14 Oct 2013, 12:07
މިދިޔަ މަހުގެ ހަތް ވަނަ ދުވަހު ބޭއްވި ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރު ސުޕްރީމް ކޯޓުން ބާތިލްކޮށްފައި ވަނީ ގާނޫނު އަސާސީއާ ޚިލާފަށް ކަމަށް އެމްޑީޕީން ބުނެފައިވާތީ އެޕާޓީއާ މެދު ފިޔަވަޅު އެޅުމަށް އަދާލަތު ޕާޓީން ގޮވާލައިފި އެވެ.
އަދާލަތު ޕާޓީގެ ފަރާތުން ރޭ ބޭއްވި ނޫސްވެރީންގެ ބައްދަލުވުމެއްގައި އެ ޕާޓީގެ ނާއިބް ރައީސް ޑރ. މައުރޫފް ހުސައިން ވިދާޅުވީ ސުޕްރީމް ކޯޓުގެ ހުކުމް ގަބޫލުނުކުރާނެ ކަމަށް އެމްޑީޕީން ބުނެފައިވާ ކަމަށާއި އެއީ ގަބޫލުކުރެވޭނެ ކަމެއް ނޫންކަމަށެވެ.
"އެމްޑީޕީމް މިއޮންނަނީ ސުޕުރީމްކޯޓަށް ގޮންޖަހާފަ ނޫސްބަޔާނެއް ނެރެފަ، މިއީ ދުނިޔޭގެ ކޮން ގައުމެއްގަ ކަންތައް ކުރާ އުސޫލެއްތޯ. ސިޔާސީ ޕާޓީއަކުން މިއޮންނަނީ ސުޕުރީމް ކޯޓުގެ ރޫލިންއަކާ މުޅިން ޚިލާފުވުމަށް ގޮވާލާފަ. މިފަދަ އަމަލެއް ހިންގައިފިނަމަ އެއްވެސް ސިޔާސީ ޕާޓީއަކަށް ވިޔަސް އަދި މުއައްސަސާއަކަށްވިޔަސް ވަގުތުން އުވާލެވޭނެ. ދުނިޔޭގެ އެހެން ގައުމުތަކުގައި،" މައުރޫފް ވިދާޅުވިއެވެ.
ބޭރުގައުމުތަކުގައި އުސޫލުތައް ހަމަޖެހިފައި އޮންނަގޮތުން އެފަދަ އަމަލެއް ހިންގައިފިނަމަ އެއީ މުއައްސަސާއެއް ކަމަށް ވިޔަސް އަދި ސިޔާސީ ޕާޓީއެއް ކަމަށް ވިޔަސް ވަގުތުން އެތަނެއް އުވާލެވޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
މައުރޫފް ވިދާޅޫވީ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދަކީ ގާނޫނާއި ޚިލާފަށް އެތައްކަމެއް ކޮށްފައިވާ "މުޖުރިމެއް" ކަމަށާއި އެހެންކަމުން އެމަނިކުފާނު ވެރިކަމަށް ކުރިމަތިލެވުމަކީ ރާއްޖެއަށްއޮތް ބޮޑު ބިރެއް ކަމަށެވެ.