13 Oct 2013, 13:54
އޮސްޓްރޭލިޔާގެ ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗުކަމުން މިދިޔަ ހުކުރު ދުވަހު ޖަރުމަނުގެ ހޮލްގާ އޮޒީކް ވަކިކުރުމަށް ފަހު އެޓީމާ ހަވާލުވުމަށް ގޫސް ހިޑިންކް ގެނައުމަށް މަސައްކަތް ކުރަމުންދާކަމަށް ފުޓްބޯލް ފެޑެރޭޝަން އޮސްޓްރޭލިޔާ (އެފްއެފްއޭ) އިން ބުނެފި އެވެ.
އޮޒީކް ވަނީ އަންނަ އަހަރު ބްރެޒިލްގައި ބާއްވާ ވޯލްޑް ކަޕް 2014ގެ ޖާގައެއް މިހާރުވެސް އޮސްޓްރޭލިޔާއަށް ކަށަވަރުކޮށްދީފަ އެވެ. އެހެން ނަމަވެސް މިދިޔަ ހުކުރު ދުވަހު ފްރާންސް އަތުން 6-0 އިން އަދި ހަމަ މިމަހުގައި ބްރެޒިލް އަތުން ހަމަ އެނަތީޖާއިން އޮސްޓްރޭލިޔާ ބަލިވެފައި ވުމުން އެފްއެފްއޭ އިން ވަނީ އޮޒީކް އެ މަގާމުން ވަކިކޮށްފަ އެވެ.
އޮސްޓްރޭލިޔާގެ ސަޕޯޓަރުން އެގައުމުގެ ކޯޗުކަމަށް އޮސްޓްރޭލިޔާގެ ރައްޔިތެއް ހަމަ ޖައްސައިދޭން އެދެމުން ދިޔަ ނަމަވެސް އެފްއެފްއޭގެ ޗީފް އެގްޒެކެޓިވް ޑޭވިޑް ގެލޮޕް ވިދާޅުވީ، 2006 ވަނަ އަހަރުގެ ވޯލްޑް ކަޕްގެ ގަދަ 16 އަށް އެޓީމު ގެންދިޔަ ކާމިޔާބު ކޯޗު ހިޑިންކް އަލުން އެޓީމާ ހަވާލުވުމާ ބެހޭގޮތުން މިހާރު ވާހަތައް ދެކެވެމުން އަންނަ ކަމަށެވެ.
"އަހަރެމެން އެބަ ޖެހޭ ގައުމީ ޓީމަށް ވީހާވެސް އަވަހަކަށް އާ ކޯޗެއް ހަމަޖައްސަން،" ގެލޮޕް ވިދާޅުވި އެވެ. "ނޮވެމްބަރު މަހު އޮސްޓްރޭލިޔާގައި ކުޅެން ހަމަޖެހިފައިވާ މެޗުގެ ކުރިން އަހަރެމެން ބޭނުންވޭ މިކަން ނިންމަން."
އޮސްޓްރޭލިޔާ ޓީމާއެކު ހޯދި ކާމިޔާބުގެ އިތުރުން ހިޑިންކް ވަނީ، 1992 ވަނަ އަހަރު ނެދަލެންޑްސް އަދި 2002 ވަނަ އަހަރު ސައުތު ކޮރެއާގެ ކޯޗު ކަމުގައި އެ ދެ ޓީމް ވޯލްޑް ކަޕްގެ ސެމީއާ ހަމައަށް ގެންގޮސްފަ އެވެ. އަދި އޭގެ ފަހުން 2008 ވަނަ އަހަރުގެ ޔޫރޯ ސެމި ފައިނަލަށް ރަޝިޔާ ވެސް ގެންދިޔައީ ހިޑިންކް އެވެ.
ރަޝާގެ މުއްސަނދި ކުލަބެއް ކަމަށްވާ އާންޒީގެ ކޯޗު ކަމުން މިދިޔަ ޖުލައިމަހު 66 އަހަރުގެ ހިޑިންކް އިސްތިއުފާ ދީފައިވާއިރު އޮސްޓްރޭލިއާގެ ކޯޗު ކަމާ ހަވާލުވުމަށް އޭ-ލީގު ޗެމްޕިއަން ސެންޓްރަލް ކޯސްޓް މެރިނާސްގެ އޮސްޓްރޭލިއަން ކޯޗް ގްރެހަމް އާނޯލްޑްއާއި މެލްބަން ވިކްޓަރީގެ ކޯޗު އާންގޭ ޕޮސްޓެކޮގްލޫވެސް ވަނީ އެމަގާމަށް ޝައުގުވެރިކަން ފާޅުކޮށްފަ އެވެ.
އަންގާރަ ދުވަހު އިނގިރޭސިވިލާތުގައި ކެނެޑާއާ ދެކޮޅަށް އޮސްޓްރޭލިއާ ކުޅުމަށް ހަމަޖެހިފައިވާ މެޗުގައި ކޯޗެއްގެ ޒިންމާ ނަގާނީ އެ ޓީމުގެ އެސިސްޓެންޓް ކޯޗު އައުރެލިއޯ ވިދްމާ އެވެ.
އޮސްޓްރޭލިއާގެ ކޯޗު ކަމަށް ގެންނާނޭ ކަމަށް ދެން އެންމެ ބޮޑަށް ލަފާ ކުރެވެނީ ޗިލީގެ ކުރީގެ ކޯޗު މާސެލޯ ބީލްސާ ނުވަތަ ޕީއެސްޖީގެ ކުރީގެ ކޯޗު ޖެރާޑް ހޫލިއާ އެވެ.