އިންޑިއާގެ ފަށްޅިއަކަށް ދިޔަ ބަޔަކު ހަނި ފާލަމެއްގެ މަތީގައި ފިތި ބާރުވެގެން 115 މީހުން މަރުވެއްޖެއެވެ.

ދަ ޓައިމްސް އޮފް އިންޑިއާ ނޫހުން ބުނީ އެގައުމުގެ މަދުޔަޕްރަދޭޝްގެ ދާތިއާ ޑިސްޓްރިކްޓްގައި ހުންނަ ރަތަންގަރް ފައްޅިއަށް ދަނިކޮށް ފިތިގެން މަރުވިމީހުންގެ ތެރޭގައި އަންހެނުންނާއި ކުޑަކުދިން ވެސް ހިމެނޭ ކަމަށެވެ. އެނޫހުން ބުނީ ސިންދުކޯރުގެ މަތިން އެފައްޅިއަށް ދާން އޮންނަ ފާލަން މަތީގައި މީހުން ފިތިބާރުވީ އިރު އެފާލަމުގެ މަތީގައި ލައްކައަކަށް ވުރެ ގިނަމީހުން ތިބި ކަމަށެވެ. އޭގެ ތެރޭގައި މަދުޔަޕްރަދޭޝްއާއި އެސްޓޭޓްގެ ކައިރީގައިވާ އުއްތަރުޕްރަދޭޝްގެ މީހުން ހިމެނޭ ކަމަށް ބުންޏެވެ.

މީހުން ފިތުނު ސަބަބެއް ކަމަށް ނޫހުގައި ވަނީ ފާލަން ވެއްޓޭ ކަމުގެ ޚަބަރެއް ފެތުރި މީހުން ކޮޅޮކޮޅަށް ދުވަން ފެށުމެވެ. އަދި ބައެއް މީހުން ފާލަމުން ފުންމާލައި، ޣަރަގުވެގެން މަރުވި ކަމަށް ވެސް ނޫހުގައި ވެއެވެ. މަރުވިމީހުންގެ އިތުރުން 100 އަށް ވުރެ ގިނަ މީހުން ޒަޚަމްވެފައި ވާއިރު އެމީހުންނަށް އެހީތެރިވުމަށް އެސަރަހައްދަށް ދިއުމަށް ފުލުހުންނަށް ދަތިތަކާ ކުރިމަތިވެފައިވާ ކަމަށް ވެސް އިންޑިއާގެ ނޫސްތަކުން ބުންޏެވެ.

ހާދިސާ ތަހުގީގުކުރުމަށް މަދުޔަޕްރަދޭޝްގެ ޗީފް މިނިސްޓަރު ޝިވްރާޖް ސިން ޗައުހާން ވަނީ ގޮވާލައްވާފައެވެ. އަދި ވެރިކަން ކުރާ ކޮންގްރެސް ޕާޓީގެ ލީޑަރު ވަނީ ހާދިސާއާ ގުޅިގެން ކަންބޮޑުވުން ފާޅުކުރައްވާފައެވެ.