ސޫރިޔާ ސަރުކާރާ ދެކޮޅަށް ހަނގުރާމަކުރަމުން ދާ ހަނގުރާމަވެރިންގެ ބަޔަކު އެގައުމުގައި ތިބި ރެޑްކްރޮސް ޖަމާއަތުގެ ހަތްމީހަކު ކިޑްނެޕްކޮށްފިއެވެ.

އޮފިޝަލަކާ ހަވާލާދީ އެސޯސިއޭޓެޑް ޕްރެސް ( އޭޕީ ) ބުނީ އިއްޔެ އެހަމީހުން ކިޑްނެޕްކުރީ ހަތިޔާރާއެކު އައި ހަނގުރާމަވެރިންގެ ބަޔަކު އެމީހުން ދަތުރުކުރި އުޅަނދު ހުއްޓުވުމަށް ފަހުގައި ކަމަށެވެ.

ސޫރިޔާގެ ވެރިރަށް ދިމިޝްޤުގައި ގާއިމްވެފައިވާ އިންޓަނޭޝަނަލް ކޮމިޓީ އޮފް ރެޑްކްރޮސްގެ ތަރުޖަމާނު ޝިމޯން ޝޯނޯ ވިދާޅުވި ކަމަށް އޭޕީ ބުނީ އެޖަމާއަތުގެ އިންސާނީ އެހީދޭ މަސައްކަތްތެރިންގެ ހަތްމީހުން ކިޑްނެޕްކޮށްގެން ބަޔަކު ގެންދިޔައީ އިދީބް ޕްރޮވިންސްގައިވާ ސަރަގިބް ނަމަކަށް ކިޔާ ރަށުގެ ކައިރިން ކަމަށެވެ. އޭރު ރެޑްކްރޮސްގެ ކޮންވޯއީ ދަތުރުކުރަމުން ދިޔައީ ސަރަގިބް އިން ދިމިޝްޤަށް ދިއުމަށް ކަމަށް ވެސް އޭނާ ވިދާޅުވެފައި ވެއެވެ. ކިޑްނެޕްކޮށްގެން ގެންގޮސްފައި ވަނީ ކޮން ގައުމުތަކެއްގެ ރައްޔިތުންނެއް ކަމެއް އޭނާ ވިދާޅުވެފައެއް ނުވެއެވެ. އޭނާ ވިދާޅުވެފައި ވަނީ އެއަމަލު ހިންގީ ކޮން ޖަމާއަތަކުން ކަން އަދި ނޭންގޭ ކަމަށެވެ.

މިމަހުގެ 10 ވަނަ ދުވަހުން ފެށިގެން އެސަރަހައްދުގައި ހަރަކާތްތެރިވަމުން އައި އެ ހަތްމީހުން ހަރަކާތްތެރިވަމުން އައީ ސަރަހައްދުގެ ސިއްހީ ހާލަތު ދެނެގަނެ، އެހީތެރިވެދެވޭނެ ގޮތްތައް ބެލުމަށް ކަމަށް ޝޯނޯ ވިދާޅުވެފައި ވެއެވެ.
އިދީބް ޕްރޮވިންސްގެ ރަށްފުށު ހިސާބުތައް ފަހަކަށް އައިސް ކޮންޓްރޯލްކުރަމުން ދަނީ ސޫރިޔާ ސަރުކާރާ ދެކޮޅު ހަނގުރާމަވެރިންނެވެ. އަދި އެސަރަހައްދުތަކުގައި މީހުން ކިޑްނެޕްކުރުން ވަނީ އާއްމުވެފައެވެ.