29 Nov 2010, 05:01
މާލޭ އިންޓަނޭޝަނަލް އެއާޕޯޓް ޖީއެމްއާރަށް 25 އަހަރަށް ކުއްޔަށް ދިނުމުން ދިވެހިންގެ ދީނާއި މިނިވަން ކަމާއި އިސްތިގުލާލު ގެއްލިގެން ހިނގައިދާނެ ކަމުގެ އިންޒާރު ޖުމްހޫރީ ޕާޓީން ދީފި އެވެ.
އިންޑިއާގެ ޖީއެމްއާރު ކުންފުންޏަށް މާލޭ އިންޓަނޭޝަނަލް އެއާޕޯޓް ހަވާލުކޮށްފައިވާތީ އެކަމާ ގުޅޭގޮތުން ޖުމްހުރީ ޕާޓީން ދެކޭގޮތް ހާމަކުރުމަށް އެ ޕާޓީން އިއްޔެ ބޭއްވި ނިއުސް ކޮންފަރެންސެއްގައި، ދާދިފަހުން އެ ޕާޓީއާ ގުޅިވަޑައިގަތް ރައްޔިތުން މަޖުލީހުގެ ފަރެސްމާތޮޑާ ދާއިރާގެ މެންބަރު އިބްރާހިމް މުއްތޮލިބު ވިދާޅުވީ އެފަދަ ވިޔަފާރީގެ މުއާމަލާތްތަކުގެ ސަބަބުން އާހިރުގައި ދުނިޔޭގެ ބައެއް ގައުމުތަކަށް ދިމާވެފައިވާ އިސްތިއުމާރުގެ މައްސަލަތައް މިގައުމަށް ވެސް ކުރިމަތިވެގެން ހިނގައިދާނެ ކަމަށާއި ދިވެހިންގެ ތާރީހުގައި ވެސް އެފަދަ ކަންކަން ހިނގައިގާފައިވާ ކަމަށެވެ.
"މިފަދަ ޕުރޮޖެކްޓްތަކުން އަޅުގަނޑުމެންނަށް ލިބޭ ގެއްލުން އިނގޭނީ އިހްސާސްނުވާ ގޮތަށް މަޑުމަޑުން މަޑުމަޑުން ގޮސް ވަރަށް ބޮޑުގެއްލުމެއް ވާފަހުން. [އެކަން ނިމޭފަހުން] އެކަމުގެ ނަތިޖާއާ ހަމައަށް އާދެވި، އެކަމާ ދޭތެރޭގައި ވިސްނާލެވޭނީ. އަޅުގަނޑުމެންނަށް މިފަދަ ކަންތައްތަށް ފެންނައިރު ފެންނާނީ ގައުމު ހަލާކުކޮށްލާ ބިޔަ ރާޅެއްގޮތަށް. އޭރުން އަޅުގަނޑުމެނަށް އޮންނާނީ ރާޅު ބިންދާލާ ހިސާބަށް ގޮސްފައި. އޭރުން އެއް ރާޅުން އަނެއް ރާޅަށް ސަލާމަތްވުމަށް ހެދޭނެ ގޮތެއް ނޯންނާނެ. އޭރުން އެޅޭނެ އެއްވެސް ފިޔަވަޅެއް ނޯންނާނެ. މިއީ އަޅުގަނޑުމެންގެ ގައުމުގެ އިސްތިގުލާލު ހިމާޔަތް ކުރުމަށްޓަކައި މިއަދު ކުރަން ޖެހިފައި އޮތްކަމެއް،" މުއްތޮލިބު ވިދާޅުވި އެވެ.
މާލޭ އިންޓަނޭޝަނަލް އެއާޕޯޓުގެ ވިޔަފާރީގެ އެއްބަސްވުން އޮތްގޮތުން ހުޅުލެ ރަށެއްގެ ގޮތުގައި ތަރައްގީ ކުރެވި އެތަނުން ގެދޮރާއި ހޮސްޕިޓަލާއި ސުކޫލުގެ ހިދުމަތްތައް ލިބޭ ގޮތަށް އެރަށް ބިނާކުރުމުން އެހެން ދީންތަކާއި ގައުމުތަކުގެ މީހުން ހުޅުލެއިން ގެދޮރު ގަނެ އެތަނުގައި ވަޒަންވެރިވުމުގެ ފުރުސަތު އެބައޮތް ކަމަށާއީ އެއީ ދިވެހިންގެ އަމިއްލަ މިނިވަންކަމަށް އޮތް ނުރައްކަލެއް ކަމަށް މުއްތޮލިބު ފާހަގަ ކުރެއްވި އެވެ. އަދި އެއީ ދޫކޮށްލައިގެން ހިމޭނުން ތިބެވޭނޭ މައްސަލައެއް ނޫންކަމަށް ވިދާޅުވަމުން މުއްތޮލިބު ވަނީ އެންމެހާ ދިވެހިން އެކަމާ ދެކޮޅަށް ނުކުތުމަށް ގޮވައިލައްވައިފަ އެވެ.
މީޑިއާގައި އިދިކޮޅު އިއްތިހާދާ ގުޅޭގޮތުން ފެތުރެމުން އަންނަ ވާހަކަތަކާ ގުޅޭ ގޮތުން ސަން އޮންލައިނުން ދެންނެވި ސުވާލަކަށް ޖަވާބުދެއްވަމުން މުއްތޮލިބު ވަނީ އެއީ އެއްވެސް ހަގީގަތެއް އެކުލެވޭ ވާހަކަތަކެއް ނޫންކަމަށާއި އެފަދަ ވާހަކަތައް މީޑިއާގައި ފަތުރަމުން ގެންދަނީ އިދިކޮޅު އިއްތިހާދު ބައިބައިކޮށްލައި އެއާޕޯޓް އަނބުރާ ދިވެހިންނަށް ހޯދައިދިނުމަށް ކުރަމުން ގެންދާ މަސައްކަތް ހުއްޓުވާލުމަށްޓަކައި ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ޖުމްހޫރީ ޕާޓީން އެންމެ ފުރަތަމަ ދުވަހުން ފެށިގެން ވެސް މަސައްކަތް ކުރަމުން ގެންގޮސްފައި ވާނީ އެއާޕޯޓް ކުއްޔަށް ދިނުމާ ދެކޮޅަށް ވެސް އޭނާ ވިދާޅުވި އެވެ.
