ރާއްޖޭގެ އެންމެ ފުރަތަމަ ހިޕްހޮޕް/ރެޕް އަލްބަމް "މަގުމަތި" ނެރެފި އެވެ. އެ އަލްބަން ނެރުނީ ރާއްޖޭގައި މުނިފޫހިފިލުވުމުގެ ހަރަކާތްތައް ހިންގުމަށް ރަޖިސްޓަރީ ކޮށްގެން ހިންގަމުން އަންނަ، ސިމްބޮލިކް ރިކޯޑްސް ކޮމްޕެނީންނެވެ. "މަގުމަތި" އަލްބަމަކީ އެ ކުންފުނީގެ އެންމެ ފުރަތަމަ އަލްބަމެވެ.

ޒުވާނުންތަކެއް އިސްނަގައިގެން 2005 ވަނަ އަހަރު އުފައްދާފައިވާ "ޑާކްނަޒް ފެމިލީ"ގެ ނުވަ ވަނަ އަހަރީ ދުވަހާއި ގުޅުވައިގެން ބުރާސްފަތި ދުވަހުގެ ރޭ މާލެ ސިޓީ ކައުންސިލުގައި ބޭއްވި ރަސްމިއްޔާތެއްގައި އެ އަލްބަމް ނެރެދެއްވީ މަޝްހޫރު މިއުޒިކީ ފަންނާނު އަދި ރާއްޖެއިން ޔަމަހާ އިލެކްޓްރިކް ގިރާގެ އެމްބެސެޑަރު އީސަ އަބްދުﷲ (އީސަ) އެވެ.

އަލްބަމް ނެރެދެއްވުމަށްފަހު އީސަ ބުނީ އެއަލްބަމް ނެރުމަކީ ކައިރި މުސްތަގްބަލެއްގައި އެފަދަ އަލްބަމްތަކެއް ރާއްޖެއިން ބޭރުގައި ވެސް ރިލީޒް ކުރެވޭނެ ކަމުގެ ހެކިތަކެއް ކަމަށެވެ. އަދި ޑާކްނެޒް ނަމުގައި ބޮޑު ކޮމިއުނިޓީއެއް ހަދައިގެން ބިނާ ކުރަނިވި މަސައްކަތްތަކެއް ކުރާތީ އުފާ ކުރާ ކަމަށާއި އެ އަލްބަމް ނެރެދިނުމަކީ ޝަރަފެއް ކަމުގައި ވެސް އީސަ ބުންޏެވެ.

ރަސްމިއްޔާތުގައި އެ ކޮމްޕެނީގެ އިސްމާއިލް އިފްހާމް (ޕެސްޓް) ބުނީ އެ އަލްބަމަކީ ގިނަ ދުވަސްތަކެއްވީ ހުވަފެނެއް ކަމަށެވެ. ނަމަވެސް އެކަމުގައި އެންމެ ބޮޑު ދައްޗަކަށް ދިމާވަނީ ޅެން ފާސްކުރުން ކަމަށާއި އެކަމާއި ގުޅިގެން އެފަދަ އަލްބަމްތައް ނެރެން ފަސްޖެހޭ ކަމަށެވެ.

"މި ކަމުގައި ދިމާވާ އެންމެ ބޮޑު ދައްޗަކީ މޯލްޑިވްސް ބިއުރޯ އޮފް ކުލަސިފިކޭޝަންގެ ޅެން ފާސްކުރާ ދަފްތަރުގައި އުމުރުން ދުވަސްވީ މީހުން ތިބުން. ހިޕްހޮޕް ފަދަ ޖޮންރާއެއްގެ ޅެން ފާސްކުރުމަށް އެބޭފުޅުން ފަސްޖެހޭ. އެކަން އެހެން އޮތުމުން ގިނަ ބަޔަކު މިކަން ކުރަން ފަސް ޖެހޭ،" އޭނަ ބުންޏެވެ.

އެ ރަސްމިއްޔާތުގައި ސިމްބޮލިކް ރިކޯޑްސްގެ މެނޭޖިން ޑިރެކްޓަރު އަހުމަދު މުހައްމަދު (އޭޑީ) ވަނީ "މަގުމަތި" އަލްބަމްގެ ފުރަތަމަ ކޮޕީ އީސައަށް ހަދިޔާ ކޮށްފަ އެވެ.

ޑާކްނެޒް ފެމިލީގެ ތެރެއިން އުފެދުނު ސިމްބޮލިކް ރިކޯޑްސުން ބުނެފައި ވަނީ ޖުމްލަ 16 ލަވަ އާއި ހަތަރު ސްކިޓްގެ މައްޗަށް އެކުލެވިގެންވާ އެ އަލްބަމް ވިއްކާނީ 125ރ. އަށެވެ.


"މަގުމަތި" އަލްބަމްގައި ހިމެނޭ ލަވައެއް:
https://www.youtube.com/watch?&v=_lrKCojJleo