އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އަދި ކުރީގެ ރައީސް ނަޝީދު މުހައްމަދު ސުޕްރީމް ކޯޓުށް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެ އެވެ.

މަންދު ކޮލެޖުގައި ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސް ނަޝީދު ވިދާޅުވީ ސެޕްޓެންބަރު މަހުގެ ހަތް ވަނަ ދުވަހު ބޭއްވި ރިޔާސީ އިންތިހާބު ސުޕްރީމް ކޯޓުން ބާތިލް ކޮށްފައި ވަނީ ގާނޫނީ ހަމަތަކުގެ މަތިން ނޫން ކަމަށެވެ. އިންތިހާބު ބާތިލް ކުރަން ޖެހޭ ފަދަ ގާނޫނީ ހުއްޖަތެއް އަދި ހެއްކެއް ވެސް ސްޕްރީމް ކޯޓުގެ ހުކުމުން އެނގެން ނެތް ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ ރިޔާސީ އިންތިހާބެއް ބާއްވަން ޖެހޭ ގޮތާއި އެކަމަށް ގައިޑްލައިންތަކެއް ކަނޑައެޅުމުގެ ބާރު ސްޕްރީމް ކޯޓަށް ލިބިގެން ނުވާ ކަމަށާއި ގާނޫނުއަސާސީ އާއި ގާނޫނީ ހަމަތަކުގެ މަތިން ބަލާއިރު އެއީ ސުޕްރީމް ކޯޓަށް ލިބިގެންވާ ބާރެއް ނޫން ކަމަށެވެ.

ރީރަޖިސްޓްރޭޝަންގެ ކަންތައް އަލުން ކުރިއަށް ގެންދިއުމަށް ސުޕްރީމް ކޯޓުން ނެރެފައިވާ އަމުރާއި ގުޅޭ ގޮތުން ރައީސް ނަޝީދު ވިދާޅުވީ އެ އަމުރަކީ ސުޕްރީމް ކޯޓުން ރިޔާސީ އިންތިހާބު ބާތިލް ކުރުމަށް ކުރި ހުކުމާއި އެއް ވެސް ވަރަކަށް ގުޅުން ހުރި އަމުރެއް ނޫން ކަމަށެވެ. އަދި ވިދާޅުވީ ސުޕްރީމް ކޯޓުން މިހާރު ތަފާތު އެކި މައްސަލަތަކުގައި އަމުރު ނެރެމުންދާ ގޮތަށް ބަލާއިރު ފަނޑިޔާރުންނަށް މައްސަލައިގެ އަސްލު ނުވަތަ އެކަމާއި ގުޅުން ހުރި އެއްޗެއް ނޭނގޭ ކަމަށް ވެސް ރައީސް ނަޝީދު ވިދާޅުވި އެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ވަނީ ވަރަށް ބޮޑަށް ސިޔާސީ ވެފައި ކަމަށާއި އަދި އެކަމުގެ ސަބަބުން އެ ބޭފުޅުން ނެރުއްވާ އަމުރުތައް ވެސް ނެރުއްވަނީ ސިޔާސީ ގޮތުން ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

ނަޝީދުގެ ކެންޑިޑެސީ ބާތިލު ކުރުމަށް ސުޕްރީމް ކޯޓަށް ވައްދާފައިވާ މައްސަލައާ ގުޅޭ ގޮތުން ނޫސްވެރިން ސުވާލު ދެންނެވުމުން ރައީސް ނަޝީދު ވިދާޅުވީ އެމަނިކުފާނުގެ ކެންޑިޑެސީ ބާތިލް ނުކުރެވޭނެ ކަމަށާއި އަދި އެކަން ރާއްޖޭގެ ރައްޔިތުން ގަބޫލު ނުކުރާނެ ކަމަށެވެ.

އެމަނިކުފާނު ވިދާޅުވީ މި މަހުގެ 19 ވަނަ ދުވަހު ރިޔާސީ އިންތިހާބު ބޭއްވޭނެ ކަމުގެ ފުރިހަ ޔަގީންކަން އެބަ އޮތް ކަމަށާއި އަދި ބޮޑު ބައްޔަކުން އެމަނިކުފާނާއި އިދިކޮޅު ފަރާތްތައް ބަލި ކުރައްވާނެ ކަމަށް ވިދާޅުވި އެވެ.


އެމްޑީޕީއާ އިދިކޮޅު ފަރާތްތަކުން ތަފާތު އެކި އުޒުރުތައް ދައްކައިގެން އިންތިހާބު ލަސް ކުރުމަށް މަސައްކަތް ކުރާ ކަމަށާއި އެކަން އެގޮތަށް ކުރަނީ އިންތިހާބު ކާމިޔާބު ނުވާނެކަން އެނގޭތީ ކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ.

ސުޕްރީމް ކޯޓުގެ ހަތަރު ފަނޑިޔާރުންނަކީ ގައުމީ ސަލާމަތަށް ހުރި ނުރައްކަލެއް ކަމަށް ވެސް ނަޝީދު ވަނީ ތުހުމަތު ކުރައްވާފަ އެވެ. ނަމަވެސް އެއީ ކޮން ހަތަރު ފަނޑިޔާރުންނެއް ކަމެއް އެމަނިކުފާނު ވިދާޅެއް ނުވެއެވެ.

ރައީސް ނަޝީދު ވިދާޅުވީ އެމަނިކުފާނު ސުޕްރީމް ކޯޓަށް ފަނޑިޔާރުން އައްޔަން ކުރެއްވީ ވަރަށް ބޮޑަށް އިތުބާރު ކުރެއްވުމަށް ފަހުގައި ކަމަށާއި ނަމަވެސް މިހާރު އެބޭފުޅުންގެ އަސްލު ހަގީގަތް ފެންނަމުންދާ ކަމަށެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ތިއްބެވީ ގާނޫނީ އިމުން ބޭރުވެފައި ކަމަށާއި ކޮންމެ މީހަކު ކުށެއް ކުރުމުން ފިޔަވަޅު އަޅާ އުސޫލުން އެ ކޯޓުގެ ފަނޑިޔާރުންނާ މެދު ވެސް ފިޔަވަޅު އަޅަން ޖެހޭނެ ކަމަށް ނަޝީދު ވިދާޅުވި އެވެ.