ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރު ސެޕްޓެމްބަރު މަހުގެ ފުރަތަމަ ބޭއްވިއިރު އިންތިހާބު ވަރަށް އަމާންކަމާ އެކު ކުރިއަށް ދިޔަ ކަމަށް ސިޔާސީ ހުރިހާ ޕާޓީތަކުންނާއި އިންތިހާބުގެ އޮބްޒާވަރުންނަށް ވެސް ގަބޫލް ކުރެވުނެވެ. އެކަމަކު އެ އިންތިހާބުގެ ވަގުތީ ނަތީޖާ އިޢުލާން ނުކުރެވެނީސް އިންތިހާބުގައި ވާދަކުރި އެއް ޕާޓީން މައްސަލަތަކެއް ފުނި ޖައްސައިލި އެވެ. ނަތީޖާއަކަށް ވެގެން ދިޔައީ އިންތިހާބުގައި އޮޅުވާލުންތަކެއް ހުރި ކަމަށް ކަނޑައަޅައި، ސުޕްރީމް ކޯޓުން އިންތިހާބު ބާތިލްކޮށް އަލުން އިންތިހާބު ބާއްވަން ހުކުމް ކުރުމެވެ.

ސުޕްރީމް ކޯޓުން އިންތިހާބު އަލުން ބޭއްވުމަށް ކަނޑައަޅާފައިވާ ގައިޑްލައިނާ އެއްގޮތަށް ކަނޑައާޅާފައިވާ މުއްދަތުގެ ތެރޭގައި އިންތިހާބުގެ ކަންތައްތައް ރޭވުމުގައި މިހާރު ވެސް އިލެކްޝަންސް ކޮމިޝަނަށް ވަނީ ދަތިތަކަކާ ކުރިމަތިވެފަ އެވެ. މެދުކެނޑުމެއް ނެތި އެތައް ހާސް ބަޔަކު ރެޖިސްޓްރީ ކުރަން ޖެހިގެން ވެސް ވަނީ މައްސަލަތަކެއް ކުރިމަތިވެފަ އެވެ. ކުރު މުއްދަތެއް ރެޖިސްޓްރޭޝަންގެ މަރުހަލާއަށް ލިބިފައިވާއިރު ރަޖިސްޓްރޭޝަން ފޯމްތަކުގައިވާ ފިންގާ ޕްރިންޓްގެ މައްސަލަ މިހާރު ވެސް ބައެއް ސިޔާސީ ޕާޓީތަކުން ގެންދަނީ ކުރިމަތި ކުރަމުންނެވެ.

އިންތިހާބުގައި ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓްގެ ގޮތުގައި ވާދަކުރައްވާ އަބްދުﷲ ޔާމީން ވިދާޅުވި ގޮތުގައި ރީ- ރެޖިސްޓްރޭޝަންގެ ޕްރޮސެސް ތެރޭގައި ބައެއް ޕާޓީތަކުން އެއް ފަހަރާ 30،000 ފޯމް އަލުން ރެޖިސްޓްރޭޝަނަށް ހުށަހަޅަފައިވާއިރު އެ ފޯމްތަކުގެ ސައްހަކަން ދެނެގަތުމުގެ ކަންތައްތައް އިލެކްޝަންސް ކޮމިޝަނުން ކުރިއަށް ގެންދަނީ ވަރަށް ވެސް ޒިންމާދާރުކަން ކުޑަ ގޮތަކަށެވެ. އަދި ފޯމް ތަކުގެ ސައްހަކަން އިލެކްޝަނަށް ކަނޑަނޭޅޭ ނަމަ އިންތިހާބުގައި ބޭނުންކުރާ ވޯޓާސް ލިސްޓްގައި ސޮއިކުރެއްވުމާ މެދު ގޮތެއް ނިންމާނީ ޕާޓީގެ ކައުންސިލުން ކަމުގައި ޔާމިން ވަނީ ވިދާޅުވެފަ އެވެ.

