އިލެކްޝަންސް ކޮމިޝަންގެ ސިސްޓަމް ޑައުންވުމަކީ ކުޑަ ކަމެއް ނޫން ކަމަށާއި އެކަން ހިނގާފައިވާ ގޮތް ކަމާ ބެހޭ ފަރާތްތަކުގެ ހާޒިރުގައި ބަލަން ޖެހޭނެ ކަމަށް ޕީޕީއެމް އިން ގޮވާލައިފި އެވެ.

ނަސަންދުރާ ޕެލެސް ހޮޓަލުގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޕީޕީއެމްގެ ކައުންސިލް މެމްބަރު އަހުމަދު ސިއްދީގު ވިދާޅުވީ މިއަދު އިލެކްޝަން ކޮމިޝަންގެ ސިސްޓަމް ޑައުންވެފައިވާ ހުރުމުގެ ސަބަބުން އެ ކޮމިޝަނަށް މަކަރު ހެދުމުގެ ފުރުސަތު ލިބިފައިވާ ކަމަށެވެ. އަދި އެކަން ހިނގާފައިވާ ގޮތް ކަމާބެހޭ ފަރާތްތަކަށް އޮޅުންފިލުވައި ދޭން ޖެހޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"އިލެކްޝަން ކޮމިޝަނުން އެބަޖެހޭ މިކަންތައް ވަރަށް ބޮޑަށް، މޯލްޑިވްސް ޕޮލިސް ސާވިސްއާ އެންސީއައިޓީ މެދުވެރިކޮށް އަދި ސިޔާސީ ޕާޓީގެ ޓެކްނިކަލް މީހުން މެދުވެރި ކޮށްގެން ވެސް މިކަންތައް 'ފްރައުޑް' ނުހިނގާނެ ގޮތަކަށް ހިނގާ ކަންތައްތަކެއް ކަމަށް އާއްމުންނަށް ޔަގީންކަންމަތީ ކުރިއަށް ގެންދަން،" އޭނާ ވިދާޅުވި އެވެ.

ސިސްޓަމް ޑައުންވުމުގެ ސަބަބުން ފޯމު އެންޓާ ކުރުމުގައި ދޫކުރާ ޓޮކެން ނަންބަރުތަކުގައި ވެސް މައްސަލަ ތަކެއް އުޅޭ ކަމަށް ވެސް ސިއްދީގު ވިދާޅުވި އެވެ. އެގޮތުން ސިސްޓަމް ޑައުންވުމުގެ ކުރިން ފޯމު ހުށަހެޅުމުގައި ދޫކޮށްފައިވާ ސީރިއަލް ނަންބަރު ޖަހާފައިވާ ރިސިޕްޓް ތަކުން ސިސްޓަމަށް އެންޓާ ކުރާވަރަކަށް އެނގިގެންދާ ކަމަށާއި ނަމަވެސް ސިސްޓަމް ޑައުންވުމަށްފަހު ދޫކުރަމުން އައި ސީރިއަލް ނަންބަރު ނުޖަހާ ރިސިޕްޓް ތަކުން ވެރިފައި ކުރެވޭނެ ގޮތެއް ނޯންނަ ކަމަށް އޭނާ ވިދާޅުވި އެވެ.

ސިއްދީގު އިތުރަށް ވިދާޅުވީ ކޮމިޝަންގެ ސައިޓް ޑައުންވުމުގައި ދިރާގު ނެޓްވޯކުގެ މައްސަލައެއް ނެތް އިރު އިލެކްޝަންސްގެ ބޭފުޅުން ކަމާބެހޭ ފަރާތްތަކަށް ސައިޓް ޑައުން ވަނީ ކީއްވެގެންތޯ އާއި ޑައުންވެފައިވާ އިރު ހިނގާފައިވާ ކަންތައްތައް ބަލައި އެންޓާ ކޮށްފައިވާ އެއްޗެހި ޗެކް ކުރަންޖެހޭ ކަމަށެވެ.

ސިސްޓަމް ޑައުންވުމުގެ އިތުރުން ރީ ރަޖިސްޓަރޭޝަންގައި އިތުރު މައްސަލަތަކެއް އެބަހުރި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އެގޮތުން ފޯމު ހުށަހެޅޭއިރު އެބޭފުޅުން "ގަޔާވާ" ސިޔާސީ ޕާޓީތަކުން 100 ފޯމާއި 200 ފޯމު އެއްފަހަރާއި ލެވޭ އިރު ރީ ރަޖިސްޓަރޭޝަން ކުރިއަށްދިޔަ އިރު އެކެއްގެ ފިންގާއެއް އެތަށް ފޯމެއްގައި ޕްރިންޓް ނަގަމުންދިޔަ ކަމަށާއި އެފޯމްތައް ވެސް އެ ކޮމިޝަނުން ބަލައިގެންފައިވާ ކަމަށް ސިއްދީގު ވިދާޅުވި އެވެ.

ބައްދަލުވުމުގައި އިންތިހާބު ކޮމެޓީގެ މެންބަރު މުހައްމަދު ތޮލާލު ވިދާޅުވީ އީސީގެ ސިސްޓަމްތައް މިހާރު ރަނގަޅުވެފައިވާ އިރުވެސް ސިސްޓަމްތަކަށް އެންޓާ ނުކޮށް މެނުއަލީ އެންޓާ ކުރަމުންދާ ކަމަށެވެ. އަދި ޕީޕީއެމްގެ ފޯމުތަކެއް އެންޓާ ކުރަމުން ވަކި ހިސާބަކަށް ދިއުމުން ސިސްޓަމް ޑައުންވުމަކީ ހައިރާންވާ ކަމެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އެމްޑީއޭގެ ނާއިބު ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ ކުޑަހުވަދޫ ދާއިރާގެ މެމްބަރު އަހްމަދު އާމިރު ވިދާޅުވީ ފިންގާ ޕްރިންޓް ވެރިފައި ކުރުމުގެ ގޮތްތައް އެބަހުރި ކަމަށާއި އެކަން ވެރިފައި ކުރުމުގެ ގޮތްތައް ނެތިއްޔާ އެކަމުގެ ބޭނުމެއް ނެތް ކަމަށެވެ.