29 Nov 2010, 07:22
އިއްޔެ މެންދުރު ހުޅުދެލި ކައިރިން އެ އަތޮޅުގެ މަސްވެރިންތަކެއް އަތުލައިގަތީ ސްރީލަންކާގެ މަސްބޯޓެއް ކަމަށް އެމްއެންޑީއެފުން ކަށަވަރު ކޮށްދީފި އެވެ.
އެމްއެންޑީއެފްގެ މީޑިއާ ކޯޑިނޭޓަރު މޭޖާ އަބްދުއްރަހީމް އަބްދުﷲ މިއަދު ވިދާޅުވީ ދ. ހުޅުދެއްޔާ 15 ވަރަކަށް މޭލު ބޭރުން އިއްޔެ މެންދުރު އެ އަތޮޅުގެ ފަސް މަސްދޯންޏެއް ގުޅިގެން އަތުލައިގަތް ސްރީލަންކާގެ މަސްބޯޓުގައި ތިބީ ތިން މީހުން ކަމަށެވެ.
އަދި އޭނާ ވިދާޅުވީ ބޯޓް ރާއްޖޭގެ ސަރަހައްދަށް ވަނީ ކީއްވެގެންތޯ އާއި ރާއްޖޭގެ ކަނޑުތަކުން އެ މީހުން މަސްވެރިކަން ކުރިތޯ ބެލުމަށް މިއަދު ތަހުގީގުތައް ފަށާނެ ކަމަށެވެ.
ފުލުހުންގެ މީޑިއާ ކޯޑިނޭޓަރު ސަބް އިންސްޕެކްޓަރު އޮފް ޕޮލިސް އަހުމަދު ޝިޔާމް މިއަދު ވިދާޅުވީ އެ ބޯޓުގައި ތިބީ ސްރީލަންކާ ދެ މީހުންނާއި ޕާކިސްތާނު މީހެއް ކަމަށެވެ.
ޝިޔާމް ވިދާޅުވީ އެ ބޯޓު އަތުލައިގައިގަތީ މަސްބާނަމުން ދަނިކޮށް ނޫން ކަމަށާއި ބޯޓުގައި ބާނާފައިހުރި އެއްވެސް މަހެއް ނެތް ކަމަށެވެ.
"އިތުރަށް އެކަން ބަލަމުން އެދަނީ ކިހިނެއްތޯ އެމީހުން ރާއްޖޭގެ ސަރަހައްދަށް ވަނީ އެކަންކަން. އޭގައި އެއްވެސް ވަރަކަށް މަހެއްކަހަލަ އެއްޗެއް ނެތް." ޝިޔާމް ވިދާޅުވި އެވެ.
ގާތްގަނޑަކަށް 40 ވަރަކަށް ފޫޓުގެ "ވަގު" މަސްބޯޓު އަތުލައިގަތުމުގައި އިސްކޮށް ހަރަކާތްތެރިވި ހުޅުދެލީ "އުންމީދު 2"ގެ ފަޅުވެރިޔެއް ކަމަށްވާ ހުސެން ސޮލާހު އިއްޔެ ސަން އޮންލައިނަށް މައުލޫމާތު ދެމުން ބުނީ އެ މަސް ބޯޓު ފެނުނީ ހުޅުދެއްޔާ ގާތްގަނޑަކަށް މޭލެއްހާ ބޭރުން ކަމަށާއި އެ ބޯޓު އަތުލައިގަތީ ހުޅުދެލީ ދެ ދޯންޏެއްގެ އިތުރަށް އެ އަތޮޅު މީދޫ ތިން މަސްދޯނި ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ކަމަށެވެ.
"އަޅުގަނޑުމެންނަށް [އެ ބޯޓް] ފެނުމުން އެ ސަރަހައްދުގައި އުޅުނު މަސް ދޯނިތަކަށް ގުޅީ. ގުޅައިގެން ހަތަރު ދޯނި އައިސް ކުރިމައްޗައް އެރީ. އަރައި ބައްދާލީ." ބޯޓުގެ ފަހަތުކޮޅުން ބެއްދި އުންމީދު ދޯނީގެ ސޮލާހު ބުންޏެވެ.