ފަލަސްތީނުގެ ހަމާސް ޖަމާއަތުން ކޮންޓްރޯލް ކުރާ ޣައްޒާއިން އިސްރާއީލަށް ދެވޭ ގޮތަށް ކޮނެފައިވާ ބިންގަރާސް މަގެއް ހޯދިއްޖެ ކަމަށް އިސްރާއީލުން ބުނެފި އެވެ.

އިސްރާއީލް ސިފައިންނާ ހަވާލާދީ އެސޯސިއޭޓެޑް ޕްރެސް ( އޭޕީ) ބުނީ ބިންގަރާސް މަގު ހޯދުނީ މީގެ ހަފުތާއެއްހާ ދުވަސް ކުރިން ކަމަށެވެ. އަދި ބުނީ އެތަން ހޯދުނީ އިސްރާއީލާއި ޣައްޒާ ގުޅޭ ކިބަޒް ބޯޑަރު ކައިރިން ހުޅުވުމެއް ފެނިގެން ބެލުމުން ކަމަށެވެ.

ހަމާސްއިން ބިންގަރާސް މަގު ކޮނުނީ އިސްރާއީލަށް ހަމަލާދޭން ނުވަތަ އެގައުމުގެ މީހުން ކިޑްނެޕްކުރަން ކަމަށް އިސްރާއީލު ސިފައިން ވަނީ ތުހުމަތުކޮށްފަ އެވެ. މަގުގެ ދިގުމިނުގައި 1.5 މޭލު ހުރި ކަމަށާއި އެތަން ކޮނެފައި ވަނީ ވަރަށް ފަހުން ކަން އެނގޭ ކަމަށް ވެސް އެ މީހުން ބުނެފައިވެ އެވެ. އަދި ބުނެފައި ވަނީ އިސްރާއީލު ސިފައިން ހޯދުމާ ހަމައަށް އެތަން ބޭނުންކޮށްފައިވާ ކަން އެނގޭ ކަމަށެވެ.

އިސްރާއީލަށް ވާސިލުވުމަށް ހަމާސް ޖަމާއަތުން ކުރިން ވެސް ބިންގަރާސް މަގުތައް ކޮނެފައިވެ އެވެ. އެގޮތުން ކޮނުނު މަގަކުން ހަމާސްގެ ހަނގުރާމަވެރިން ގޮސް 2006 ވަނަ އަހަރު އިސްރާއީލު ސިފައިންގެ މީހަކު ކިޑްނެޕްކުރި އެވެ. އަދި އޭނާ ފަސް އަހަރު ވަންދެން ހިފެހެއްޓި އެވެ.

ފަލަސްތީނުގެ ބިންތައް ހިފައި، އެތައް ބަޔަކު މަރަމުންދާ އިސްރާއީލާ ދެކޮޅަށް އެންމެ ވަރުގަދަ ޖިހާދެއް ކުރަމުން އަންނަނީ ހަމާސް ޖަމާއަތުންނެވެ.