12 Oct 2013, 20:51
މިހާރު ކުރިއަށްދާ އޭއެފްސީ 19 އަހަރުން ދަށުގެ ޗެމްޕިއަންޝިޕް ކޮލިފައިންގެ ގްރޫޕް ބީގައި ރާއްޖެ ކުޅުނު ފަހު މެޗުގައި ޔަމަން އަތުން 3-0 އިން ބަލިވެ ކޮލިފައި ވުމުގެ ފުރުސަތު ރާއްޖެއަށް ގެއްލިއްޖެ އެވެ.
ޢަމްމާންގެ ޕްރިންސް މުހައްމަދު ސްޓޭޑިއަމްގައި މިއަދު ހަވީރު ކުޅުނު މެޗުގައި ރާއްޖޭ ކޮޅަށް ޔަމަނުން ޖެހި ތިން ލަނޑުގެ ތެރެއިން އެއް ލަނޑު ކާމިޔާބުކޮށްފައިވަނީ އެޓީމަށް ލިބުނު ޕެނަލްޓީ އަކުންނެވެ.
މުބާރާތަށް ކޮލިފައި ނުވި ނަމަވެސް މިފަހަރުގެ ކޮލިފައިންގައި ރާއްޖޭގެ ޒުވާން ޓީމުން ވަނީ ރަނގަޅު ކުޅުމެއް ދައްކާފަ އެވެ. "ސަން"އާ ވާހަކަ ދައްކަމުން ގައުމީ ޓީމްގެ އެސިސްޓެންޓް ކޯޗު ސޮބާހު މުހައްމަދު (ސޮބާ) ބުނީ ރާއްޖޭގެ ކުޅުންތެރިންނާ ބަލާފަ ޔަމަނު ކުޅުންތެރިން ވަރަށް ވަރުގަދަ ކަމަށެވެ.
"އަޅުގަނޑުމެންގެ ކުދިންނާ ބަލާފަ ޔަމަނު ކުޅުންތެރިން ވަރަށް ވަރުގަދަ. މެޗު ފެށުނީއްސުރެން ވެސް އެމީހުން އައީ ވަރުގަދަ ކުޅުމެއް ދައްކަމުން. އަޅުގަނޑުމެން ކުޅެނީ ކައުންޓަ އެޓޭކަށް،" ސޮބާ ބުންޏެވެ. "މި ލެވެލްގަ ފިޒިކަލީ ވަރުދަގަ ނުވެ ކުޅެން އުނދަގޫވާނެ."
ސޮބާ ބުނީ ކޮލިފައިންއަށް ތައްޔާރުވުމަށް ރާއްޖޭގެ ޓީމަށް މަހެއްހާ ދުވަސް ލިބުނު އިރު ޓީމުގެ ފަރާތުން ފެނިގެންދިޔަ ކުޅުމާ ދޭތެރޭގައި ވަރަށް ބޮޑަށް ހިތްހަމަ ޖެހޭ ކަމަށެވެ.
ކޮލިފައިންގައި ރާއްޖެ ކުޅުނު ފުރަތަމަ މެޗުން އަފްޣާނިސްތާން އަތުން 1-0 އިން މޮޅުވެފައިވާއިރު ރާއްޖެ ކުޅުނު ދެވަނަ މެޗުގައި އުރުދުންއާ ވާދަކޮށް ލަނޑެއް ނުޖެހި ވަނީ އެއްވަރު ވެފައެވެ. އަދި ތިން ވަނަ މެޗުގައި ޔޫއޭއީ އަތުން ރާއްޖެ ބަލިވީ 5-0 ލަނޑުންނެވެ.
ކޮލިފައިން ގްރޫޕް ބީ ގައި ބާކީ އެއްމެޗު ކުޅެން އޮތްއިރު އެއްވަނައިގައި 9 ޕޮއިންޓާއެކު އޮތީ ޔޫއޭއީ އެވެ. އަދި ހަމަ ނުވަ ޕޮއިންޓާއެކު ލަނޑުގެ ތަފާތުން ޔަމަނަށް ދެވަނަ ލިބޭއިރު ހަތަރު ޕޮއިންޓާއެކު ތިންވަނައިގައި އޮތީ އުރުދުން އެވެ. ހަމަ އެއަދަދަށް ޕޮއިންޓް ހޯދައިގެން ހަތަރު ވަނައިގައި އޮތީ ރާއްޖެ އެވެ. އަފްޣާން ދިޔައީ ޕޮއިންޓެއް ނުލިބި ގްރޫޕްގެ ފުލަށެވެ.
ރާއްޖޭގެ 19 އަހަރުން ދަށުގެ ގައުމީ ފުޓްބޯޅަ ޓީމް އެނބުރި މާލެ އައުމަށް ހަމަޖެހިފައި ވަނީ އަންނަ އަންގާރަ ދުވަހު އެވެ.
ކޮލިފައިންގައި ހިމެނޭ ނުވަ ގުރޫޕުގެ ތެރެއިން ކޮންމެ ގުރޫޕެއްގެ އެއްވަނަ އަދި، ހުރިހާ ގުރޫޕަކުން ދެވަނައަށް އެންމެ ރަނގަޅު ނަތީޖާ ހޯދާ ހަގައުމެއް މުބާރާތް ބާއްވާ މިޔަންމާއާ އެކު، 2014 ވަނަ އަހަރުގެ އޭއެފްސީ 19 އަހަރުން ދަށުގެ ޗެމްޕިއަންޝިޕަށް ކޮލިފައިވާނެ އެވެ.
އޭއެފްސީ 19 އަހަރުން ދަށުގެ ޗެމްޕިއަންޝިޕް ކާމިޔާބުކުރާ ގައުމެއް 2015 ވަނަ އަހަރު ނިއުޒީލެންޑުގައި އޮންނަ 20 އަހަރުން ދަށުގެ ފީފާ ވޯލްޑްކަޕަށް ކޮލިފައިވާނެ އެވެ.