29 Nov 2010, 04:41
ހއ. ދިއްދޫގެ ދެ ގްރޫޕެއްގެ ދެމެދުގައި ހިނގި ހަމަނުޖެހުމަކާ ގުޅިގެން 18 އަހަރުން ދަށުގެ ދެ ކުއްޖަކާ އިތުރު ހަތް މީހަކު ފުލުހުން ހައްޔަރު ކޮށްފި އެވެ.
ފުލުހުން ބުނީ ހޮނިހިރު ދުވަހުގެރޭ 9:30 އެހާކަންހާއިރު އެ ހަމަނުޖެހުން ހިންގާފައި ވަނީ އެ ރަށުގެ ދެ އަވަށުގެ ދެ ގުރޫޕެއްގެ ޒުވާނުންތަކެއްގެ މެދުގައި ކަމަށެވެ. އެހެންނަމަވެސް އެ މާރާމާރީ ހިންގަން މެދުވެރިވީ ކީއްވެގެން ކަން ނޭނގޭ ކަމަށް ވެސް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ އެ ރަށުގައި މަރާމާރީ ހިންގި ސަރަހައްދަށް ފުލުހުން ގޮސް ހަމަނުޖެހުން ހުއްޓުވައި އެކަމުގައި ބައިވެރިވި ކަމަށް ބެލެވޭ ހަ މީހަކު އެ ވަގުތު އެ ސަރައްހައްދުން ހައްޔަރު ކުރި ކަމަށެވެ. އަދި އެ މައްސަލައާ ގުޅުން ހުރި އިތުރު ތިން މީހަކު ހައްޔަރު ކުރީ އިއްޔެގެ ވަގުތެއްގައި ކަމަށް ވެސް ފުލުހުން ބުންޏެވެ.
ނަމަވެސް ހައްޔަރު ކުރި މީހުންގެ ނަމާއި އެ މީހުންގެ އެޑްރެހެއް އަދި އެ މީހުންނަކީ ކުރިން އެފަދަ މާރާމާރީތައް ހިންގުމުގެ ކުށުގެ ރެކޯޑް އޮތްބައެއް ކަމެއް ނުވަތަ ނޫން ކަމެއް ފުލުހުން ނުބުނެ އެވެ.
ފުލުހުން ބުނީ އެ ހަމަނުޖެހުމާ ގުޅިގެން އެއްވެސް މީހަކަށް ސީރިއަސް އަނިޔާއެއް ލިބިފައި ނުވާ ކަމަށެވެ.