ވޯލްޑް ކަޕަށް ތައްޔާރުވުމުގެ ގޮތުން ސައުތު ކޮރެއާ އާ ދެކޮޅަށް ކުޅުނު ބައިނަލްއަގްވާމީ އެކުވެރި ކަމުގެ ފުޓްބޯޅަ މެޗުން 2-0 އިން ބްރެޒިލް މޮޅުވެއްޖެ އެވެ.

ކޮރެއާގެ ވޯލްޑް ކަޕް ސްޓޭޑިއަމްގައި އެގައުމުގެ އެތަކެއް ހާސް ސަޕޯޓަރުންގެ ކުރިމަތީގައި ކުޅުނު ފޯރިގަދަ މެޗުގައި ބްރެޒިލްގެ ފުރަތަމަ ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ފުރަތަމަ ހާފް ނިމެން ދަނިކޮށް ބާސެލޯނާގެ ފޯވާޑް ނޭމާ އެވެ. އަދި ދެވަނަ ހާފު ފެށިގެން ކުޑަ އިރުކޮޅެއްގެ ތެރޭގައި ލަނޑެއް ކާމިޔާބުކޮށް ބްރެޒިލްއަށް ނަތީޖާ ފުޅާކޮށްދިނީ ޗެލްސީގެ މިޑްފީލްޑަރު އޮސްކާ އެވެ.

މުބާރާތް ބާއްވާ ގައުމުގެ ހައިސިއްޔަތުން ފީފާ ވޯލްޑް ކަޕް 2014 އަށް ބްރެޒިލް ކޮލިފައިވެފައިވާ އިރު ކޮރެއާ ވެސް ވަނީ އެމުބާރާތުން ޖާގައެއް ހޯދާފަ އެވެ.