13 Oct 2013, 09:27
މިދިޔަ ހަފްތާގެ ރެއެކެވެ. އޮފީސް ނިންމާލުމަށްފަހު 2:30 ހާކަންހާއިރު ހިނގާފައި ގެއަށް ދިޔަމަގުމަތިން އިވުނީ އަނގައިން ލައްވާ ބާރު އަޑެކެވެ. އަހަރެން ހީކުރީ މީހަކަށް އަނިޔާއެއް ދިނުމަށްފަހު މަގުމައްޗަށް އެއްލާލާފައި އޮތީ ކަމަށެވެ. ހާސްވެހުރެ އެއަޑެއް އަންނަ ހިސާބެއް ހޯދަން ފެށީމެވެ. ރަނގަޅަށް އެ ސަރަހައްދު ބަލައި ލުމުން އަހަރެނަށް ހީނގަނެވުނެވެ. އެ އިވުނު އަޑަކީ، އަގު ބޮޑެތި އެތައް މުދަލެއް ބަހައްޓާފައި ހުރި ފިހާރައެއްގެ ފާރަވެރިއަކަށް ހުރި ގާޑުގެ ގުގުރި ދަމާ އަޑެވެ.
"ގޭގަ ސެކިއުރިޓީ ގާޑެއް ބަހައްޓާފަ ހުންނާނެ. އެއް ރެއަކު ގޭ ބޮޑު ދޮރު ހަލާކުކޮށްލައިގެން ވަދެ ގޭގައިން 52 އިންޗީގެ ޓީވީއެއް ވަގަން ގެންގޮސްފި. ހާސްވެގެން އަހައިފިން ގާޑު ކައިރި ކިހިނެއްހޭ ގެންދިޔައީ. އޭނައަށް އެނގޭ ކަމަކަށް ވެސް ނުވި. ގައިމު އޭނާ ގޮނޑި އަޅައިގެން އިންނާނީ ވެސް އެ ދޮރުކައިރި. ފަހުން ބުނި ނިދުނިޔޭ،" ސެކިއުރިޓީ ގާޑުންނާ ބެހޭ ގޮތުން ރައްޓެއްސަކު އޭނާއަށް ދިމާވި ކަމެއް ކިޔައިދެމުން ބުންޏެވެ.
http://www.sun.mv/albums/l_20619.jpg
މާލެ އަކީ ހަލަބޮލި ތަނެކެވެ. ވައްކަން ކުރުމާއި ލޫޓްވުން ވެސް ވަނީ ހައްދުން ނައްޓައިފަ އެވެ. ސިޔާސީ ހަލަބޮލި ކަމާއި ޒާތީ ކަންކަމުގައި މީހުންގެ އަގު ބޮޑެތި މުދަލަށް ގެއްލުން ދިނުން ވަނީ މެކުހަށް ޖަހާފަ އެވެ. މިފަދަ ކިތަންމެ ކަމެއް މާޒީގަ ވެސް އިއްޔެ ވެސް އަދި މިއަދު ވެސް ހިނގާފައިވެ އެވެ. އެފަދަ ކަންކަން ހުއްޓުވުމަށް މުދަލުގެ ވެރިން ކުރަމުންދާ ކަމަކީ ސެކިއުރިޓީ ގާޑުން ބެހެއްޓުމެވެ.
މާލެއަށް ބަލާއިރު މުދާ ރައްކާތެރި ކުރުމަށް ފާރަވެރިން ބަހައްޓާފަ ހުންނަތަން ވަރަށް ގިނައިން ފެނެ އެވެ. ދަންވަރު 12:00 އިން ހެނދުނު 6:00 އަށް މާލޭގެ އެކި ހިސާބުތަކުގައި ހުންނަ ބޮޑެތި ފިހާރަތަކާއި ކުންފުނިތަކުގެ އޮފީސްތަކުގެ އިތުރުން ބައެއް ގޭގޭ އާއި ސަރުކާރުގެ އިދާރާތަކާއި ސުކޫލުތަކުގައި ސެކިއުރިޓީ ގާޑުން ބަހައްޓާފައި ހުރެ އެވެ. އާންމުކޮށް ގާޑުންގެ ގޮތުގައި ތިބެނީ ބިދޭސީންނެވެ. އެކަމަކު މަދުން ނަމަވެސް ދިވެހިން ވެސް ތިބެ އެވެ.