ފިންގާ ޕްރިންޓްގެ މައްސަލާގައި ޔާމީންނާއި ޕީޕީއެމުން ދެކެވަޑައިގެންނަވާ ގޮތާއި ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓްގެ ރަނިންގް މޭޓް ޑރ. ހަސަން ސައީދު ދެކެވަޑައިގެންނަވާ ގޮތް ތަފާތެވެ. ހަސަން ވިދާޅު ވަނީ ފިންގާ ޕްރިންޓަކީ މައްސަލައެއް ޖެހިއްޖެ ހާލަތެއްގައި ވެރިފައި ކުރަން ޖަހާ އެއްޗެއް ކަމުގައިވާއިރު ހުރިހާ ފިންގާ ޕްރިންޓެއް ވެރިފައި ނުކުރެވުމަކީ މައްސަލައެއް ކަމަށް ޖޭޕީން ނުދެކޭ ކަމަށެވެ.

ރެޖިސްޓްރޭޝަން ފޯމްގައިވާ ހުރިހާ ފިންގާޕްރިންޓްގެ ސައްހަކަން ބެލުމުގެ ގާބިލްކަން އިލެކްޝަންސް ކޮމިޝަނާއި ކަމާ ގުޅޭ އެހެން މުއައްސަސަތަކަށް ވެސް ލިބިގެނެއް ނުވެ އެވެ. ނަމަވެސް އެމައްސަލަތަކަށް އޮތް ހައްލަކީ ކޮބައިތޯ ބެލުމުގެ ވިސްނުމެއް ނުވަތަ އެކަމާ ގުޅޭ ލަފާއެއް ސުޕްރީމް ކޯޓުން ހޯދަން ކޮމިޝަނުން އިންކާރުކޮށްފައި ވަނިކޮށް އެ ކޯޓުން ރޭ ވަނީ އެކަމާ ގުޅޭ އަމުރެއް ނެރެފަ އެވެ.

އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުއާދު ތައުފީގު ވިދާޅުވި ގޮތުގައި އެކޮމިޝަންގެ ވިސްނުން ހުރީ ސުޕްރީމް ކޯޓުގެ ގައިޑްލައިނާ އެއްގޮތަށް އިންތިހާބުގެ ކަންތައްތައް ކުރިއަށް ގެންދިއުމަށެވެ. އަދި ފިންގާޕްރިންޓްގެ މައްސަލައެއް އުޅޭ ކަމަށް ކޮމިޝަނަށް ޝައްކުކުރެވިއްޖެ ނަމަ އެ ފޯމެއްގެ ސައްހަކަން ބެލުމުގެ މަސައްކަތް ކަމާ ގުޅޭ ދާއިރާތަކާ ގުޅިގެން ކުރައްވާނެ ކަމަށް ފުއާދު ވިދާޅުވި އެވެ.

"ސުޕްރީމް ކޯޓުން އެވަނީ އަމަލު ކުރަންވީ ގޮތްތަކެއް ކަނޑައަޅައިފައި. އެކަންކުރަން ދަތިތަކާ ކުރިމަތި އެބަވޭ، ނަމަވެސް އަޅުގަނޑުމެންގެ ވިސްނުން ހުރީ ދަތިތަކާ ކުރިމަތިލައިގެން ވެސް ކޯޓުގެ އަމުރާ އެއްގޮތަށް އަމަލު ކުރުން، އަދި އެކަމާ ގުޅިގެން އިތުރު ސުވާލުތަކެއް އުފެއްދުމަކީ އަޅުގަނޑުމެންގެ ވިސްނުމެއް ނޫން. ރަޖިސްޓޭޝަންގެ މަރުހަލާގެ ތެރޭގައި ސިސްޓަމް ޑައުންވެގެން ޕްރޮސެސްއަށް ހުއްޓުމެއް އެރި. ނަމަވެސް އެއީ މައްސަލައެއް ކަމަށް އަޅުގަނޑުމެން ނުދެކެން،" އޭނާ ވިދާޅުވި އެވެ.

