ވެސް ފޮނުވައިފިން. އެކަމަކު 24 ގަޑިއިރުވީ އިރު ވެސް އެއްވެސް ހަބަރެއް ނުވޭ،" އޭނާ ވިދާޅުވި އެވެ.
ބޭންކުގެ އިންޓަނެޓް ހިދުމަތަށް ދިމާވި މައްސަލައާ ބެހޭ ގޮތުން ބޭންކުން މިހާތަނަށް އެއްވެސް ވާހަކައެއް މީޑިއާއަށް ހާމަކޮށްފައެއްނުވެ އެވެ. ނަމަވެސް ބޭންކުގެ ކާޑު ސެންޓަރަށް ގުޅުމުން ބުނީ ވަރަށް ގިނަ ބަޔަކަށް އިންޓަނެޓް ބޭންކިން އެކައުންޓަށް ލޮގިން ނުކުރެވޭ މައްސަލަ ދިމާވެގެން ކޮންމެ ދުވަހަކު ޝަކުވާކުރާ ކަމަށެވެ. އަދި ބޭންކަށް މެއިލް ކުރުމުން 24 ގަޑިއިރުގެ ތެރޭގައި އެ ފަރާތަކަށް ޖަވާބު ދޭނެ ކަމަށް ބުންޏެވެ.
އެ ބޭންކުގެ އިންޓަނެޓް ބޭންކިންގެ ހިދުމަތް މުޅިން އާ ޕްލެޓް ފޯމަކަށް ބަދަލުކުރުމަށް ފަހު ބުރާސްފަތި ދުވަހުގެ ރޭ 11:30ން ފެށިގެން 8:00 ދެމެދު މަސައްކަތްކުރާ ވަގުތު އޭޓީއެމްގެ ހިދުމަތާއި ކާޑުގެ ހިދުމަތް އަދި މޮބައިލް ބޭންކިން އާއި އިންޓަނެޓް ބޭންކިންގެ ހިދުމަތް މެދުކަނޑާލި އެވެ.
ބީއެމްއެލް އިން ބުރާސްފަތި ދުވަހު ނެރުނު ނޫސްބަޔާނެއްގައި ވަނީ އިންޓަނެޓް ބޭންކިންގެ ހިދުމަތް އާ ޕްލެޓްފޯމަކަށް ބަދަލުކުރުމުން ލޮގިން ކުރުމަށް ސެކިއުރިޓީ ކޯޑުގެ ބަދަލުގައި ބޭނުންކުރަން ޖެހޭނީ ހަމައެކަނި ޔޫޒާ ނޭމް އަދި ޕާސްވޯޑް ކަމަށެވެ.
އެ ބޭންކުން ބުނީ އަލަށް ގެނައި ބަދަލާ ގުޅިގެން އިންޓަނެޓް ބޭންކިންއަށް ލޮގިންކުރުމުން އެކައުންޓް ބެލެންސް ޗެކުކުރުމާއި އެކައުންޓް މެދުވެރިކޮށް ހަދާފައިވާ ޓްރާންސްސެކްޝަންތަކުގެ ތަފުސީލް ވެސް ފެންނާނެ ކަމަށެވެ. ނަމަވެސް އެއްވެސް ފަރާތަކަށް ފައިސާ ދައްކާ ނަމަ ނުވަތަ ފައިސާ ޓްރާންސްފާކުރާ ނަމަ އެއްފަހަރު ބޭނުންކުރެވޭ ޕާސްވޯޑެއް ޖަހަން ޖެހޭނެ ކަމަށް ވެސް ބުނެފައިވެ އެވެ.