14 Oct 2013, 13:05
ރަށްވެހިވެފައިވާ ރަށް ނޫން އެހެން ތަނެއްގައި ވޯޓުލާ މީހުން ރަޖިސްޓްރީ ކުރުމަށް އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅާފައިވާ ކޮންމެ ފޯމެއް ކަށަވަރުކުރުމަށް ފަސް މިނެޓް ނަގާނެ ކަމަށް ފުލުހުން ބުނެފި އެވެ.
އިލެކްޝަން ކޮމިޝަނުން ލަފާކޮށްފައިވާ ގޮތުން 60،000 މީހުން ރީ ރަޖިސްޓުރީ ކުރާނެ އެވެ. ފުލުހުން ބުނީ އެފިންގާ ޕްރިންޓްތަކުގެ ތެރެއިން ފުލުހުންގެ ސިސްޓަމްތަކުގައި މިހާރު ހުރި ފިންގާ ޕްރިންޓްތައް ކަށަވަރުކުރުމަށް ތިން މިނެޓް ބޭނުންވާއިރު އެހެން ފަރާތްތަކުގެ ފިންގާ ޕްރިންޓްތައް ކަށަވަރުކުރަން ފަސް މިނެޓް ބޭނުންވާނެ ކަމަށެވެ.
އެހެންކަމުން އެފޯމްތަކުގައި ޖަހާފައިވާ ފިންގާ ޕްރިންޓްތައް ކަށަވަރުކުރުމުގެ ގާބިލްކަން ލިބިފައިވާ ފުލުހުންނަށް 5،000 ގަޑިއިރު ނުވަތަ 208 ދުވަސް އެކަމަށް ބޭނުން ވެއެވެ. އެއީ ހަ މަހަށްވުރެ ގިނަ ދުވަހެވެ.
ފިންގާޕްރިންޓްގެ މައްސަލައެއް އުޅޭ ކަމަށް ކޮމިޝަނަށް ޝައްކުކުރެވިއްޖެ ނަމަ އެ ފޯމެއްގެ ސައްހަކަން ބެލުމުގެ މަސައްކަތް ކަމާ ގުޅޭ ދާއިރާތަކާ ގުޅިގެން ކުރާނެ ކަމަށާއި ފިންގާ ޕްރިންޓް ޗެކް ކުރާނީ މައްސަލަ ޖެހޭ ފޯމްތައް އެކަނި ކަމަށް އިލެކްޝަނުން ވަނީ ބުނެފަ އެވެ.
ނަމަވެސް ޕީޕީއެމް އާއި އަދާލަތު ޕާޓީން ބުނަމުން ދަނީ އެހުރިހާ ފޯމްތަކެއްގައި ހުރި ފިންގާ ޕުރިންޓްތަކެއް ޗެކްކޮށް ކަށަވަރު ކުރެވެންޖެހޭ ކަމަށެވެ. އެމްޑީޕީ އާއި ޖުމްހޫރީ ޕާޓީއިން ބުނަމުންދަނީ ފިންގާ ޕްރިންޓަކީ މައްސަލައެއް ޖެހިއްޖެ ހާލަތެއްގައި ވެރިފައި ކުރަން ޖަހާ އެއްޗެއް ކަމަށްވުމާއެކު ހުރިހާ ފިންގާ ޕްރިންޓެއް ވެރިފައި ނުކުރެވުމަކީ މައްސަލައެއް ނޫން ކަމަށެވެ.
ފިންގާޕްރިންޓްގެ މައްސަލާގައި ސުޕްރީމްކޯޓުން ވަނީ އިނގިލީގެ ނިޝާނުގެ ސައްހަކަން ޑީއެންއާރު މެދުވެރިކޮށް ކަށަވަރު ކޮށްދިނުމަށް އެދޭ ހާލަތްތަކުގައި އެކަން ކުރުމަށް އަންގައި އަމުރެއް ނެރެފަ އެވެ.