ހައްޖުގެމަތިވެރި އަޅުކަން އަދާކުރުމަށް ރާއްޖެއިން ސައުދީއަރަބިއާ އަށް ދިޔަ ހުރިހާ ހައްޖާޖީންގެ ހާލު ރަނގަޅު ކަމަށް މައްކާގައި ހުންނަ ރާއްޖޭގެ ހައްޖު މިޝަނުން ބުނެފި އެވެ.

ސަން އަށް މައުލޫމާތު ދެއްވަމުން މައްކާގައި ހުރި ދިވެހި ހައްޖު މިޝަންގެ އިސްވެރިއެއްކަމަށްވާ އިމްރާން އާދިލް މިރޭ ވިދާޅުވީ ހުރިހާ ދިވެހި ހައްޖާޖީންގެ ހާލުވެސް ވަރަށް ރަނގަޅު ކަމަށެވެ. ހުރިހާ ހައްޖާޖީން މިވަގުތު ތިބީ ހައްޖުގެ މަތިވެރި އަޅުކަމަށް ތައްޔާރުވެގެން މިނާގައި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"މާތްﷲ ގެ ހެޔޮ ރަހުމަތްފުޅުން ހުރިހާ ހައްޖާޖީންގެ ހާލުވެސް ރަނގަޅު. ދިވެހި ހުރިހާ ހައްޖާޖީން ތިބީ މިނާގެ ޓެންޓްތަކުގައި،" އާދިލް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ހައްޖުގެ އަޅުކަން އަދާކުރުމަށް އަރަފާތުބިމަށް ދިއުމަށް ދިވެހި ހައްޖާޖީން މިރޭ ދަތުރުފަށާނެ ކަމަށާއި ހުރިހާ އިންތިޒާމެއްވެސް ވަނީ ރަނގަޅަށް ހަމަޖެހިފައި ކަމަށެވެ.

ރާއްޖެއިން މި އަހަރު 800 މީހުން ހައްޖުގެ އަޅުކަން އަދާކުރުމަށް ފުރާފައިވާ އިރު ހައްޖަށް މީހުން ގެންދިޔުމަށް އަށް ޖަމާއަތަކަށް ސަރުކާރުން ވަނީ ހުއްދަދީފަ އެވެ.

ސައުދީ ސަރުކާރުން ރާއްޖެއަށް އެންމެ ފުރަތަމަ ދީފައި ވަނީ 1000 މީހުންގެ ކޯޓާއެކެވެ. ނަމަވެސް މައްކާގެ ދެ ހަރަމްފުޅު ބޮޑުކުރުމުގެ މަސައްކަތް ކުރިއަށްދާތީ، ރާއްޖެ ހިމެނޭގޮތަށް ހުރިހާ ގައުމުތަކަށް ދިން ކޯޓާގެ ތެރެއިން 20 ޕަސެންޓް ވަނީ އުނިކޮށްފަ އެވެ.


ސައުދީ ސަރުކާރުން ކުރިން ދިން 1000 މީހުންގެ ކޯޓާގެ އިތުރުން ދެ ވަނަ ފަހަރަށް ރާއްޖެ އަށް 200 މީހުންގެ ކޯޓާ ދިން ނަމަވެސް ވަގުތު ކުޑަތަންވެގެން އެ މީހުންނަށް މި އަހަރު ހައްޖަށް ދެވޭ ގޮތް ވަނީ ނުވެފަ އެވެ.