14 Oct 2013, 12:59
ދުނިޔޭގެ އެކި ކަންކޮޅުތަކުން އެތައް މިލިޔަން މީހުންނެއް މިއަހަރު ހައްޖަށް ދިޔައެވެ. އެއެންމެންނާއި ޚަރުލް ޒާދާ ކަސްރަތު ރާއީ ތަފާތުވަނީ ހައްޖަށް ދިއުމަށް އުފުލި ބުރައިގެ ގޮތުންނެވެ.
މަތިންދާބޯޓާއި އެއްގަމު އުޅަނދާއި ކަނޑު އުޅަނދުތަކުގައި އެހެން މީހުން ހައްޖަށް ދިޔައިރު ޕާކިސްތާނުގެ ކަރާޗީން ފެށިގެން ސައުދީ އަރަބިއްޔާގައިވާ މާތްވެގެންވާ މައްކާއާ ހިސާބަށް ކަސްރަތު ރާއީ ދިޔައީ ހިނގާފައެވެ. އީރާނާއި އިރާގާއި އުރުދުންގެ ތެރެއިން ކުރި އެދަތުރުގައި އޭނާ ފައިމަގުގައި 6387 ކިލޯމީޓަރު ކަޑައްތުކުރިއެވެ. ޖޫންމަހުގެ ހަތްވަނަ ދުވަހު ކަރާޗީން ފެށި ދަތުރުގައި މައްކާއާ ހަމައަށް އޭނާ ފޯރީ މިމަހުގެ ފުރަތަމަ ދުވަހުއެވެ.
މައްކާއިން ކަސްރަތުރާއީއަށް މަރުހަބާ ކީ ސައުދީ ސަރުކާރުގެ އޮފިޝަލުންނާއި މަސްޖިދުލް ހަރާމްގެ އިމާމްގެ މަންދޫބަކާއި މައްކާގައި ދިރިއުޅޭ ޕާކިސްތާނު މީހުންނާއި އޭނާއަށް ތާއީދުކުރާ އެކި ގައުމުތަކުގެ މީހުންނެވެ.
ސުލްހައަށް ޓަކައި ހިނގުމުގެ ދެރިކޯޑެއް މިހާރުވެސް އޮންނަ ކަސްރަތު ރާއީ އަލް އަރަބިއްޔާ ނިއުސް އެޖެންސީއަށް ދިން އިންޓަވިއުއެއްގައި ބުނީ އޭނާ ހިނގާފައި ހައްޖަށް ދިއުމުގެ ބޭނުމަކީ ސުލްހައިގެ މެސެޖް ދުނިޔެއަށް ދިނުން ކަމަށެވެ. އަދި ހުރިހާ ފެންވަރެއްގައި ހިންގާ ޓެރަރިޒަމް ކުށްވެރިކުރުމަކީ ވެސް އެކަމުގެ ބޭނުމެއް ކަމަށް އޭނާ ބުނެފައި ވެއެވެ.
"އަހަރެން ބޭނުންވަނީ ދުނިޔޭގައި ސުލްހަވެރިކަން އޮންނަން. ޔޫރަޕިއަން ޔޫނިއަންގައި އޮތް ފަދަ އެކުވެރި ކަމާއި ހަމަހަމަކަން މުސްލިމް އުއްމަތުގައި އޮންނަން،" އަލް އަރަބިއްޔާއަށް ދިން އިންޓަވިއުގައި އޭނާ ބުނެފައި ވެއެވެ.
ކަސްރަތު ރާއީ ވަނީ 2009 ވަނަ އަހަރު ޕާކިސްތާނުގެ ލާހޫރުން އެގައުމުގެ ވެރިރަށް އިސްލާމް އާބާދަށް ހިނގާފައި ގޮސްފައެވެ. 327 ކިލޯމީޓަރުގެ އެދަތުރުގައި އޭނާ 14 ދުވަސް ހޭދަކުރިއެވެ. އަދި އިސްލާމްއާބާދުން ޗަކޫތީ ނަމަކަށް ކިޔާ އަވަށަށް ވެސް އޭނާ ހިނގާފައި ދިޔައެވެ. 222ކިލޯމީޓަރުގެ އެދަތުރުގައި އެނާ ނުވަ ދުވަސް ހޭދަކުރިއެވެ.
މިފަހަރު މައްކާއަށް ކުރި ދަތުރުގައި ހީނުކުރާ އެތައް ކަމެއް ކުރިމަތިވި ކަމަށް ކަސްރަތު ރާއީ ބުނެފައި ވެއެވެ. ނުރައްކާތެރި ކަންތައްތަކެއްގެ ގޮތުގައި އެނާ ސިފަކުރާ އެކަންތައްތަކާ އެކުގައި ވެސް މައްކާއަށް ސަލާމަތުން ދެވުނުކަން އޭނާ ފާހަގަކުރެއެވެ.