އިލެކްޝަންސް ކޮމިޝަނުން އާންމުކޮށްފައިވާ ވޯޓުލާ މީހުންގެ ލިސްޓުގައިވާ މައުލޫމާތާއި އެމީހެއްގެ އައިޑީކާޑުގައިވާ މައުލޫމާތު ޗެކްކުރުމަށް ފަހު، އޭގައި އެއްވެސް މައްސަލައެއް އުޅޭނަމަ އެކަން އަންގައިދިނުމަށް ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރަޖިސްޓްރޭޝަން (ޑީއެންއާރް) އިން އިލްތިމާސްކޮށްފި އެވެ.

ޑީއެންއާރުން މިއަދު ނެރުނު ޕަބްލިކް އެނައުންސްމެންޓެއްގައި ވަނީ، އިލެކްޝަންސް ކޮމިޝަންގެ ވެބްސައިޓުގައިވާ ވޯޓުލާ މީހުންގެ ލިސްޓުގައިވާ މައުލޫމާތާއި އެމީހެއްގެ އައިޑީކާޑުގައިވާ މައުލޫމާތާ ދިމާވޭތޯ ޗެކްކުރުމަށް ހުރިހާ ރައްޔިތުންނަށް އިލްތިމާސްކޮށްފަ އެވެ.

އެ މައުލޫމާތުތައް ޗެކްކުރުމަށް ފަހު އިލެކްޝަންސް ކޮމިޝަނުން އާންމުކުރި ލިސްޓުގައިވާ މައުލޫމާތުތަކުގައި އެއްވެސް މައްސަލައެއް އުޅޭނަމަ 7829326 އަށް އެސްއެމްއެސް ކުރައްވައި އެކަން އެ ޑިޕާޓްމަންޓަށް އަންގައިދިނުމަށް ވެސް ޑީއެންއާރުން ވަނީ އެދިފަ އެވެ.

މީގެއިތުރުން މިއަދާއި އަދި މިމަހުގެ 16 ވާ އަންގާރަ ދުވަހާއި 17 ވާ ބުދަ ދުވަހުގެ މެންދުރު 1:30 އިން ފެށިގެން ހަވީރު 5:00 އާ ދެމެދުގެ ވަގުތެއްގައި އެ ޑިޕާޓްމަންޓަށް ވަޑައިގެން ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހުޅުވާލެވިފައިވާ ކަމަށް ވެސް ޑީއެންއާރުން ބުންޏެވެ.