ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބްގެ ކުރީގެ ކޯޗު ވެލިޒާ ޕޮޕޯފްގެ ކޯޗު ކަމުގައި އޮމާންގެ ޞޫރު ސްޕޯޓްސް ކްލަބް ކުޅުނު ފުރަތަމަ މެޗު 1-1 އިން އެއްވަރުވެއްޖެ އެވެ.

އުމުރުން 37 އަހަރުގެ ޕޮޕޯފް ޞޫރު ސްޕޯޓްސް ކްލަބްގެ ކޯޗު ކަމަށް ރަސްމީކޮށް ހަމަޖައްސާފައިވަނީ މިދިޔަ އަންގާރަ ދުވަހު އެވެ.

ހުކުރު ދުވަހު އޮމާން ފެޑެރޭޝަން ކަޕްގައި ޞޫރު ކުރި ހޯދާފައިވަނިކޮށް ފަންޖާ ކްލަބުން އެއްވަރު ކުރީ މެޗުގެ 88 ވަނަ މިނިޓުގަ އެވެ. ޕޮޕޯފް އޭނާގެ ފޭސްބުކް ޕޭޖުގައި ލިޔެފައިވަނީ، ފުރަތަމަ މެޗުން އެއްވަރުވުން އެއީ ރަނގަޅު ފެށުމެއް ކަމަށެވެ.

"އެންމެ ދެ ޓްރެއިނިން ސެޝަނަށް ފަހު ކުޅުނު ފުރަތަމަ މެޗުން ލީގު ފެވަރިޓުންގެ ތެރޭގައި ހިމެނޭ ފަންޖާ އަތުން މޮޅުވުމާ ދޭތެރޭ ހުރަހަކަށްވީ އެންމެ ދެ މިނިޓު. މިއީ ރަނގަޅު ފެށުމެއް. ހެއްދެވި ފަރާތަށް ޝުކުރު ކުރަން،" ޕޮޕޯފް ޕޯސްޓްކޮށްފައިވެ އެވެ.

މި ސީޒަންގައި ރާއްޖޭގެ ޑޮމެސްޓިކް އެއްވެސް މެޗަކުން ބަލިނުވެ ނިއުއަށް ދިވެހި ލީގާއި އެފްއޭ ކަޕް އަދި ކޮމިއުނިޓީ ޝީލްޑް ކާމިޔާބުކޮށްދިން ބަލްގޭރިޔާގެ ކާމިޔާބު ކޯޗު މީގެ ހަފްތާއެއް ކުރިން ނިއުގެ ކޯޗު ކަމުން ވަކިވީ ޞޫރު ސްޕޯޓްސް އިން ރަނގަޅު ހުށަހެޅުމެއް ލިބުމުންނެވެ.

ޞޫރު ސްޕޯޓްސް ކްލަބާއި ކުރިން ހަވާލުވެ ހުރި މިސްރު ކޯޗު އަޝްރަފް ކާސިމް އެޓީމުގެ ކޯޗުކަމުން ވަކިކުރީ އޭއެފްސީގެ ގަވާއިދަށް ފެތޭވަރުގެ ލައިސަންސެއް ނެތުމުގެ ސަބަބުންނެވެ. އޭއެފްސީ ގަވާއިދު ބުނާގޮތުން ޕްރޮފެޝަނަލް ލީގު ކްލަބެއްގެ ކޯޗަކަށް ވުމަށް އޭއެފްސީ "އޭ" ލައިސަންސް ބޭނުންވާނެ އެވެ.

ޞޫރު އިން ބުނެފައިވަނީ މިފަހަރު އެޓީމުގެ ކޯޗަކަށް ހަމަޖައްސާފައިވާނީ އޭއެފްސީ "އޭ" ލައިސަންސް އަށްވުރެ މަތީ ލައިސަންސް އެއް އޮތް ކޯޗެއް ކަމަށެވެ. ޕޮޕޯފް އަކީ ރަނގަޅު ސީވީ އަކާއެކު ޔުއެފާ ޕްރޯ ލައިސަންސް ހޯދާފައިވާ ކާމިޔާބު ކޯޗެކެވެ.

ނިއުގެ ކޯޗު ކަމުން ވިކިވިކަން އިއުލާނުކުރުމަށްފަހު ޕޮޕޯފް ބުނެފައިވަނީ، އޭނާގެ އެ ނިންމުމަކީ އުނދަގޫ ނިންމުމެއް ކަމަށާއި އެހެން ނަމަވެސް އާއިލާއަށްޓަކައި އެގޮތަށް ނިންމަން މަޖުބޫރުވީ ކަމަށެވެ.

ޕޮޕޯފް ބުނެފައިވަނީ އޮމާންގެ ޓީމާ ހަވާލުވުމަށްފަހު ރާއްޖޭގެ ކުޅުންތެރިންނަށް އޮމާންގެ ޓީމުތަކުން ފުރުސަތު ހޯދައިދިނުމަށް މަސައްކަތް ކުރާނޭ ކަމަށެވެ.