ޔޮޓް ޓުއާސް މޯލްޑިވްސް އިން ހިންގާ ހއ. އަލިދޫ ރިސޯޓާއި ކުޑަރަށް ރިސޯޓުގެ ކުލި ނުދައްކައިގެން ސިވިލް ކޯޓަށް ހުށަހަޅާފައިވާ މައްސަލަ އަނބުރާ ގެންނަން ނިންމާފައިނުވާ ކަމަށް މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން މިއަދު ބުނެފި އެވެ.

އަލިދުއާއި ކުޑަރަށުގެ ކުއްޔާއި ޖޫރިމަނާ ނުދައްކައިގެން އެ ދެރަށުގެ އެއްބަސްވުން ބާތިލްކޮށްފައިވަނިކޮށް، ދެ ފަރާތުން ކޯޓުން ބޭރުގައި މައްސަލަ ހައްލުކޮށް، މިދިޔަ އަންގާރަ ދުވަހު ސެޓްލްމަންޓް އެގްރީމަންޓްގައި ސޮއިކޮށްފައިވާ ކަމަށް ޔޮޓް ޓުއާސް އިން އިއްޔެ ބުނެފައިވެ އެވެ. އަދި ދެ ފަރާތުން ކުރިން ސޮއިކޮށްފައިވާ އެޑެންޑަމަށް އަމަލުކުރުމަށާއި ދެ ރަށާ ގުޅިގެން މީރާއިން ކުރަމުން އަންނަ ދައުވާތައް އަނބުރާ ގެނެސް އިތުރު ދައުވާއެއް ނުކުރުމަށް ދައުލަތުން އެއްބަސްވެފައިވާ ކަމަށް ވެސް އެ ކުންފުނިން ނެރުނު ނޫސްބަޔާނުގައި ބުނެފައިވެ އެވެ.

މީރާގެ ޑެޕިއުޓީ ކޮމިޝަނާ ޖެނެރަލް ހަސަން ޒަރީރު ވިދާޅުވީ ޔޮޓް ޓުއާސް އާއި ޓޫރިޒަމް މިނިސްޓްރީއާ ދެމެދު އެގްރިމަންޓެއްގައި ސޮއިކުރި ނަމަވެސް މީރާއިން ކޯޓަށް ހުށަހަޅާފައިވާ ދައުވާ އަނބުރާ ގެންނަން ނިންމާފައިނުވާ ކަމަށެވެ.

"އެކަމާ ގުޅޭ ގޮތުން އަޅުގަނޑުމެންނާ އެއްފަހަރު މަޝްވަރާކުރި. ނަމަވެސް އެ ބައްދަލުވުންތަކުގައި ވެސް ބުނެފައެއްނުވާނެ ދައުވާ އަނބުރާ ގެންނާނެ ކަމަށް. ދައުވާތައް އަނބުރާ ގެންނަން އަޅުގަނޑުމެން ޖެހޭނެ މީރާގެ ބޯޑުގައި މަޝްވަރާކުރަން،" އޭނާ ވިދާޅުވި އެވެ.

ޒަރީރު ވިދާޅުވީ ޔޮޓް ޓުއާސްގެ ދައުވާތައް އަނބުރާ ގެނެވޭނީ ކެބިނެޓުން އެކަމާ ގުޅޭ ގޮތުން އުސޫލެއް ކަނޑައަޅައި އެކަން އެންގުމުން ކަމަށެވެ.

"މީރާގެ ސްޓޭންޑަކީ އެކަމާ ގުޅޭ ގޮތުން ކެބިނެޓުން އުސޫލެއް ކަނޑައަޅާފައި އެންގުމުން އެކަމާ މެދު ބޯޑުގައި މަޝްވަރާކޮށްގެން ގޮތެއް ނިންމުން. ޔޮޓް ޓުއާސްގެ މައްސަލައާ ގުޅޭ ގޮތުން މީރާގެ ބޯޑުގައި މަޝްވަރާއެއް ނުކުރޭ،" އޭނާ ވިދާޅުވި އެވެ.

ޔޮޓް ޓުއާސް އިން ބުނީ އެ ދެ ރަށާ ގުޅިގެން ދެ ފަރާތުން އެއްބަސްވި ގޮތަށް ދައުލަތުންކޮށްފައިވާ ދައުވާތައް ދޫކޮށްލާތީ، ކުރިން ދައުލަތުން އަމަލުކުރި ގޮތުން ލިބުނު ގެއްލުމުގެ ބަދަލުގެ ގޮތުގައި ހޯދަން ހުށަހެޅި 30 މިލިއަން ޑޮލަރުގެ ދައުވާ އަނބުރާ ދޫކޮށްލަން ނިންމާފައިވާ ކަމަށެވެ. އަދި ލީސް އެގްރިމަންޓް ބާތިލްކޮށް އެ ކުންފުންޏަށް ފޮނުވި ނޯޓިސްތައް އަނބުރާ ގެންގޮސް އަދި ކުރިން ސަރުކާރާ ދެމެދު ވެފައިވާ އެއްބަސްވުމަށް އަމަލުކުރުމަށް ވެސް ނިންމާފައިވާ ކަމަށް އެ ކުންފުނިން ބުންޏެވެ.

ޔޮޓް ޓުއާސް އިން ބުނީ އެ ކުންފުންޏާއި ސަރުކާރާ ދެމެދު އޮކްޓޯބަރު 8، 2013ގައި ސެޓްލްމަންޓް އެގްރިމަންޓެއްގައި ސޮއިކޮށްފައިވާތީ އެގޮތުގެ މަތިން އެ ދެ ރަށާ ގުޅިގެން މިހިނދަށް ދިވެހި ދައުލަތަށް ދައްކަން ޖެހޭ ފައިސާއެއް ޖޫރިމަނާއެއް ނޯންނާނެ ކަމަށެވެ.

ސަރުކާރަށް ދައްކަން ޖެހޭ ކުއްޔާއި ޖޫރިމަނާގެ ފައިސާއަށްވާ ގާތްގަނޑަކަށް ހަތް މިލިއަން ޑޮލަރު ނުދައްކައިގެން އެ ދެ ރިސޯޓުގެ އެއްބަސްވުން ބާތިލުކޮށްފައި ވަނީ މިދިޔަ މެއި މަހުގެ 28ގަ އެވެ.

ޔޮޓް ޓުއާސްގެ މައްސަލައާ ގުޅޭގޮތުން ޓޫރިޒަމް މިނިސްޓްރީން މިހާތަނަށް އެއްވެސް ވާހަކައެއް ދައްކާފައެއް ނުވެ އެވެ.