29 Nov 2010, 06:44
ވަކި ބައެއްގެ މައްސަލަތައް ކޯޓަށް ފޮނުވުމަށް އިސްކަން ނުދީ އެންމެންގެ މެދުގައި ހަމަހަމަ އުސޫލު ގެންގުޅުމަށް ޕްރޮސެކިއުޓާ ޖެނަރަލް [ޕީޖީ] އޮފީހަށް ކްރިމިނަލް ކޯޓުން އިލްތިމާސްކޮށްފި އެވެ.
ފުލުހުންގެ ވާޖިބަށް ހުރަސްއެޅިކަމުގެ ތުހުމުތުގައި ޑީއާރުޕީގެ ނާއިބު ލީޑަރު އަލީ ވަހީދާއި އެ ޕާޓީގެ ޕާލަމެންޓްރީ ގްރޫޕްގެ މެންބަރު އަހުމަދު މަހުލޫފުގެ މައްޗަށް ޕީޖީ އޮފީހުން ހުށަހެޅުއްވި ދައުވާ އަނބުރާ ގެންދިއުމަށް ބޭނުންވާ ކަމަށް ކްރިމިނަލް ކޯޓްގައި މިއަދު އޮތް ޝަރީއަތުގެ އަޑު އެހުމުގައި ޕީޖީ އޮފީހުން ބުނުމާ ގުޅިގެން ކްރިމިނަލް ކޯޓްގެ އިސް ގާޒީ އަބުދުﷲ މުހައްމަދު މިއަދު ޝަރީއތުގެ މަޖިލީހުގައި ވިދާޅުވީ ވަކި ބައެއްގެ މައްސަލަތަކަށް އިސްކަން ދީގެން ކޯޓްގައި ދައުވާ ނުކުރުމަށެވެ. އަދި އެފަދަ ދައުވާއެއް ކުރުމަށް ފަހު އަބުރާ ދައުވާ ގެންދިޔުމުން ކޯޓްގެ ވަގުތުތައް ވެސް ގެއްލޭ ކަމަށެވެ. އަދި ޕީޖީ އޮފީން ޒިންމާދާރު ވުމަށް ވެސް އަބްދުﷲ ގާޒީ ވަނީ އެދިވަޑައިގެންފަ އެވެ.
ޝަރީއަތުގެ މަޖިލީހުގައި ޕީޖީގެ ވަކީލު ވިދާޅުވީ އެފަދަ މައްސަލަތައް ކުރިންވެސް ހިނގާފައިވާ ކަމަށާއި ނަމަވެސް އެ މައްސަލަތައް ފުލުހުން ޕީޖީއަށް ފޮނުވާފައި ނުވާ ކަމަށެވެ. އަލީ ވަހީދާއި މަހުލޫފުގެ މައްސަލަ ޕީޖީން އަބުރާ ގެންދިޔައީ ގާނޫނު އަސާސީގައި ބުނެފައިވާ ހަމަހަމަ އުސޫލް ގެންގުޅުމަށް ކަމަށް ޕީޖީގެ ވަކީލު ވިދާޅުވި އެވެ.
އެ މައްސަލައިގެ އަޑުއެހުން ނިންމާލުމަށް ފަހު، ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން މަހުލޫފު ވިދާޅުވީ މުޒާހަރާތަކުގައި ފުލުހުންގެ ވާޖިބަށް ހުރަސް އަޅާ ކަމަށް ބުނެ، ޑީއާރުޕީއަށް ނިސްބަތްވާ މީހުންނާ މެދު ދައުވާކުރުމަށް ޕީޖީން މަސައްކަތް ކުރުމުން "ނުލާއި ރީދުލުގެ" ތަފާތު ވަރަށް ބޮޑަށް ފެނިގެންދާ ކަމަށެވެ.
އަދި އެބޭފުޅުންނާ މެދު ދައުވާ ކުރުމަށް ފަހު އަނބުރާ އެ ދައުވާ ގެންދިޔުމުން ދެ ވަނަ ފަހަރަށް މައްސަލަ ކޯޓަށް ވައްދައިފާނެ ކަމަށް ޝައްކު ކުރެއްވޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.