މިފަހަރު ބާއްވާ އިންތިހާބުގައި ވޯޓްލާން ނުކުންނަ މީހުންގެ އަދަދު ކުރީ ފަހަރު ނުކުން މީހުންގެ އަދަދަށް ވުރެ މަދު ވެދާނެތީ އެކަމުގެ ކަންބޮޑުވުންތައް ވެސް ވަނީ އިތުރުވެފަ އެވެ. ސަބަބުތަކެއް ވެސް ނެތި އެއް ނޫނެވެ. އޭގެ ތެރެއިން އެންމެ ބޮޑަށް ފާހަގަކޮށްލެވޭ އެއް ސަބަބަކީ އެމީހަކު ރަށްވެހިވެފައިވާ ރަށް ނޫން އެހެން ރަށެއްގައި ވޯޓްލާން ރަޖިސްޓްރީ ވުމަށް ލިބިފައިވާ މުއްދަތު ކުޑަ ކަމެވެ. ޔަގީނުން ވެސް ކުރިން ފަހަރުގެ އިންތިހާބުގެ ވޯޓް ލުން އަމާން ކަމާ އެކު ކުރިއަށް ދިޔަ ނަމަވެސް މިފަހަރުގެ އިންތިހާބާ މެދު މިހާރު ވެސް ބައެއް ފަރާތްތަކުން ގެންދަނީ ސުވާލުތައް އުފައްދަމުންނެވެ.

ނަމަވެސް ފުއާދު ވިދާޅުވީ ކުރިން ފަހަރު ރީ-ރެޖިސްޓްރޭޝަނަށް ހުޅުވާލި 40 ދުވަހުގެ ތެރޭގައި ގާތްގަނޑަށް 60،000 މީހުން ރަޖިސްޓްރީވެފައިވާއިރު މިފަހަރު ރީރެޖިސްޓްޜޭޝަންގެ ޕްރޮސެސްއަށް ލިބިފައިވަނީ ދެ ދުވަހާއި ބައި ކަމަށެވެ. ނަމަވެސް އެހާ ކުރު މުއްދަތަކާ އަޅާބަލާއިރު ކުރިން ފަހަރެކޭ ގާތްގަނޑަކަށް އެއް ވަރުގެ އަދަދަކަށް ފޯމްތައް ހުށަހަޅާނެ ކަމަށް ބެލެވިފައި ވާތީ އިންތިހާބުގައި ވޯޓްލާން ނުކުންނަ މީހުންގެ އަދަދު މިފަހަރު މަދުވެގެންދާނެ ކަމަށް ދެކެވަޑައިނުގެންނަވާ ކަމަށް ވެސް ފުއާދު ވިދާޅުވި އެވެ.

ސުޕްރީމް ކޯޓުގެ ގައިޑްލައިންނާ އެއްގޮތަށް އިންތިހާބުގެ ކަންތައްތައް، ބަންދު ދުވަސް ވަރެއްގައި ކުރަން ޖެހުމުން ވެސް ދަތިތަކަކާ ކުރިމަތިލާންޖެހިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ފާހަގަކޮށްފަ އެވެ. އޭގެ އިތުރުން ރީ-ރެޖިސްޓްރޭޝަންގެ ފޯމްތައް ބަލައިގަތުމުގެ ތެރޭގައި ދިމާވި ފިންގާ ޕްރިންޓްގެ މައްސަލައާ ގުޅިގެން ބައެއް ސިޔާސީ ޕާޓީތަކުން ކަންބޮޑުވުން ފާޅުކޮށްފައިވަނިކޮށް ސުޕްރީމް ކޯޓުން ވަނީ އިނގިލީގެ ނިޝާނުގެ ސައްހަކަން ޑީއެންއާރު މެދުވެރިކޮށް ކަށަވަރު ކޮށްދިނުމަށް އެދޭ ހާލަތްތަކުގައި އެކަން ކުރުމަށް އަމުރެއް ވެސް ނެރެފަ އެވެ.

