ސުލްހަވެރިކަމާއި އަމަންއަމާންކަން ދެމެހެއްޓުމަށް ރާއްޖޭގެ "އެންމެހާ ފަރާތްތަކަށް" އިންޑިއާއިން ގޮވާލައިފި އެވެ.
~
އިންޑިއާގެ އެކްސާޓަނަލް މިނިސްޓްރީން ހުކުރު ދުވަހު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ އިންތިހާބު ބޭއްވުމަށް ކޯޓްގެ ހުކުމުން ދީފައިވާ ތާރީހުގައި ރައްޔިތުންގެ އުއްމީދާއި ޑިމޮކްރަސީގެ ރޫހާ އެއްގޮތަށް އިންތިހާބު ބޭއްވުމަށް ގޮވާލާ ކަމަށެވެ.

"ސިޔާސީ ހަމަނުޖެހުމުގެ ސަބަބުން ފަހަކަށް އައިސް ހިނގި ހާދިސާތަކަކީ ވަރަށް ބޮޑު ގޯހެއް ކަމަށް އަހަރެމެން ދެކެމެވެ. ސުލްހަވެރިކަމާއި އަމާންކަން ދެމެހެއްޓުމަށް އަހަރެމެން ގޮވާލަމެވެ. އަދި ގާނޫނު އަސާސީއާ ހިލާފު ފިޔަވަޅުތައް އެޅުމުން ދުރުހެލިވުމަށް ވެސް ގޮވާލަމެވެ،" އިންޑިއާގެ ބަޔާނުގައިވެ އެވެ.

އިންތިހާބުގެ ކަންތައްތައް އިއާދަވެފައިވާ ވުމަކީ ވަރަށް މުހިއްމު ކަމެއް ކަމަށް ދެކޭ ކަމަށް ވެސް އިންޑިއާއިން ބުނެފައިވެ އެވެ. އަދި ބުނެފައި އިންތިހާބަކީ ކާމިޔާބު އިންތިހާބަކަށް ހެދުމަށް ދިވެހި ސަރުކާރަށާއި އެހެނިހެން މުއައްސަސާތަކަށް އެހީތެރިވުމުގައި އިންޑިއާ ދެމި އޮންނާނެ ކަމަށެވެ.

"ގާތް އެކުވެރިއެއް އަދި އަވަށްޓެރިއެއްގެ ހައިސިއްޔަތުން އިންޑިއާއިން އަބަދު ވެސް މަސައްކަތްކޮށްފައި ވާނީ ރާއްޖޭގެ ޑިމޮކްރެޓިކް ޕްރޮސެސްއާއި މުއައްސަސާތައް ހަރުދަނާކުރުމަށް އެހީތެރިވުމަށެވެ،" ބަޔާނުގައި ވެއެވެ.

ރާއްޖޭގައި މިދިޔަ ސެޕްޓެމްބަރު މަހުގެ ހަތް ވަނަ ދުވަހު ބޭއްވި އިންތިހާބު ސުޕްރީމްކޯޓުން ވަނީ ބާތިލުކޮށްފައެވެ. އަދި އެކޯޓްގެ ހުކުމުގައި ދީފައިވާ ތާރީހަށް އިންތިހާބު އަލުން ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން އަންނަނީ މަސައްކަތް ކުރަމުންނެވެ. ސުޕްރީމްކޯޓްގެ ހުކުމުގައި ބުނެފައި ވަނީ އިންތިހާބުގެ ފުރަތަމަ ބުރު މިމަހުގެ 19 ވަނަ ދުވަހު ބޭއްވުމަށެވެ.