ރީ-ރަޖިސްޓްރޭޝަން ފޯމުތަކުގައި ފިންގާޕްރިންޓް ޖެހި ނަމަވެސް، އެފިންގާޕްރިންޓްތައް ވެރިފައިކުރުމުގެ ގާބިލްކަން ރާއްޖޭގެ އެއްވެސް މުއައްސަސާއަކަށް ލިބިފައިނުވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފި އެވެ.

މިރޭ އިލެކްޝަންސް ކޮމިޝަންގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެކޮމިޝަންގެ ރައީސް ފުއާދު ތައުފީގު ވިދާޅުވީ ރާއްޖޭގެ ހުރިހާ ރައްޔިތުންގެ ފިންގާޕްރިންޓް ވެރިފައިކުރުމުގެ ގާބިލްކަން ލިބިފައިނުވާ ކަމަށް ފުލުހުންގެ އިތުރުން ޑިޕާޓްމަންޓް އޮފް ނެޝަނަލް ރެޖިސްޓްރޭޝަން (ޑީއެންއާރު) އިން ވެސް ބުނެފައިވާ ކަމަށެވެ.

އިލެކްޝަންސް ކޮމިޝަންގެ މެމްބަރު އަލީ މުހައްމަދު މަނިކު ވިދާޅުވީ ފިންގާޕްރިންޓް ނެގުމުން މައްސަލަ ޖެހޭ ފޯމުތައް ފުލުހުންނަށް ފޮނުވައިގެން ބަލާނެ ކަމަށެވެ. ނަމަވެސް ހުރިހާ ފޯމެއް ނުބެލޭނެ ކަމަށް މަނިކު ވިދާޅުވި އެވެ.