"މިގައުމުގައި މިއަދު އެޑްވައިޒަރުންގެ ގޮތުގައި މަސައްކަތް ކުރަމުން ދަނީ ޔަހޫދީން. ޔަހޫދީންގެ އަބަދުވެސް ވިސްނުމަކީ އެއްބަޔަކު ކުރާ ކަންކަން މަތިއެޅުވުމަށްޓަކައި އެހެންކަމެއް ނެރުން. ތިޔަ ޓިކެޓްތަކާއި އެއްޗި ލީކްވީމާ ރައްޔިތުންގެ ސަމާލުކަން ދާނެ އެހެން ދިމާލަކަށް. ޔަހޫދީންގެ ރޭވުމުގެ މަތިން މިގައުމު މި ހިނގަނީ. އެހެންވެ ވާހަކަ ދައްކަން ތެދުވަން މިޖެހެނީ. ޔަހޫދީންގެ ވިސްނުމުގައި މިގައުމުގައި ގިނަ ކަންތައްތައް ކުރަނީ،" މުއްތޮލިބު ވިދާޅުވި އެވެ.
އެ ނޫސްސްކޮންފަރެންސްގައި ސަރުކާރުން ޖީއެމްއާރަށް އެއާޕޯޓް ކުއްޔަށް ދިނުމުގެ ސަބަބުން ރާއްޖެ ވަންނަ ގިނަ އަދަދެއްގެ ބޭރު ފައިސާ ރާއްޖެ އިން ބޭރުވުމުން ޑޮލަރުގެ ދަތިކަމަށް އިތުރު ތާށިކަމެއް އަންނާނެކަން ފާހަގަކުރަމުން އެ ޕާޓީން ވަނީ އެކަމާ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. އަދި އެއީ ސަރުކާރަށް އެނގިގެން ގަސްތުގައި ވަކިބަޔަކަށް ފައިދާތަކެއް ހޯދައިދިނުމުގެ ނިޔަތުގައި ކޮށްފައިވާ ކަމެއްކަމަށް ޖެމްހޫރީ ޕާޓީން ތުހުމަތު ކުރި އެވެ.
"ދިވެހިންނަށް ހުރިހާކަމެއް ކޮށްދިނުމަށްޓަކައި ކީއްކުރަން ބާއޭ ވިޔަފާރި ކުންފުންޏަކުން އެތަން ދިނީ. އަޅުގަނޑުމެން ވަރަށް ސާފުކަމާ އެކު މިދަންނަވަނީ މިއީ ވަރަށް ގޯސް ރޭވުންތަކެއް އޮވެގެން ވަކި ބަޔަކަށް ފައިދާތަކެއް ހޯދައިދިނުމަށް ކޮށްގެން އުޅޭ ކަމެކޭ. ކަޑައެޅިގެން ސަރުކާރަށް އިނގޭނެ ދިވެހިންނަށް މިކަމުން އެއްވެސް ފައިދާއެއް ނެތްކަން." މި ސަރުކާރުގެ ސްޓޭޓް މިނިސްޓަރެއްގެ ނާއިބެއްގެ ގޮތުގައި ހުންނެވުމަށް ފަހު، އެ މަގާމުން އިސްތިއުފާ ދެއްވައި ދާދިފަހުން ޖުމްހޫރީ ޕާޓީގެ ސެކްރެޓަރީ ޖެނެރަލް ކަމާ ހަވާލުވި ފުއާދު ގާސިމް ވިދާޅުވި އެވެ.
ދިވެހިންގެ ރަމްޒެއްކަމުގައި ހިމެނޭ މާލޭ އިންޓަނޭޝަނަލް އެއާޕޯޓް ޖީއެމްއާރަށް ކުއްޔަށް ދިނުމުގައި އެ އެއާޕޯޓުގެ ނަން ބަދަލުކުރުމުގެ އިހުތިޔާރު ޖީއެމްއާރު ކުންފުންޔަށް ދީފައިވާތީ އެކަމަށް ފާޑުކިޔަމުން ޖުމްހޫރީ ޕާޓީން އެއާޕޯޓް އަނބުރާ ހޯދުމުގައި ކޮންމެ ފަދަ ގުރުބާނީއެއް ވުމަށް ވެސް ތައްޔާރަށް ތިބިކަމަށާއި އެކަމުގެ ފުރިހަމަ ޔަގީންކަން ފުރިހަމަ އިތުބާރު ރައްޔިތުންނަށް މުއްތޮލިބު ދެއްވި އެވެ.
"އަޅުގަނޑުމެން ބޭނުންވާނެތޯ ބޭރުން އައިސް ޖީއެމްއާރު އިންޓަނޭޝަނަލް އެއާޕޯޓަށް ފައިބަން. އެކަކު ވެސް ބޭނުމެއް ނުވާނެ. މިކަމުގައި ކޮންމެފަދަ ގުރުބާނީއެއް ވުމަށް ވެސް މިތިބީ ތައްޔާރަށް. އެކަމުގެ ޔަގީންކަން ދިވެހި ރައްޔިތުންނަށް އަރުވަން." މުއްތޮލިބު ވިދާޅުވި އެވެ.