ފާއިތުވި 48 ގަޑިއިރުގެ ތެރޭގައި ވައްކަމުގެ ތަފާތު 33 މައްސަލައެއް ހުށަހެޅިފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.

ފުލުހުން ބުނީ ފާއިތުވި 33 ގަޑިއިރުގެ ތެރޭގައި ހުށަހެޅުނު ވައްކަމުގެ މައްސަލަތަކުގެ ތެރޭގައި ހިމެނެނީ އަގުބޮޑެތި މުދަލާއި ގިނަ އަދަދުތަކުން ފައިސާ ވަގަށްނެގުމާއި މޮބައިލްފޯނު ވަގަށް ނެގުންފަދަ މައްސަލަތައް ކަމަށެވެ.

އެފަދަ ވައްކަންތައް ކޮށްފައި ހުރިގޮތަށް ބަލާއިރު މޯބައިލް ފޯނުފަދަ ތަކެތި އަދި ކޮމްޕިއުޓަރާއި އިލެކްޓްރޯނިކް ސާމާނުފަދަ ތަކެތި ވަގަށް ނަގާފައި ހުރިކަން ފާހަގަކުރެވިފައިވަނީ ސިޓިންރޫމުގައި ނުވަތަ ހާމަތަންތަނުގައި ބަހައްޓައި ގޭގެ ސިޓިންގރޫމް ނުވަތަ ކޮޓަރިފަދަ ތަންތަން ތަޅުނުލައި ހުރުމުގެ ސަބަބުން ކަމަށް ފުލުހުން ބުންޏެވެ.

ކަންއެހެން ހުރުމާ އެކު ރައްޔިތުން މިހާރަށްވުރެ ހޭލުންތެރިވެ މިފަދަ ކަންކަމަށް ސަމާލުކަންދީފިނަމަ މިއީ މަދުކުރެވިދާނެ ވައްކަންތަކެއްކަން ގަބޫލުކުރެވޭ ކަމަށް ވެސް ފުލުހުން ބުންޏެވެ. ޚާއްސަ ގޮތެއްގައި ނިދާ ގަޑިތަކުގައިވެސް އެފަދަ ތަކެތި ހާމައަށް ފެންނާނެހެން ނުބަހައްޓައި ރައްކާތެރިކަމާއެކު ބެލެހެއްޓޭނެ އިންތިޒާމެއް ހަމަޖައްސާފައި ބޭއްވުމަކީ އެފަދަ ތަކެތި ވަގުންގެ ކިބައިން ސަލާމަތް ކުރުމަށް އެޅޭނެ ވަރަށް ހަރުދަނާ ފިޔަވަޅެއް ކަމަށް ވެސް ފުލުހުން ބުންޏެވެ.

މާލޭގައި މިދުވަސްވަރު ވައްކަމުގެ މައްސަލަތައް ހުށަހެޅުން އިތުރުވަމުންދާތީ އެކަމަށް ހުރިހާ ރައްޔިތުން މިހާރަށްވުރެ ބޮޑަށް ހޭލުންތެރިވެ އެކަންކަމަށް އިތުރަށް ސަމާލުކަން ދިނުމަށް ފުލުހުންގެ ފަރާތުން ވަނީ އިލްތިމާސް ކޮށްފަ އެވެ.

ފުލުހުން ބުނީ މިދުވަސްވަރަކީ އީދުބަންދުގެ ދުވަސްވަރަށް ވެފައި ގިނަބަޔަކު ރަށުން ބޭރަށް ފުރައިގެން ގޮސްވާ ދުވަސްވަރަކަށް ވުމާއެކު ފުލުހުންވެސް މާލެތެރެ ބެލެހެއްޓުން އިތުރުކޮށް އިންޓެލިޖެންސުން ލިބޭ މައުލޫމާތުގެ އަލީގައިވެސް ވައްކަން ކުރަން އުޅޭ ފަރާތްތައް ހުއްޓުވައި ކުރެވޭ ވައްކަންތައް ހުއްޓުވުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

މަގުމަތި ބެލެހެއްޓުން އިތުރުކޮށް ވައްކަން ކުރަންއުޅޭކަމުގެ މައުލޫމާތެއް ފުލުހުންނަށް ލިބިއްޖެނަމަ އެތަނަކަށް ވީއެންމެ އަވަހަކަށް ގޮސް ކަންހިނގައިގެން އުޅޭގޮތް ބަލައި އެކަމުގައި ތުހުމަތު ކުރެވޭ ބަޔަކު ހޯދުމުގެ މަސައްކަތް ހުއްޓިނެތި ކުރަމުން އަންނަ ކަމަށް ވެސް ފުލުހުން ބުންޏެވެ.

ފުލުހުން މިމަސައްކަތުގައި ހަރަކާތްތެރިވިނަމަވެސް ވައްކަމުގެ މައްސަލަތަކަކީ ވަރަށް ރޭވިގެން ކުރަމުންދާ ކަމަކަށްވުމުން މިކަމުގައި ރައްޔިތުންގެ ފުރިހަމަ އެހީތެރިކަން ލިބުމަކީ ވަރަށް މުހިއްމު ކަމެއްކަމުގައި ކަމަށް ވެސް ފުލުހުން ބުންޏެވެ. މިފަދަ ކޮންމެ މަސައްކަތެއްގައިވެސް ރައްޔިތުންގެ ފަރާތުން ފުލުހުންނަށް ފުރިހަމަ އެއްބާރުލުން ދެމުންގެންދާކަން ފާހަގަކޮށް ފުލުހުން ވަނީ އެކަމަށް ޝުކުރު އަދާކޮށްފަ އެވެ.

ބަޔަކު ނުވަތަ މީހަކު ވައްކަން ކުރަން އުޅޭކަން އެއްވެސް ފަރާތަކަށް އެނގޭނަމަ 119 ނުވަތަ 3322111 އަށް ގުޅުއްވައި އެކަން ފުލުހުންނަށް އަންގަވައި ދެއްވުމަށްވެސް ފުލުހުން ވަނީ އިލްތިމާސްކޮށްފަ އެވެ.