އަންނަ ހޮނިހިރު ދުވަހު ބާއްވާ ރިޔާސީ އިންތިހާބު ކަވަރުކުރަން އަންނަ ބޭރުގެ ނޫސްވެރިންނާއި ފޮޓޯގްރާފަރުން އަދި ކެމެރާމަނުން ވިސާ ނަގަން ޖެހޭ ގޮތަށް އިމިގްރޭޝަން ޑިޕާޓްމަންޓުން ހަމަޖައްސައިފި އެވެ.

ކޮންޓްރޯލާ އޮފް އިމިގްރޭޝަން ޑރ. މުހައްމަދު އަލީ މިއަދު ވިދާޅުވީ ބޭރުގެ ނޫސްވެރިން މީގެ ކުރިން ޓޫރިސްޓް ވިސާ ރާއްޖެ އައިސް އިލެކްޝަން ކަވަރުކުރުމުގައި ހަރަކާތްތެރިވި ނަމަވެސް މިހާރު އާދެވޭނީ ބިޒްނަސް ވިސާ ނަގައިގެން ކަމަށެވެ. އަދި އޮބްޒާވަރުންގެ ގޮތުގައި އަންނަ މީހުންނަށް ވެސް ވިސާ ދޫކުރެވޭނީ ފޮރިން މިނިސްޓްރީގެ ހުއްދަ ދިނުމުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"މީގެ ކުރިން އަޅުގަނޑުމެން ވިސާ ދެނީ އިލެކްޝަންސް އިން ފޮނުވާ ލިސްޓަކަށް ބަލައިގެން. ނަމަވެސް މިހާރު އެގޮތަށް އަމަލުކުރެވޭކަށް ނެތް. ޓޫރިސްޓު ވިސާގައި އައިސް އިންތިހާބު ކަވަރުކުރުމުގެ ފުރުސަތެއް ނުދެވޭނެ. އެކަން މިހާރު ވާނީ ކަމާ ބެހޭ ފަރާތްތަކަށް އަންގާފައި،" ކޮންޓްރޯލަރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އިންތިހާބު ކަވަރުކުރަން އަންނަ ނޫސްވެރިން ވިސާ ހޯދަން ހުށަހެޅުމުން ހަމަޖެހިފައިވާ އުސޫލްގެ ތެރެއިން ވިސާ ދޫކުރާނެ ކަމަށެވެ. އަދި އޮބްޒާވަރުންގެ ގޮތުގައި އަންނަ މީހުން ވެސް ފޮރިން މިނިސްޓްރީގެ ހުއްދައާއެކު ހުށަހެޅުމުން ވިސާ ދޫކުރާނެ ކަމަށް ކޮންޓްރޯލަރު ވިދާޅުވި އެވެ.

މިދިޔަ މަހުގެ ހަތްވަނަ ދުވަހު ބޭއްވި ރިޔާސީ އިންތިހާބު ކަވަރުކުރުމަށް ބޭރުގެ ގިނަ އަދަދެއްގެ ނޫސްވެރިން ރާއްޖެ އައިސްފައިވެ އެވެ. އަދި ބޭރުގެ އެކި ޖަމާއަތްތަކުގެ ގިނަ އަދަދެއްގެ އޮބްޒާވަރުން ވެސް ރާއްޖެ އައިސް ހަރަކާތްތެރިވެފައިވެ އެވެ.