http://www.sun.mv/albums/l_20624.jpg
ސެކިއުރިޓީ ގާޑުންގެ ގޮތުގައި ތިބޭ މީހުން ކުރަނީ ކީއްތޯ އެވެ؟ މިދިޔަ ހަފްތާގެ ފަސް ރޭ މާލޭގެ އެކި ހިސާބުތަކުގައި ހަރަކާތްތެރިވާ ގާޑުން ތިބޭ ތަންތަން ބަލައި، ފާރަލައިގެން އެ މީހުން ކުރާ ކަންކަން ދަންވަރުގެ އެކި ވަގުތުތަކުގެ މަތިން އަހަރެން ބެލީމެވެ. ގާޑުން ޒިންމާ އަދާކުރާ މިންވަރު ރަނގަޅަށް ވަޒަން ކޮށްލެވުނެވެ.
ސެކިއުރިޓީ ގާޑުންގެ ހާލުފެނިފައި މުދަލުގެ ރައްކަލާމެދު އިންތިހާއަށް ކަންބޮޑުވެ އެވެ. ގާޑުން ގިނައިން ތިބެނީ ގޮނޑިތަކުގައެވެ. ގާތްގަނޑަކަށް 12:30 ހާކަންހާއިރު އާ ފުރެން ފަށަ އެވެ. ދެން ގަޑިއެއްހާއިރު ފަހުން އޮންނަނީ އިށީނދެ ތިބި ގޮނޑިތަކުގައި އޮށޯވެ ގުގުރީގައެވެ. ކިތަންމެ ވަރަކަށް ވެހިކަލް ދުއްވިޔަސް ގިނަ ގާޑުންނަށް ހިލަމެއް ވެސް ނުވެ އެވެ. ނުނިދައި ހޭލައި ޒިންމާ އަދާކުރާތަން ފެންނަނީ ގުނާލެވޭހާ މަދު ބައެކެވެ.
http://www.sun.mv/albums/l_20623.jpg
"ތި ބުނާފަދަ ޝަކުވާތައް ވެސް ލިބޭ، އަޅުގަނޑުމެންގެ ސުޕަވައިޒަރުން ގަޑިން ގަޑިއަށް ދާނީ ބަލަހައްޓަމުން، ސުޕަވައިޒަރުންގެ ރިޕޯޓް ލިބިއްޖެއްޔާ އަޅުގަނޑުމެން އެކަހަލަ ކަންތައްތަކަށް ފިޔަވަލުއަޅަން. ދިމާވޭ އެހެންތިއްބާ ވެސް [ނިދާފަ]" ބްލެކް ސާޗުގެ އިސްވެރިޔަކު ނަންނުޖެހުމަށް ޝަރުތުކޮށް ވިދާޅުވި އެވެ.
ބައެއް ގާޑުންނާ ވެސް ވާހަކަދައްކާލީމެވެ. އެ މީހުން ނިދާ ސަބަބު އަހަރެން ކުޑަކޮށް ތިލަ ކޮށްލީމެވެ. އެންމެ ބޮޑަށް ފާހަގަވި ކަމަކީ ސެކިއުރިޓީއަށް ތިބޭ ގިނަ މީހުންނަކީ ހަމައެކަނި އެ ވަޒީފާއަށް ހުސްވެފައި ތިބޭ މީހުން ނޫން ކަމެވެ. ދުވާލު ގަޑީގައި ބުރަ މަސައްކަތުގައި އުޅެފައި އެ މީހުން ރޭގަނޑު ޑިއުޓީއަށް އަންނަނީ ދުވާލު ނިދާލުމެއް ނެތި ބުރަ މަސައްކަތުގެ ވަރުބަލި ކަންމަތީ އެވެ.
