13 Oct 2013, 15:34
މި މަހުގެ 19 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިޚާބުގައި ވޯޓުލާ މީހުންގެ ތެރެއިން ރަށްވެހިވެފައިވާ ރަށް ނޫން އެހެން ރަށެއްގައި ވޯޓުލާ މީހުން ރަޖިސްޓްރީ ކުރުމުގެ މަސައްކަތް ސިސްޓަމް ޑައުން ވުމުގެ ސަބަބުން ހުއްޓުމަކަށް އަތުވެއްޖެ އެވެ.
ސަން އަށް މައުލޫމާތު ދެއްވަމުން އިލެކްޝަންސް ކޮމިޝަންގެ އޮފިޝަލަކު ވިދާޅުވީ ސިސްޓަމް ޑައުންވެފައި ވަނީ ގާތްގަޑަކަށް 2:00 އެހައިކަންހާއިރު ކަމަށާއި އެ މައްސަލަ ހައްލު ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
އޮފިޝަލް ވިދާޅުވީ ސިސްޓަމްގެ މައްސަލަ ހައްލު ކުރެވުނުހާ އަވަހަކަށް ރަޖިސްޓްރީ ކުރުމަށް ހުށަހަޅާ ފޯމްތައް ބަލައިގަތުމުގެ މަސައްކަތް ފެށިގެންދާނެ ކަމަށެވެ.
ސިސްޓަމް ޑައުންވުމުގެ ސަބަބުން ރަޖިސްޓްރޭޝަންގެ މަސައްކަތް މެދުކަނޑާލި އިރު 2،500 އަށް ވުރެ ގިނަ ކިޔު ނަންބަރުތަކަށް ޚިދުމަތް ދެވިފައިނުވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ހުށަހެޅި ފޯމްތަކުގެ ތެރެއިން މިހާތަނަށް 20،000 އަށް ވުރެ ގިނަ ފޯމް ޕްރޮސެސް ކުރެވިފައިވާ ކަމަށެވެ.