13 Oct 2013, 11:13
ދައުލަތުގެ ބެލުމުގެ ދަށުގައި ތިބި ފަރާތްތަކަށް ވޯޓްލުމުގެ ހައްގު ކަށަވަރުކޮށްދިނުމަށް ކުރަންޖެހޭ ހުރިހާ ކަމެއް ކުރުމަށް ހިއުމަންރައިޓުސް ކޮމިޝަނުން ސަރުކާރުގައި އެދިއްޖެ އެވެ.
މިނިސްޓްރީ އޮފް ޖެންޑާ އަށާއި ފެމެލީ އެންޑް ހިއުމަން ރައިޓުސްގެ އިތުރުން ޕޮލިސް ސާވިސް އާއި ޕެނިޓޭންޝަރީ އެންޑް ރިހެބިލިޓޭޝަން އަށް ހިއުމަން ރައިޓުސް ކޮމިޝަނުން އިލްތިމާސްކޮށްފައި ވަނީ "ދައުލަތުގެ ބެލުމުގެ ދަށުގައި ތިބޭ ފަރާތްތަކުގެ ތެރެއިން ވޯޓްލުމުގެ ހައްގު ލިބިފައިވާ މީހުންނަށް އެހައްގު ކަށަވަރުކޮށްދިނުމަށްޓަކައި ކުރަންޖެހޭ އެންމެ ހައި ކަންކަން ފުރިހަމަ ކޮށްދިނުމަށް" އެދޭކަމަށެވެ.
މިދިޔަ މަހުގެ ހަތް ވަނަ ދުވަހު ބޭއްވި ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރު ބާތިލް ކުރުމަށް ސުޕްރީމް ކޯޓުންގެ ކުރި ހުކުމުގައި ވަނީ ނުކުޅެދޭ މީހުންނާއި ބޮޑެތި ކުށްތަކުގައި ހުކުމް ތަންފީޒު ކުރަމުންދާ ފަރާތްތަކަށް ވޯޓުލުމުގެ ހައްގު ލިބިދޭތީ އެކަމަށް ފާޑުކިޔާފަ އެވެ.
ސުޕުރީމް ކޯޓުން އެކަމަށް ފާޑުކިޔާފައިވާއިރު ޖުމްހޫރީ ގުޅުމުގެ ރަނިންމޭޓް ޑރ. ހަސަން ސައީދު ވަނީ ސުޕުރީމް ކޯޓްގެ އެ ފާޑުކިޔުމަށް ތައުރީފް ކޮށް ވާހަކަދައްކާފައެވެ. ހަސަން ވިދާޅުވީ ދުނިޔޭގެ އެހެން ގައުމުތަކުގައިވެސް ބޮޑެތި ކުއްވެރިންނަށް ވޯޓް ނުލެވޭ ކަމަށެވެ.