14 Oct 2013, 11:51
ރަށްވެހިވެފައިވާ ރަށް ނޫން އެހެންތަނެއްގައި ވޯޓުލާން ރަޖިސްޓްރީ ކުރުމަށް ފޯމް ހުށަހެޅުމަށްޓަކައި ދޫކުރި ހުރިހާ ޓޯކެން ނަންބަރުތަކަށް ޚިދުމަތްދީ ނިމިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފި އެވެ.
ސަން އަށް މައުލޫމާތު ދެއްވަމުން އިލެކްޝަންސް ކޮމިޝަންގެ ސެކްރެޓަރީ ޖެނެރަލް އާސިމް އަބްދުއްސައްތާރު ވިދާޅުވީ ހުރިހާ ޓޯކެން ނަންބަރުތަކަށް ޚިދުމަތްދީ ނިމިފައި ވަނީ މިއަދު ހެނދުނު 9:00 ޖަހާ އެހައިކަންހާއިރު ކަމަށެވެ.
އޭނާ ވިދާޅުވީ ޖުމްލަ 12،000 އަށް ވުރެ ގިނަ ޓޯކެން ނަންބަރުތަކަށް ޚިދުމަތް ދެވިފައިވާ ކަމަށާއި ފޯމްތައް ޕްރޮސެސްކުރުމުގެ މަސައްކަތް ހުއްޓުމެއް ނެތި ކުރިއަށްދާ ކަމަށެވެ.
"ރަށްވެހިވެފައިވާ ރަށް ނޫން އެހެންތަނެއްގައި ވޯޓުލާން ރަޖިސްޓްރީ ކުރުމަށް ފޯމް ހުށަހެޅުމަށްޓަކައި ދޫކުރި ހުރިހާ ޓޯކެން ނަންބަރުތަކަށް ޚިދުމަތްދީ ނިމިފައި ވަނީ. އެކަން ނިންމާލެވުނީ މިއަދު ހެނދުނު 9:00 ގައި. ޖުމްލަ 12،000 އަށް ވުރެ ގިނަ ޓޯކެން ނަންބަރުތަކަށް ވަނީ ޚިދުމަތް ދެވިފައި. ހުރިހާ ފޯމްތައް ޕްރޮސެސް ކުރުމުގެ މަސައްކަތް ހުއްޓުމެއްނެތި ކުރިއަށް ދަނީ،" އާސިމް ވިދާޅުވި އެވެ.
ރޭ ކުރި މަސައްކަތުން 30،000 އަށް ވުރެ ގިނަ ފޯމް ޕްރޮސެސް ކުރެވިފައިވާ ކަމަށާއި
ހޯމަ ދުވަހުގެ ނިޔަލަށް ހުރިހާ ފޯމްތައް ޕްރޮސެސްކޮށް ނިންމާލެވޭނެ ކަމަށް ލަފާކުރެވޭ ކަމަށް ވެސް އާސިމް ވިދާޅުވި އެވެ.
އާސިމް ވިދާޅުވީ ލަފާކުރެވޭ ގޮތުގައި ވޯޓުލުމުގެ ހައްގު ލިބިގެންވާ މީހުންގެ ފައިނަލް ލިސްޓު ތައްޔާރުކޮށް ހުރިހާ ރިޔާސީ ކެންޑިޑޭޓުންނަށް ހަވާލުކުރެވޭވަރުވާނީ ބުދަ ނޫނީ ބުރާސްފަތި ދުވަހު ކަމަށެވެ.
އޭނާ ވިދާޅުވީ ފޯމްތަކުގައި ޖަހާފައިވާ ފިންގާ ޕްރިންޓްގެ ސައްޚަކާމާ މެދު ސުވާލުއުފައްދައި އެއްވެސް ފަރާތަކުން ޝަކުވާއެއް ހުށަހަޅައިފިނަމަ ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރަޖިސްޓްރޭޝަން (ޑީއެންއާރް)އާ ގުޅިގެން އެ މައްސަލައެއް ހައްލު ކުރުމުގެ މަސައްކަތް ކުރައްވާނެ ކަމަށެވެ. ނަމަވެސް މިހާތަމަށް އެފަދަ ޝަކުވާއެއް އެއްވެސް ފަރާތަކުން ހުށަހަޅާފައި ނުވާކަމަށް ވެސް އާސިމް ވިދާޅުވި އެވެ.