ރިޔާސީ އިންތިޚާބަށް ކެންޕޭން ކުރުމުގެ ބަދަލުގައި ޖުމްހޫރީ ޕާޓީން އުޅެނީ ޕީޕީއެމާ ގުޅޭގޮތުން ހަގީގަތާ ޚިލާފު ވާހަކަތަކެއް ފަތުރަން ކަމަށް ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓުގެ ރަނިންމޭޓް ޑރ. މުހައްމަދު ޖަމީލް އަހްމަދު ވިދާޅުވެއްޖެ އެވެ.

ސަން އަށް މިރޭ ދެއްވި އިންޓަވިއުއެއްގައި ޑރ. ޖަމީލް ވިދާޅުވީ ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރު އަލުން ބޭއްވުމަށް ސުޕްރީމް ކޯޓުން ކުރި ހުކުމާ ގުޅިގެން އިންތިޚާބު އިއުލާން ކުރުމާއެކު މާބޮޑަށް ޒާތީވެގެން ޕީޕީއެމާ ގުޅޭގޮތުން ހަގީގަތާ ޚިލާފު އެތަކެއް ވާހަކަތައް ޖުމްހޫރީ ޕާޓީގެ ފަރާތުން ދައްކަމުން އަންނަ ކަމަށެވެ.

"މިހާ ހިސާބަށް އައިއިރުވެސް އަޅުގަނޑުމެންގެ ގައުމަށް ދިމާވެފައިވާ މައްސަލަތައް ހައްލުކުރުމަށް ސިޔާސީ ޖަމާއަތެއްގެ ހައިސިއްޔަތުން އަމިއްލައަށް މަސައްކަތް ކޮށްގެން ވޯޓު ހޯދައިގެން، އިންތިޚާބަށް ކުރިމަތިލައިގެން މަސައްކަތް ކުރުމުގެ ބަދަލުގައި މި ބުރު ހުޅުވުމާ އެކު އަޅުގަނޑުމެންނަށް ފެނިގެން މިދަނީ ތަފާތު ހަގީގަތާ ޚިލާފު ވާހަކަތައް ޕީޕީއެމަށް ނިސްބަތްކޮށް ޒާތީގޮތެއްގައި ޖުމްހޫރީ ޕާޓީން ދައްކަމުންގެންދާ ތަން،" ޑރ. ޖަމީލް ވިދާޅުވި އެވެ.

ޖުމްހޫރީ ޕާޓީގެ އަމަލުތައް ހުރިގޮތާމެދު ހިތާމަކުރައްވާ ކަމަށާއި އެމްޑީޕީއާ އިދިކޮޅު ފިކުރުގެ އެންމެން މިދަނޑިވަޅުގައި މަސައްކަތް ކުރަންވީ އެމްޑީގެ ކިބައިން ގައުމު ސަލާމަތް ކުރުމަށް ކަމަށް ވެސް ޑރ. ޖަމީލް ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ އެއްކެންޑިޑޭޓަކު ނުނެރެވުނީ ޕީޕީއެމްގެ ސަބަބުން ކަމަށް ބުނެ ޖުމްހޫރީ ޕާޓީގެ ފަރާތުން މިފަހަކަށް އައިސް ދައްކަމުން ގެންދާ ވާހަކަތަކަކީ އެއްވެސް ހަގީގަތެއް ނެތް ދޮގުވާހަކަތެއް ކަމަށެވެ.

ޖުމްހޫރީ ޕާޓީގެ ފަރާތުން ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމަށް އަމާޒުކޮށް ހަގީގަތާއި ޚިލާފު ވާހަކަތަކެއް ދައްކަމުންގެންދާ ކަމަށާއި ނަމަވެސް މިއަދާ ހަމައަށް ޕީޕީއެމްގެ ފަރާތުން އެޕާޓީގެ ރިޔާސީ ކެންޑިޑޭޓާ ގުޅޭގޮތުން ހަގީގަތާ ޚިލާފު އެއްވެސް ވާހަކައެއް ދައްކާފައިނުވާނެ ކަމަށް ވެސް ޑރ. ޖަމީލް ވިދާޅުވި އެވެ.

"ޖަލްސާތައް ޖުމްހޫރީ ކުނޫޒުތެރޭގައި ބާއްވައިގެން ޒާތީގޮތުން ސީދާ އަޅުގަނޑުމެންގެ ކެންޑިޑޭޓަށް އަމާޒުކޮށްގެން އެކި ބޭފުޅުން ލައްވައި، އެކި ވާހަކަތައް ދައްކަވަމުން ގެންދަވަނީ. މިއަދާ ހަމަށް އަށް ވެސް ޕީޕީއެމުން ޖުމްހޫރީއާ ބެހޭގޮތުން އެފަދަ އެއްވެސް ވާހަކައެއް ދައްކާފައެއް ނެތް،" ޑރ. ޖަމީލް ވިދާޅުވި އެވެ.

ހަގީތަށް ވާހަކަދެއްކުމުގެ ބަދަލުގައި ޖުމްހޫރީ ޕާޓީން މަސައްކަތް ކުރަނީ ޕީޕީއެމަށް ވޯޓު ދޭން ތިބި މީހުންނަށް ހަގީގަތް އޮޅުވާލުމަށް ކަމަށާއި އޭގެ ބަދަލުގައި އެޕާޓީން ކުރަންވީ ކަމަކީ ކެންޕޭން ކުރުން ކަމަށް ވެސް ޑރ. ޖަމީލް ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ އެމްޑީޕީއަށް ވެރިކަން ލިބިއްޖެނަމަ ދެން ވެގެންދާނެ ގޮތް އެންމެނަށް ވެސް އެނގޭ ކަމަށާއި ޖުމްހޫރީ ޕާޓީން މިހާރު ކުރަމުންދާ މަސައްކަތުގެ ނަތީޖާއަކަށް ވެގެންދާނީ އެމްޑީޕީއަށް ބާރުލިބިގެން ދިޔުން ކަމަށެވެ.

"އަޅުގަނޑުމެން އެންމެނަށް އެނގޭ އެމްޑީޕީ ވެރިކަމަށް އައިސްފިއްޔާ ދެން ވާނެ ގޮތް. މިއަދު ޖުމްހޫރީ ޕާޓީން ކުރަމުންދާ މަސައްކަތުގެ ނަތީޖާއަކަށް ވެގެންދާނީ އެމްޑީޕީ އަށް ބާރު ލިބިގެން ދިޔުން،" ޑރ. ޖަމީލް ވިދާޅުވި އެވެ.