13 Oct 2013, 11:02
އިންޑިއާގެ އޮޑީޝާ ސްޓޭޓާއި އެސްޓޭޓްގެ ކައިރި ހިސާބުތަކަށް ބާރުގަދަ ތޫފާނެއް އަރާނެ ކަމަށް ބެލެވިފައި ވާތީ އެ ގައުމުގައި ތިބި ދިވެހިން އެ ކަމަށް ސަމާލުވުމަށް ދިވެހި ސަރުކާރުން އެދިއްޖެ އެވެ.
ފޮރިން މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ބާރުގަދަ ތޫފާނެއް ކަމަށްވާ ފައިލިން އިންޑިއާގެ އޮޑީޝާ ސްޓޭޓަށާއި ކައިރި ސްޓޭޓްތަކަށް އަރާނެ ކަމަށް ބެލެވިފައިވާ ކަމަށެވެ. އެހެންވެ އެސަރަހައްދާއި އެސަރަހައްދާއި ކައިރި ހިސާބުތަކުގައި ދިރިއުޅޭ ދިވެހިން އެކަމަށް ސަމާލުވެ ރައްކާތެރި ކަމުގެ ފިޔަވަޅި އެޅުމަށް އިލްތިމާސް ކުރާ ކަމަށް ވެސް އެބަޔާނުގައި ވެއެވެ.
ތޫފާނާ ގުޅިގެން އިންޑިއާ ސަރުކާރުން ނެރޭ އިންޒާރުތަކަށް ސަމާލުވެ، ދޭ އިރުޝާދުތަކަށް އަމަލު ކުރުމަށް ވެސް އިންޑިއާގައި ތިބި ދިވެހިންނަށް ފޮރިން މިނިސްޓްރީން އިލްތިމާސްކޮށްފައިވެ އެވެ.
"..މިތޫފާނުން މިހިސާބުގައި ދިރިއުޅޭ ފަރާތްތައް ރައްކާތެރިކުރުމަށް ޓަކައި އިންޑިއާ ސަރުކާރުން ވެސް ވަނީ އެކަމަށް ވަރަށް ބޮޑަށް ތައްޔާރުވެފަ އެވެ. މިގޮތުން ރައްކާތެރި ހިސާބުތަކަށް މީހުން ބަދަލުކުރުމުގެ މަސައްކަތުގައި 28 ޓީމެއް ހަރަކާތްތެރިވަމުންދާ ކަމަށް މައުލޫމާތު ދީފައި ވެއެވެ. އެހެންކަމުން މިކަމުގައި އިންޑިއާ ސަރުކާރުން ނެރޭ އިންޒާރުތަކަށް ރަނގަޅަށް ސަމާލުވެ އެފަރާތްތަކުގެ އިރުޝާދުތަކަށް ފުރިހަމަ އަށް އަމަލުކުރުމަކީ މިވަގުތު ވަރަށް މުހިއްމު ކަމުގައި ދަންނަވަމެވެ،" ފޮރިން މިނިސްޓްރީގެ ބަޔާނުގައި ވެއެވެ.
ފޮރިން މިނިސްޓްރީން އަދި ބުނެފައި ވަނީ އޮޑީޝާ ސްޓޭޓާއި އަންދުރަޕްރަދޭޝް ސްޓޭޓްގެ އައްސޭރިފަށުގެ ހިސާބުތަކާއި ތޫފާނުގެ އަސަރު ކުރާނެ ކަމަށް ބެލެވޭ ސަރަހައްދުތަކުގައި ދިރިއުޅޭ ދިވެހިން އެފަރާތްތަކުގެ މައުލޫމާތު ދިއްލީގައި ހުންނަ ރާއްޖޭގެ ހައިކޮމިޝަނަށް ދިނުމަކީ މުހިއްމުކަމެއް ކަމަށެވެ.