ކަން މިހެން ހުރިއިރު އެހުރިހާ ފޯމްތަކެއްގެ ތެރެއިން އިނގިލީގެ ނިޝާން ސައްހަ ކުރަންޖެހޭ ފޯމްތައް ބެލުމަށްފަހު ކަނޑައެޅިފައިވާ މުއްދަތުގައި އިންތިހާބް ބޭއްވިދާނެތޯ މިހާރު މިވަނީ ސުވާލުއުފެދިފަ އެވެ.

މިފަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރާ ބައެއް ސިޔާސީ ޕާޓީތަކުން ރިޔާސީ ކެންޕެއިންނަށް ކުރަމުން ގެންދާ މަސައްކަތައް އެއް ކިބައިގައި އޮތް އިރު އެއް ޕާޓީން އަނެއް ޕާޓީއަށް ބަހުގެ ހަމަލާތައް ރައްދުކުރަމުން ގެންދާއިރު އެމްޑީޕީން ދަނީ ކެންޕެއިންގެ ހަރަކާތްތައް ފުޅާ ދާއިރާއެއްގައި ހިންގަމުންނެވެ. އެމްޑީޕީ ނޫން އެހެން ޕާޓީތަކުން ރިޔާސީ އިންތިހާބް އެއް ކެނޑިޑޭޓަކު ނެރުމުގެ ވިސްނުން ގެންގުޅޭ އިރު އެކަމަށް ވެސް އަދި މުޅިން ވަނީ ހައްލެއް ނުފެނިފަ އެވެ. އޭގެ ބަދަލުގައި ފެންނަމުންދަނީ ދެ ޕާޓީގެ ކޯޅުންތައް އިތުރުވެ ބަހުގެ ހަމަލާތައް ބަދަލުކުރަމުން ގެންދާ މަންޒަރެވެ.

ރައީސް މައުމޫން އަބްދުލްގައްޔޫމް ވިދާޅުވި ގޮތުގައި އެއް ކެންޑިޑޭޓަކު ނެރުމަކީ ޕީޕީއެމްގެ ހިޔާލުގައި އަބަދުވެސް އޮންނަ ކަމެއް ކަމަށާއި ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގެ ނަތީޖާ ނުކުތް ގޮތުން އެއް ކެންޑިޑޭޓަކު ނެރުމަށް ޕީޕީއެމްއިން ވަރަށް މަސައްކަތް ކުރިކަމާއި އެހެން ނަމަވެސް ބައެއް ބޭފުޅުންގެ ހިޔާލު ތަފާތުވުމުން އެކަން ވާގޮތް ނުވި ކަމުގަ އެވެ. ރިޔާސީ އިންތިހާބްގެ ފުރަތަމަ ބުރުގައި ޖުމްހޫރީ ކޯލިޝަނުން ބޭނުންވަނީ ރައީސް މުހައްމަދު ވަހީދު ނެރުމަށް ޕާޓީތަކުގެ މެދުގައި އެއްބަސްވުމަށް އައުމަށެވެ. ނަމަވެސް ޕީޕީއެމްގެ ވިސްނުން އެއާ މުޅިން ތަފާތުވެފަ އެވެ.

ސުޕްރީމް ކޯޓުގެ ހުކުމުގައިވާ ގޮތަށް އަންނަ ހޮނިހިރު ދުވަހު ރިޔާސީ އިންތިހާބްގެ ފުރަތަމަ ބުރު ބޭއްވުމަށްޓަކައި އިލެކްޝަންސް ކޮމިޝަނުން ގެންދަނީ ބުރަ މަސައްކަތްތަކެއް ކުރަމުންނެވެ. އަދި އިންތިހާބްގެ ކަންތައްތައް ވީހާވެސް އަމާން މާހަލެއްގައި ކުރިއެކޭ ވެސް އެއްގޮތަށް ބޭއްވިގެންދާނެ ދެކެވަޑައިގެންނަވާ ކަމަށް ފުއާދު ވިދާޅުވި އެވެ. އެހެން ކަމުން އެފުރުސަތު ހުރިހާ ޕާޓީތަކުން ވެސް ދޭން އެބަ ޖެހެ އެވެ.