http://www.sun.mv/albums/l_20622.jpg
ގިނަ ގާޑުން އެމީހުންގެ ޒިންމާ އަދާކުރަން ގަދަ ގުގުރީގައި ތިބޭއިރު އެމީހުން ބަހައްޓާފައި ތިބެނީވެސް ބޮޑެތި އަގުތަކެއް ދައްކައިގެންނެވެ. "ސަން" އަށް ލިބިފައިވާ އަގުތަކަށް ބަލާއިރު އެންމެ ގާޑެއް ބަހައްޓައިގެން ހަ ގަޑިއިރުގެ ސެކިއުރިޓި ބަލަހައްޓައިދެނީ މަހަކު 4،000ރ. އަށެވެ. ކޮންމެ ގާޑަކަށް އިތުރުވާ ކޮންމެ ހަ ގަޑިއިރަކަށް 4000ރ. ޗާޖްކުރެއެވެ. ސެކިއުރިޓީ ކުންފުނިތަކުން ސެކިއުރިޓީ ގާޑުންނަށް ރަނގަޅު މުސާރައެއްދެ އެވެ. އެ މީހުންގެ މުސާރަތައް އުޅެނީ 4،500ރ. އާއި 8،000ރ. އާއި ދެމެދުގެ އަގުތަކެއްގަ އެވެ.
ގަދަ ގުގުރީގައި ސެކިއުރިޓީ ގާޑުން ތިބޭ މައްސަލާގައި ބައެއް ސެކިއުރިޓީ ކުންފުނިތަކުގެ ވެރިންނާއި ވާހަކަ ދައްކާލީމެވެ. އެ ފަރާތްތަކުން ބުނާ ގޮތުން ނަމަ ސެކިއުރިޓީގެ ފެންވަރު ދަށްވުމަށް ދިމާވާ މައިގަނޑު ސަބަބަކީ އެ ހިދުމަތް ހޯދާ ފަރާތްތަކުން ވެސް މާ ހެޔޮ އަގެއްގައި ހިދުމަތް ބޭނުން ވުމުންނެވެ. ރަނގަޅު ސެކިއުރިޓީއެއް އެކަމަށް އެންމެ އެކަށިގެންވާ މީހުންނާއެކު ދެވޭނީ ބޮޑު އަގަކަށް ވުމާއެކު އެ އަގަށް ހިދުމަތް ހޯދާ ކުންފުނިތަކުން އެއްބަސްނުވާ ކަމީ "ގަދަގުގުރީގެ" ސެކިއުޓީއެއް ދެވޭ ސަބަބުކަމަށް އެފަރާތްތަކުން ދެކެ އެވެ.
ސެކިއުރިޓީ ކުންފުތަކާއި ސެކިއުރިޓީ ގާޑުންނާއި ހަވާލުވެފައި ވަނީ ކުޑަ ޒިންމާއެއް ނޫނެވެ. އެއީ އެތައް އަގު ހުރި މުދަލެއް ނުވަތަ އެތައް ބައެއްގެ ހައްގުގެ ފާރަވެރިވުމުގެ ޒިންމާއެވެ. އެޒިންމާ އަދާ ކުރަން ސެކިއުރިޓީ ކުންފުނިތަކުން މިހާރަށްވުރެ ޒިންމާވާންޖެހެ އެވެ. ގާޑުންގެ "ގުގުރިން" މާލެ ތެރެ އަޑުގުގުމަށް ވުރެ ގާޑުންގެ ލޯތަކުން މާލެ ތެރެ އާއި މީހުންގެ މުދާ ރައްކާތެރި ކުރަންޖެހެ އެވެ.