12 Oct 2013, 22:25
ގަދަ ވަޔާއެކު ބާރުގަދަ ތޫފާން "ފައިލިން" އިރުމަތީ އިންޑިއާގެ އޮރިއްސާ ސްޓޭޓްގެ ގޯޕާލް ޕޫރުގެ އައްސޭރި ފަށަށް އަރައިފި އެވެ.
މޫސުމާ ބެހޭ ދާއިރާތަކުން ބުނާ ގޮތުގައި ގަޑިއަކު 220 ކިލޯ މީޓަރު (136 މޭލު)ގެ ބާރުމިނުގައި ޖެހެމުން ދިޔަ ވަޔާއެކު ފައިލިން ގޯޕާލްޕޫރުގެ އައްސޭރިފަށަށް އަރާފައިވަނީ މިރޭ 9:15 ކަންހާއިރު އެވެ. އަދި އޭގެ ސަބަބުން އެ ސަރަހައްދުގައި ދިރިއުޅޭ 500,000 އަށް ވުރެ ގިނަ މީހުން ވަނީ ރައްކާތެރި ހިސާބުތަކަށް ބަދަލު ކުރެވިފަ އެވެ.
އިންޑިއާގެ އޮފިޝަލުންނާ ހަވާލާދީ ބީބީސީގައި ބުނެފައިވަނީ ދިހަ ފޫޓުގެ އުސްމިނުގައި ރާޅު އުފެދިފައިވާ އެ ތޫފާން "އެންމެ ނުރައްކާތެރި" ތޫފާންތަކުގެ މިންގަޑުން ދަރަޖަ ކުރެވިފައިވާ މި ތޫފާނަކީ ވޭތުވެތިޔަ 14 ވަރަކަށް އަހަރު ދުވަހުގެ ތެރޭގައި އެ ހިސާބުގަނޑަށް އަރާ އެންމެ ބާރުގަދަ ތޫފާން ކަމުން އެކަމަށް ދުރާލައި ވަރަށް ބޮޑަށް ރައްކާތެރި ވެފައިވާ ކަމަށެވެ.
އިންޑިއާގެ އެންޑީ ޓީވީއިން ރިޕޯޓު ކޮށްފައިވާ ގޮތުގައި ތޫފާނުގެ ސަބަބުން ވެހެމުންދާ ބޯ ވާރެއާއި ގަދަ ވައިގެ ސަބަބުން އޮރިއްސާގެ އެކި ހިސާބުތަކުގައި ބިންގަނޑު ކަނޑައިގެން ދިއުމާއި، ގަސްތައް ވެއްޓުމާއި އަދި ކަރަންޓު ނަރުތައް ބުރިވެ އެކި ހިސާބުތަކުން ވަނީ ކަރަންޓު ކެނޑިފަ އެވެ. އަދި މި ތޫފާނުގައި މިހާތަނަށް ފަސް މީހުން މަރުވެފައިވާ ކަމަށް ވެސް ރިޕޯޓުތައް ބުނެ އެވެ.
ތޫފާންގެ ސަބަބުން ގެއްލުން ލިބި ހާލުގައި ޖެހޭ މީނުންނަށް އެހީތެރިވުމަށްޓަކައި ސަލާމަތީ ބާރުތަކުން ފުރިހަމައަށް ތައްޔާރަށް އޮތްއިރު ހާލުގައި ޖެހޭ މީހުންނަށް ކާބޯތަކެތި ފޯރުކޮށްދިނުމަށް ހެލިކޮޕްޓަރުތައް ވެސް ވަނީ ތައްޔާރީ ހާލަތުގައި ކަމަށް ރިޕޯޓުތައް ބުނެއެވެ.
އޮރިއްސާއަށް 1999 ވަނަ އަހަރު އެރި ބާރުގަދަ ތޫފާނުގެ ސަބަބުން އެ ސަރަހައްދުން 10،000 އަށްވުރެ ގިނަ މީހުން މަރުވެފައިވެ އެވެ.