14:30


މައާފް ދިނުމާއި އަދަބު ލުއިކޮށްދިނުމަށް އެދި ރައީސުލްޖުމްހޫރިއްޔާއަށް އިލްތިމާސްކުރުމުގެ ފުރުސަތު މިހަފްތާގެ ތެރޭގައި ހުޅުވާލާ ގޮތަށް ހަމަޖައްސައިފި އެވެ.


ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އިޢުލާނެއްގައިވާ ގޮތުގައި މަޢާފްދިނުމާއި އަދަބު ލުއިކޮށްދިނުމުގެ ޤާނޫނުގައިވާ ގޮތުގެ މަތިން ރައީސުލްޖުމްހޫރިއްޔާ ކްލެމެންސީ ބޯޑު އުފައްދަވައިފައިވުމާއެކު މަޢާފުކޮށްދިނުމާއި އަދަބު ލުއިކޮށްދިނުމަށް އެދި ރަޢީސުލްޖުމްހޫރިއްޔާ އަށް އިލްތިމާސް ހުށަހަޅާ ފޯމް މިހަފްތާގެ ބުދަ ދުވަހުން ފެށިގެން އެ އޮފީހުން ލިބެން ހުންނާނެ އެވެ. އެ ފޯމް ދޫކުރާނީ، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުންނާއި އެޓަރނީ ޖެނެރަލްގެ އޮފީހުންނާއި، ޑިޕާޓްމަންޓް އޮފް ޕެނިޓެންޝަރީ އެންޑް ރިހެބްލިޓޭޝަން ސަރވިސަސް އިން އަދި މާލޭގެ އަވަށު އޮފީސްތަކުން ކަމަށް ވެސް ދިވެހި ސަރުކާރުގެ ގެޒެޓްގެ މިއަދުގެ އަދަދުގައިވާ އެ އިޢުލާންގައިވެ އެވެ. އަދި އެ ފޯމް ފުރިހަމަކޮށް ސޮއިކުރާނީ، މަޢާފުކޮށްދިނުމަށް ނުވަތަ އަދަބު ލުއިކޮށްދިނުމަށް އެދި އިލްތިމާސް ހުށަހަޅާނީ ކުށް ސާބިތުވެފައިވާ ފަރާތުން ކަމަށް ވެސް އެއިޢުލާންގައިވެ އެވެ.


ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޕްރެސް ސެކްރެޓަރީ މުހައްމަދު ޒުހެއިރު މިއަދު ވިދާޅުވީ މައާފް ދިނުމާ އަދަބު ލުއިކޮށްދިނުމުގެ ކަންތައްތައް ކުރިއަށްދާނީ މައާފްދިނުމާ އަބަދު ލުއިކޮށްދިނުމާ ބެހޭ ޤާނޫނުގެ ދަށުން އުފައްދާފައިވާ ބޯޑުން ދޭ ލަފާއެއްގެ މައްޗަށް ބިނާކޮށްގެން ކަމަށެވެ. އަދި އެ ފޯމްތައް ހުށަހެޅުމުގައި އެހެން މީހަކު ލައްވާ އެމީހަކަށް މައާފްދިނުމަށް އިލްތިމާސް ހުށަހެޅުމުގެ ބަދަލުގައި އަމިއްލައަށް އެ ފޯމް ހުށަހެޅުމަށް ސަރުކާރުން ތަރުހީބުދޭ ކަމަށްވެސް ޒުހެއިރު ވިދާޅުވި އެވެ.