އިލެކްޝަންސް ކޮމިޝަންގެ ލީގަލް ސެކްޝަންސްގެ ހެޑް ހަނީފާ ހާލިދު، މި މަހުގެ 19 ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިޚާބާއި ގުޅުން ހުރި ކަންކަމުގައި މަސައްކަތް ކުރަމުންދާ ކަމަށް އިލެކްޝަންސް ކޮމިޝަން އިން ބުނެފި އެވެ.

ސަން އަށް މައުލޫމާތު ދެއްވަމުން އިލެކްޝަންސް ކޮމިޝަންގެ ސެކްރެޓަރީ ޖެނަރަލް އާސިމް އަބްދުއްސައްތާރު ވިދާޅުވީ ހަނީފާ އާއި ގުޅޭ ގޮތުން ކޮމިޝަނަށް ހުށަހެޅިފައި ހުރި މައްސަލަތައް މިހާރު ބަލާ ނިމިފައިވާ ކަމަށެވެ. އެ މައްސަލަތައް ބެލުމަށް ފަހު އޭނާއާއި ދޭތެރޭ އިދާރީ ގޮތުން ފިޔަވަޅު ތަކެއް އަޅާފައި ވާނެކަމަށް ވެސް އާސިމް ވިދާޅުވި އެވެ.

"ހަނީފާ އާއި ގުޅޭ ގޮތުން ކޮމިޝަނަށް ހުށަހެޅިފައިވާ މައްސަލަ ތައް މިހާރު ވަނީ ބަލާ ނިމިފައި. އަދި އިދާރީ ގޮތުން ވަނީ ހަނީފާއި މެދު ފިޔަވަޅު އަޅާފައި،" އާސިމް ވިދާޅުވި އެވެ.

ހަނީފާއާއި މެދު އިދާރީ ގޮތުން ފިޔަވަޅެއް އަޅާފައިވާ ކަމަށް އާސިމް ވިދާޅުވި ނަމަވެސް އެއީ ކޮށް ފިޔަވަޅެއް ކަމެށް އޭނާ ވިދާޅެއް ނުވެ އެވެ.

އާސިމް ވިދާޅުވީ ހަނީފާއާ ގުޅޭ ގޮތުން ހުށަހެޅިފައިވާ މައްސަލަތައް ބަލައި ނިމުމަށް ފަހު އޭނާއާއި މެދު ފިޔަވަޅު އެޅިފަހުން އޭނާއާ ގުޅޭ ގޮތުން އެއްވެސް ޝަކުވާ އެއް އަދި އެއްވެސް މައްސަލައެއް ކޮމިޝަނަށް ހުށަހަޅާފައި ނުވާ ކަމަށެވެ.

އިލެކްޝަންސް ކޮމިޝަންގެ ލީގަލް ސެކްޝަންގެ ހެޑް، ހަނީފާއާ ގުޅޭ ގޮތުން ކުރިން ވަނީ ގިނަ ޝަކުވާތަކެއް ހުށަހެޅިފަ އެވެ. އެގޮތުން އޭނާ ފުލުހުންގެ މުއައްސަސާގެ އަގުވެއްޓޭ ގޮތަށް އަމަލުކޮށްފައިވާ ކަމަށް ބުނެ، އޭނާގެ ސުލޫކީ މައްސަލައެއް ފުލުސް އޮފީހުން އެޓާނީ ޖެނަރަލްގެ އޮފީހަށް ވަނީ ފޮނުވައިފަ އެވެ.

ހަނީފާއާ ގުޅޭ ގޮތުން ޕީޕީއެމުން ވެސް ވަނީ މައްސަލަތަކެއް ހުށަހަޅައިފަ އެވެ. އެ ޕާޓީން ބުނެފައި ވަނީ ޕީޕީއެމްގެ ރައީސް އަދި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާ ބެހޭ ގޮތުން ވަރަށް ބޭއަދަބީ ގޮތަކަށް ހަނީފާ ޓުވީޓްކޮށްފައިވާ ކަމަށެވެ. އަދި އެނޫން ވެސް ވަރަށް ގިނަ ޝަކުވާތައް ހަނީފާއާ ގުޅޭ ގޮތުން ސިޔާސީ ޕާޓީތަކުން ދަނީ ކުރަމުންނެވެ.