ހައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށް ރާއްޖެއިން ސައުދީއަރަބިއްޔާ އަށް ދިޔަ ހުރިހާ ހައްޖާޖީން ވެސް މިހާރު ތިބީ އަރަފާތު ބިމުގައި ކަމަށް މައްކާގައި ހުންނަ ރާއްޖޭގެ ހައްޖު މިޝަނުން ބުނެފި އެވެ.

ސަން އަށް މައުލޫމާތު ދެއްވަމުން މައްކާގައި ހުންނެވި ދިވެހި ހައްޖު މިޝަންގެ އިސްވެރިއެއް ކަމަށްވާ އިމްރާން އާދިލް މިއަދު ވިދާޅުވީ ދިވެހި ހުރިހާ ހައްޖާޖީން މިވަގުތު ތިބީ ހައްޖުގެ މަތިވެރި އަޅުކަމަށް ތައްޔާރުވެގެން އަރަފާތު ބިމުގައި ކަމަށެވެ. އަދި އެހުރިހާ ހައްޖުވެރިންގެ ހާލު ވެސް ރަނގަޅު ކަމަށް އޭނާ ވިދާޅުވި އެވެ.

ހައްޖުގެ މާތް އަޅުކަން އަދާކުރުމަށްޓަކައި ހުރިހާ ހައްޖާޖީން ވެސް މިރޭ އިރުއޮއްސެންދެއް ތިބޭނީ އަރަފާތު ބިމުގައި އަޅުކަމުގަ އެވެ. އެއަށްފަހު މިރޭ އިރުއޮއްސުމުން އަރަފާތުން ނުކުމެ މުޒްދަލިފާއަށް ގޮސް މަގުރިބް ނަމާދާއި އިޝާ ނަމާދު ޖަމޫކޮށް ކުރާނެ އެވެ. އަދި މާދަމާ ހެނދުނު މިނާއަށް ދިއުމަށްފަހު ޖަމްރާއަށް ހިލައުކާނެ އެވެ.

ރާއްޖެ އިން މި އަހަރު 800 މީހުން ހައްޖުގެ އަޅުކަން އަދާކުރުމަށް ފުރާފައިވާ އިރު ހައްޖަށް މީހުން ގެންދިޔުމަށް އަށް ޖަމާއަތަކަށް ސަރުކާރުން ވަނީ ހުއްދަދީފަ އެވެ.