ރެއާލް މެޑްރިޑަށް މިސީޒަންގައި ދުނިޔޭގެ ރެކޯޑް ފީއަކަށް ގެންދިޔަ ވޭލްސް ވިންގާ ގެރެތު ބޭލްގެ މައިބަދައިގެ ޑިސްކެއް ގުޑާފައިވާކަމަށް މީޑިއާގައި ދެކެވޭ ވާހަކަތައް ރެއާލްއިން ދޮގުކޮށްފި އެވެ.

ސްޕެއިންގައި ނެރޭ ކުޅިވަރު ނޫހެއް ކަމަށްވާ "މާސާ ސްޕޯޓްސް ޑެއިލީ"ގައި ހޮނިހިރު ދުވަހު ބުނެފައިވަނީ، ބޭލްގެ ފަލަމަސްގަނޑަށް ލިބިފައިވާ އަނިޔާގެ އިތުރުން މައިބަދައިގެ ޑިސްކެއްވެސް ގުޑާފައިވާ ކަމަށެވެ.

"ރެއާއަށް ސޮއި ކުރުމުގެ ކުރިން ބޭލްގެ މެޑިކަލް ޓެސްޓް ހެދި ސްޓާފުންނަށްވަނީ، އޭނާގެ މައިބަދައިގައި މައްސަލައެއް އުޅޭކަން ފާހަގަ ކުރެވިފައި، އަދި އެކަންވަނީ ކްލަބްގެ ސަމާލުކަމަށް ގެނެވިފައި،" މަސްދަރު ހާމަ ނުކޮށް މާސާގައި ލިޔެފައިވެ އެވެ.

އެ ނޫހުގައި އިތުރަށް ބުނެފައިވަނީ، ޑިސްކު ގުޑުމުގެ ސަބަބުން ބޭލްއަށް މިވަގުތު އޭގެ އުނދަގުލެއް ނުވި ކަމުގައިވީ ނަމަވެސް އެކަން ރަނގަޅު ކުރުމަށް އޭނާއަށް ފަހުން ނަމަވެސް އޮޕަރޭޝަނެއް ކުރަންޖެހޭ ކަމަށެވެ.

އެހެން ނަމަވެސް ރެއާލްގެ ވެބްސައިޓުގައި ބުނެފައިވަނީ، ބޭލްގެ މައިބަދައިގެ ޑިސްކެއް ގުޑާފައިވާކަމަށް މާސާއިން ފަތުރާފައިވާ އެވާ ހަބަރަކީ މުޅިން ހަގީގަތާ ހިލާފަށް ފަތުރާފައިވާ ހަބަރެއް ކަމަށެވެ.

"ބޭލްގެ މައިބަދައިގެ އެލް5-އެސްވަން ވާޓެބްރާގެ ޑިސްކެއް ގުޑައި އަދި އެހެން ދެ ޑިސްކެއް އުފުލިފައިވާ ކަމަށް މާސާއިން ފަތުރާފައިވާ ޚަބަރަކީ މުޅިން ދޮގު ވާހަކައެއް،" ރެއާލްއިން ބުނެފައިވެ އެވެ. "ބޭލްގެ އެފަދަ މައްސަލައެއް ނެތް. އަދި އެ ނޫހުން އެވާހަކަ ޕަބްލިޝް ކުރުމުގެ ކުރީގައި ކްލަބުން ވާނީ ނޫހައް އެމައުލޫމާތު ސާފުކޮށް ދީފައި."

ރެއާލްއިން ބުނީ ބޭލްގެ މައިބަދައިގައި ކޮންމެވެސް ކަހަލަ މައްސަލައެއް އުޅޭ ކަމަށާއި އެހެން ނަމަވެސް އެއީ އޭނާ ކުޅުމާ ދުރަށްދާން ޖެހޭފަދަ މައްސަލައެއް ނޫންކަމަށެވެ.

"ގެރެތު ބޭލްގެ މައިބަދައިގައި ކުޑަ މައްސަލައެއް އުޅޭ. އެކަމަކު އެއީ އާންމުކޮށް ވަރަށް ގިނަ ކުޅުންތެރިންގެ ހުންނަ މައްސަލައެއް. އެކަމަކު އެއީކީ އޭނާގެ ޕްރޮފެޝަނަލް ކެރިއަރަށް އޭގެ އަސަރު ކުރާވަރުގެ މައްސަލައެއް ނޫން،" ރެއާލްގެ ވެބްސައިޓުގައިވެ އެވެ.

ނިމިގެންދިޔަ ސަމަ ޓްރާންސްފާގައި ޓޮޓެންހަމް ހޮޓްސްޕާއިން 136 މިލިޔަން ޑޮލަރަށް ރެއާލްއަށް ބަދަލުވި ބޭލް އަކީ ދުނިޔޭގެ އެންމެ އަގުބޮޑު ފުޓްބޯޅަ ކުޅުންތެރިޔާ އެވެ.

ރެއާލްގެ ކޯޗް ކާލޯ އެންޗެލޮޓީ ބުނެފައިވަނީ، ބޭލްގެ ފަލަމަސްގަނޑަށް ލިބިފައިވާ އަނިޔާ އެހާ ސީރިއަސް ނޫން ކަމަށާއި އަދި ވޯލްޑްކަޕް ކޮލިފައިން މެޗުތަކަށްފަހު ލަލީގާ ފަށާއިރު ރެއާލްއާއި މަލާގާއާ ދެކޮޅަށް ރެއާލް ކުޅޭ މެޗަށް ބޭލް ފިޓްވާނޭ ކަމަށެވެ.