14 Oct 2013, 00:33
އިނގިލީގެ ނިޝާނުގެ ސައްހަކަން ޑީއެންއާރު މެދުވެރިކޮށް ކަށަވަރު ކޮށްދިނުމަށް އެދޭ ހާލަތްތަކުގައި އެކަން ކުރުމަށް އަންގައި ސުޕްރީމް ކޯޓުން އަމުރެއް ނެރެފި އެވެ.
އުއްތަމަ ފަނޑިޔާރު އަހްމަދު ފާއިޒު ހުސައިން ސޮއިކުރައްވައި ސުޕްރީމް ކޯޓުން މިރޭ އެފަދަ އަމުރެއް ނެރެފައި ވަނީ އިލެކްޝަންސް ކޮމިޝަނާއި ކަމާބެހޭ އެންމެހައި ފަރާތްތަކުގެ މައްޗަށެވެ.
ސުޕްރީމް ކޯޓުން މިރޭ ކުރި އަމުރުގައި އެމީހަކު ރަށްވެހިވެފައިވާ ރަށް ނޫން އެހެން ރަށަކަށް ވޯޓުލުމަށްޓަކައި ރީ- ރަޖިސްޓްރީ ކޮށްދިނުން އެދި ހުށަހަޅާ ފޯމްތަކުގައި ޖަހަންޖެހޭ ފިންގާ ޕްރިންޓްތައް، ޑީއެންއާރް މެދުވެރިވެގެން ކަށަވަރުކުރުން އެދި ހުށަހެޅޭ ހާލަތްތަކާއި އަދި މިނޫންވެސް ސުޕްރީމް ކޯޓުގެ ގައިޑުލައިންތަކާ އެއްގޮތަށް ކަންތައްތައް ދާކަން ކަށަވަރު ކުރުމަށް އިންތިޚާބީ ޝަކުވާގެ ހައްގު ލިބިގެންވާ ފަރާތްތަކުން ހުށަހަޅާ ޝަކުވާތަކަށް ޖާގަ ދިނުމަށް ވަނީ އަންގާފަ އެވެ.
ގާނޫނު އަސާސީގެ 170 ވަނަ މާއްދާގެ (ހ) ގައި ބުނެފައިވާ ގޮތުގެމަތިން ނުރަނގަޅު ނުފޫޒުތަކަކުން އެއްކިބާވެފައިވާ އިންސާފުވެރި އަދި ދެފުއްފެންނަ އިންތިޚާބަކަށް ހެދުމަށްޓަކައި ރިޔާސީ އިންތިޚާބުގައި ވާދަކުރެވޭ ކެންޑިޑޭޓުން ނުވަތަ އެފަރާތްތަކުގެ މަންދޫބުންގެ އިތުރުން ދައުލަތުގެ ކަމާބެހޭ ފަރާތްތަކުގެ ބައިވެރިވުމާ އެއްބާރުލުމާ އެކު ކަށަވަރު ކުރަންޖެހޭ ކަމަށް ސުޕްރީމް ކޯޓުގެ ހުކުމްގައި ދީފައިވާ ގައިޑުލައިންތަކުގައި ބުނެފައިވާ ކަންތައް އޭގައި ބުނެފައިވާ ގޮތުގެމަތިން އިންތިޒާމް ކުރުމަށް އިލެކްޝަންސް ކޮމިޝަނާއި ކަމާބެހޭ ފަރާތްތަކަށް ވަނީ އަންގާފަ އެވެ.