14 Oct 2013, 14:27
ފިންގާ ޕްރިންޓް ވެރިފައި ކުރުމަކީ އިންތިހާބަށް އޮތް ހުރަހެއް ނޫން ކަމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
ަރައީސް ނަޝީދުގެ ރަސްމީ ޓުއިޓާ އެކައުންޓްގައި މިއަދު ވިދާޅުވެފައި ވަނީ ފިންގާ ޕްރިންޓްގެ ސައްހަކަން ދެނެގަނެވޭނީ އެ ފޯމެއްގައި ނަން އޮތް މީހެއްގެ ކައިރިން އެ މައުލޫމާތު ސާފުކޮށްގެން ކަމަށެވެ.
"(ފިންގާ ޕްރިންޓް) ވެރިފައި ކުރަން ޖެހުމަކީ އިންތިހާބަށް އޮތް ހުރަހެއް ނޫން،" ނަޝީދު ވިދާޅުވެފައިވެ އެވެ.
Fingerprint ge sahhakan enme rangalhah saafuvani, form gai nan oiy meeha gaathu ahaigen. Verify kuran jehumaki inthikhaabah oiy huraheh noon
— Mohamed Nasheed (@MohamedNasheed)October 14, 2013
މިފަހަރުގެ އިންތިހާބުގައި ގާތްގަނޑަކަށް 60،000 މީހުން ރަޖިސްޓްރޭޝަން ފޯމް ހުށަހަޅައިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފައިވާއިރު ފާއިތުވި ދެ ދުވަހު ކުރިއަށް ގެންދިޔަ ރެޖިސްޓްރޭޝަންގެ މަރުހަލާގައި ގިނަ މައްސަލަތަކެއް ވަނީ ކުރިމަތިވެފަ އެވެ. އެގޮތުން ރެޖިސްޓްރޭޝަން ފޯމްތައް އެންޓާ ކުރަމުން ގެންދަނިކޮށް އިލެކްޝަންސްގެ "ސިސްޓަމް" ޑައުންވެގެން މެނުއަލްކޮށް ފޯމްތައް ބަލައިގަތުމުގެ މަސައްކަތް ފެށުމުން ޕީޕީއެމުން ވަނީ އެކަމާ ދެކޮޅު ހަދައިފަ އެވެ. އަދި ހުރިހާ ފިންގާޕްރިންޓްތަކެއް ވެރިފައި ކުރަންޖެހޭނެ ކަމަށް އެޕާޓީން ވަނީ ބުނެފަ އެވެ.
ފިންގާ ޕްރިންޓްގެ މައްސަލާގައި ރޭ ސުޕްރީމް ކޯޓުން ނެރުނު އަމުރެއްގައި ބުނެފައިވަނީ އިނގިލީގެ ނިޝާނުގެ ސައްހަކަން ޑީއެންއާރު މެދުވެރިކޮށް ކަށަވަރު ކޮށްދިނުމަށް އެދޭ ހާލަތްތަކުގައި އެކަން ކުރަންޖެހޭނެ ކަމަށެވެ.