13 Oct 2013, 16:53
ރިޔާސީ އިންތިހާބުގެ ދެވަނަ ބުރު ބޭއްވުން ފަސްކުރުމަށް އަމުރުކޮށްފައި ވަނިކޮށް އިލެކްޝަންސްގެ އޮފިޝަލުން ތަކަކަށް މަރުގެ އިންޒާރުދެމުން ގެންދިޔަކަމުގެ ތުހުމަތުގައި 15 ނަމްބަރެއްގެ ހިދުމަތް ކަނޑާލައިފި އެވެ.
ކޮމިއުނިކޭޝަން އޮތޯރިޓީ އޮފް މޯލްޑިވްސް (ކޭމް) ގެ ޗީފް އެގްޒެކްޓިވް އިލްޔާސް އަހުމަދު މިއަދު "ސަން" އަށް ވިދާޅުވީ ހިދުމަތް ކަނޑާލާފައި ވަނީ އެކިއެކި ފަރާތްތަކަށް ފޯނުން ބިރު ދައްކައި މަރުގެ އިންޒާރުތައް ދެމުން ގެންދާ ކަމުގެ އެ އޮތޯރިޓީއަށް ޔަގީން ކުރެވިފައިވާ ނަމްބަރުތަކުގެ ހިދުމަތް ކަމަށެވެ. އަދި ހިދުމަތް މެދުކަނޑާލަނީ އެފަދަ މައްސަލަތައް ބެލުމަށް ފަހު ފުލުހުން އެދުމުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
" އަޅުގަނޑުމެންނަށް ވެސް ވަރަށް ގިނަ މައްސަލަތައް އެދުވަސް ކޮޅު ހުށަހެޅުނު. ފުލުހުން ވެސް އެބަހުރި ނަމްބަރުތަކެއްގެ މައްސަލަތަކެއް ހުށަހަޅާފައި. ވަރަށް ބޮޑު މައްސަލަތަކެއް އުޅޭ ނަމްބަރެއް ނޫނީ އަޅުގަނޑުމެން ސީދާ ފިޔަވަޅެއް ނާޅަން ފުލުހުންނަށް މައްސަލަ ހުށަހެޅުމަށް ފަހު ނޫނީ. އެއީ އެކަމަކީ ޖިނާއީ ކުށަކަށްވާތީ އެކަންކަމާ މެދު ޝަރުއީ މަރުހަލާއިން ފުރިހަމަ ކުރަންޖެހޭ ކަންތައްތަކެއް ވެސް ހުންނާނީ ފުލުހުންގެ އިދާރާއަށް މިފޮނުވަނީ،" އިލިޔާސް ވިދާޅުވި އެވެ.
ހިދުމަތް މެދުކަނޑާލި ނަމްބަރުތަކުގެ ތެރޭގައި ވަތަނިއްޔާ އަދި ދިރާގުގެ ނަމްބަރުތައް ވެސް ހިމެނޭ ކަމަށް އޭނާ ވިދާޅުވި އެވެ. ނަމަވެސް އެ ކަމުގެ ތަފްސީލެއް ނުދެއްވަ އެވެ.
ފޯނުން އެކި ފަރާތްތަކަށް ބިރުދެއްކުމާއި މަރުގެ އިންޒާރުދިނުން ފަދަ ކަންތައްތައް ކުރާނަމަ އެ މައްސަލައެއް ބެލުމަށް ފަހު އިތުރު އިންޒާރަކާ ނުލައި ހިދުމަތް ކަނޑާލާނެ ކަމަށް ކޮމިއުނިކޭޝަން އޮތޯރިޓީ އޮފް މޯލްޑިވްސް (ކޭމް) އިން ވަނީ ބުނެފަ އެވެ.