13 Oct 2013, 16:01
އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓް ހިންގާ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް)ގެ ހިއްސާ ވިއްކަން ހުއްދަ ހޯދަން ޕްރައިވެޓައިޒޭޝަން ބޯޑަށް ފިނޭންސް މިނިސްޓްރީން ހުށަހަޅައިފި އެވެ.
އެ މިނިސްޓްރީގެ އިސް އޮފިޝަލަކު މިއަދު ވިދާޅުވީ ސަރުކާރުގެ 100 ޕަސެންޓް ހިއްސާ އޮންނަ އެމްއޭސީއެލްގެ ހިއްސާ ވިއްކުމަށް ހުއްދަ ހޯދަން ޕްރައިވެޓައިޒޭޝަން ބޯޑަށް ހުށަހެޅީ މިދިޔަ ބުރާސްފަތި ދުވަހު ކަމަށެވެ.
"އެކަން މިހާރު ވަނީ އެ ބޯޑުގެ ދެން އޮންނަ ބައްދަލުވުމަކަށް އެޖެންޑާކުރަން ނިންމާފައި. އެކަމާ މެދު ވަރަށް އަވަހަށް ގޮތެއް ނިންމާނެ ކަމަށް ބެލެވޭ. އެ ބޯޑުން ނިންމާ ގޮތަކަށް ސަރުކާރުން އަމަލުކުރާނީ،" އޭނާ ވިދާޅުވި އެވެ.
އެ އޮފިޝަލް ވިދާޅުވީ އެމްއޭސީއެލްގެ ހިއްސާ ވިއްކަން ޕްރައިވެޓައިޒޭޝަން ބޯޑަށް ހުށަހެޅީ އެ ބޯޑުގެ ގާނޫނުގައިވާ ގޮތުގެ މަތިން އެ ބޯޑުގެ ރުހުން ހޯދުމަށް ކަމަށެވެ.
"އެ ފަރާތުން ބަލާނެ ހިއްސާ ވިއްކުމަށް ގާނޫނީ ގޮތުން އަމަލުކުރަން ޖެހޭނެ ގޮތް. އެކަން މިހާރު ވެސް ދަނީ ދިރާސާކުރަމުން،" އޭނާ ވިދާޅުވި އެވެ.
ޕްރައިޓައިޒޭޝަން ބޯޑުގެ މެމްބަރަކު ވިދާޅުވީ އެކަމާ ބެހޭ ގޮތުން އެއްޗެއް ދެންނެވޭނީ ބޯޑުގައި މަޝްވަރާކޮށް ގޮތެއް ނިންމުމަށްފަހު ކަމަށެވެ.
ފިނޭންސް މިނިސްޓަރު އަބްދުﷲ ޖިހާދު މިދިޔަ ހަފުތާގައި ވިދާޅުވެފައި ވަނީ އެމްއޭސީއެލްގެ 40 ޕަސެންޓް ހިއްސާ ދިވެހިންނަށާއި ދިވެހި ކުންފުނިތަކަށް ވިއްކަން ނިންމާފައިވާ ކަމަށެވެ.