13 Oct 2013, 14:11
މި މަހުގެ 19 ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ވޯޓްލާ މީހުންގެ ތެރެއިން ރަށްވެހިވެފައިވާ ރަށް ނޫން އެހެން ތަނެއްގައި ވޯޓް ލުމަށް ރަޖިސްޓްރީ ކުރުމަށް އެދި ފޯމް ހުށަހެޅި މީހުންގެ ތެރެއިން މިހާތަނަށް ޕްރޮސެސްކުރެވުނީ 20،000 މީހުންގެ ފޯމް ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފި އެވެ.
"ސަން"އާ ވާހަކަދައްކަވަމުން އިލެކްޝަންސް ކޮމިޝަންގެ ސެކެރެޓަރީ ޖެނަރަލް އާސިމް އަބްދުއްސައްތާރު ވިދާޅުވީ އަލުން ރަޖިސްޓްރީ ކުރުމަށް ހުށަހަޅާފައިވާ މީހުންގެ ފޯމްތައް ޕްރޮސެސް ކުރުމުގެ މަސައްކަތް މިހާރު ވެސް ކުރިއަށްދާ ކަމަށެވެ.
ސަން އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ރީރަޖިސްޓްރީ ކުރުމަށް 7،000 އަށް ވުރެ ގިނަ ނަންބަރު ވަނީ ދޫކޮށްފަ އެވެ. އަދި ހިދުމަތް ދޭން ޖެހޭ 3،000 އަށް ވުރެ ގިނަ ނަންބަރު އެބައޮތް ކަމަށް ވެސް މައުލޫމާތު ލިބިފައިވެ އެވެ.
އާސިމް ވިދާޅުވީ ފޯމްތައް ވީއެންމެ އަވަހަކަށް ޕްރޮސެސް ކުރެވޭތޯ މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި ވިދާޅުވީ މިހާރު ވެސް ރީރަޖިސްޓްރީ ކުރެވިފައިވާ މީހުން ޗެކް ކޮށް މައްސަލަ އެއް އުޅޭނަމަ އެ މައްސަލައެއް ހައްލު ކޮށްދެއްވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
އިލެކްޝަންސް ކޮމިޝަނުން އާންމުކޮށްފައިވާ ވޯޓުލާ މީހުންގެ ލިސްޓުގައިވާ މައުލޫމާތާއި އެމީހެއްގެ އައިޑީކާޑުގައިވާ މައުލޫމާތު ޗެކްކުރުމަށް ފަހު، އޭގައި އެއްވެސް މައްސަލައެއް އުޅޭނަމަ އެކަން އަންގައިދިނުމަށް ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރަޖިސްޓްރޭޝަން (ޑީއެންއާރް) އިން ވަނީ އިލްތިމާސް ކޮށްފަ އެވެ.