13 Oct 2013, 13:25
ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ވޯޓްލާ މީހުން ރީ-ރަޖިސްްޓްރީވުމަށް ހުށަހަޅާ ފޯމްތަކުގެ ސައްހަކަން ދެނެގަތުމުގެ ގާބިލްކަން އިލެކްޝަންސް ކޮމިޝަނަށް ލިބިދީފައި ނުވާ ކަމަށާއި ނަމަވެސް އެމައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅުމަށް ބޭނުންފުޅުނުވާ ކަމަށް އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުއާދު ތައުފީގު ވިދާޅުވެފައިވާ ކަމަށް ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް އަބްދުﷲ ޔާމީން ވިދާޅުވެއްޖެ އެވެ.
ޔާމީން މިއަދު "ސަން" އަށް ދެއްވި އިންޓަވިއެއްގައި ވިދާޅުވީ ރީ- ރެޖިސްޓްރޭޝަންގެ ޕްރޮސެސް ތެރޭގައި ބައެއް ޕާޓީތަކުން އެއް ފަހަރާ 30،000 ފޯމް އަލުން ރެޖިސްޓްރޭޝަނަށް ހުށަހަޅަފައިވާތީ އެ ފޯމްތަކުގެ ސައްހަކަން ދެނެގަތުމުގެ ކަންތައްތައް ކުރަމުން ގެންދަވަނީ ކޮން ގޮތަކަށްތޯ ބެެއްލެވުމަށް މިއަދު އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުއާދާ ގުޅުއްވައި މަޝްވަރާކުރައްވާފައިވާ ކަމަށެވެ. އެކަންކަން ސައްހަ ނުކުރެވޭ ކަމަށް ވާނަމަ އެފޯމްތަކުގައި ކެނޑިޑޭޓެއްގެ ހައިސިއްޔަތުން ސޮއި ނުކުރެއްވޭނެ ކަމަށް ދަންނަވާފައިވާނެ ކަމަށް ވެސް ވިދާޅުވި އެވެ.
ރީ-ރެޖިސްޓްރޭޝަންގެ ފޯމްތަކުގެ ސައްހަތޯ ބެލުމުގައި ދަތިތަކެއް ހުރި ނަމަވެސް އެފޯމްތަކުގެ ސައްހަތޯ ބެލުމަށް ފުލުހުންނަށް ނުވަތަ ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރެޖިސްޓްރޭޝަނަށް ހުށަހެޅުމަށް ދެންނެވުމުން ވެސް ފުއާދު ވިދާޅުވީ އެގޮތަށް އެކަންތައް ކުރުމަށް ސުޕްރީމް ކޯޓުގެ ހުކުމް ލާޒިމްކޮށްފައިނުވާ ކަމަށެވެ.
"ފޯމްތައް ސައްހަތޯ ބެލުމުގެ ގާބިލްކަން ދެނެގެނެވޭނެ ބަޔަކު ނެތޭ އިލެކްޝަނުން ބުނަނީ. ނަމަވެސް އަޅުގަނޑު ދެންނެވިން ކޮންމެ ފޯމެއްގައި ވެސް ދެ ހެކިންނާ އެކު ފޯމް ހުށަހަޅާ މީހާ ސޮއިކުރެވޭ ނޫންތޯއޭ. އަދި އެތަނުން އެންމެ ފޯމެއްގައި ވެސް ފިންގާ ޕްރިންޓް ދިމާވިނުވި ނަމަވެސް ފޯމް ސައްހަ ނޫވާނެ ނޫންތޯ އޭ. ނަމަވެސް ފުއާދު ވިދާޅުވީ ފޯމްތަކުގައި ސައްހަކަން ދެނެގަތުމާ ބެހޭ ގޮތުން ސުޕްރީމް ކޯޓުގެ ހުކުމުގައި ނެތޭ. އަދި އެކަމުގެ ދަތިތަކެއް ހުރިކަން ބަޔާންކޮށް އިސްވެ ސުޕްރީމް ކޯޓަށް ދާން ވެސް އެ ކޮމިޝަނުން ބޭނުމެއްނުވޭ،" ޔާމީން ވިދާޅުވި އެވެ.
ޔާމީން ވިދާޅުވީ ސުޕްރީމް ކޯޓުގެ ހުކުމުގައި އިންތިހާބުގެ ކަންތައްތައް ކުރުމަށް ދީފައިވާ ގައިޑްލައިނާ އެއްގޮތަށް އިލެކްޝަންސް ކޮމިޝަނުން މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް ދެކެވަޑައިނުގެންނަވާ ކަމަށާއި އިލެކްޝަނަށް ގަޑިޑްލައިނާ އެއްގޮތަށް ކަމެއް ނުކުރެވުމުން ވެސް އެކަމަކާ ޕީޕީއެމުން ސުޕްރީމް ކޯޓަށް ދާން ޖެހުމަކީ ވަރަށް ދެރަވަރުގެ ކަމެއް ކަމަށެވެ. އަދި ސުޕްރީމް ކޯޓުގެ ހުކުމްގައި ބުނެފައިވާ ކަންކަން އިތުރަށް ތަފްސީލްކޮށްދެއްވާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ރީ-ރެޖިސްޓްރޭޝަންގެ ފޯމްތަކުގެ ސައްހަކަން ނުބަލައި އެ ފޯމްތަކުގައިވާ ނަންތައް ލިސްޓްގައި ހިމަނާފައިވާނަމަ އެ ލިސްޓެއްގައި ޕީޕީއެމުން ސޮއިނުކުރައްވާނެ ކަމަށާއި އެހާ ހިސާބުން އެފަދަ އިންތިހާބެއްގައި ބައިވެރިވުމާ މެދު އެޕާޓީގެ ކައުންސިލުން ގޮތެއް ނިންމާނެ ކަމަށް ވެސް ޔާމީން ވިދާޅުވި އެވެ.