މާލޭގެ ފަޅުގައި އޮތް ލޯންޗެއްގެ ތެރެއިން ގިނަ އަދަދެއްގެ ބަނގުރާ ފުޅިތަކެއް އަތުލައިގަނެ އެކަމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ ބަނގުރާ ފުޅިތައް އަތުލައިގެންފައި ވަނީ މިއަދު އިރުއޮއްސި 6:45 އެހައިކަންހާއިރު މާލޭގެ ޕެޓްރޯލް ޖެޓީއާ ދިމާ ފަޅުގައި އަޅާފައި އޮތް ސްޕޯޓްސް ފިޝިން އަށް ދާ ލޯންޗެއްގެ ތެރެއިން ކަމަށެވެ.

އެ ލޯންޗު ތެރެ ބަލައި ފާސްކުރި އިރު 79 ފުޅި ބަނގުރާ ފެނިފައިވާ ކަމަށެވެ. އެ މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ 24 އަހަރުގެ ފިރިހެނެއް ކަމަށް ވެސް ފުލުހުން ބުންޏެވެ.

މޯލްޑިވްސް ޕޮލިސް ސާވިސްގެ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓުން ދަނީ ތަހުގީގު އެ މައްސަލަ ކުރަމުންނެވެ.