އަންނަ ހޮނިހިރު ދުވަހު ބާއްވާ ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގައި އެއްވެސް ކެންޑިޑޭޓަކަށް ތާއީދު ނުކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ނިންމަވައިފި އެވެ.

ޓީވީމޯލްޑިވްސް އަށް ދެއްވި އިންޓަވިއުއެއްގައި ރައީސުލްޖުމްހޫރިއްޔާގެ ޕޮލިޓިކަލް އެޑްވައިޒަރު އަހްމަދު ތައުފީގު ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާގެ މަގާމުގައި ހުންނަވައި ވަކި ކެންޑިޑޭޓަކަށް ތާއީދު ކުރެއްވުމަކީ މިދަނޑިވަޅުގައި އެންމެ ރަނގަޅުގޮތެއް ކަމަށް ރައީސް ވަހީދު ދެކެވަޑައިނުގަންނަވާ ކަމަށެވެ.

ރައީސް ވަހީދު އެގޮތަށް ނިންމަވާފައިވާއިރު ރިޔާސީ އިންތިޚާބު ބާތިލް ކުރުމުގެ ކުރިން، ދެވަނަ ބުރު ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން އިއުލާން ކުރުމާ އެކު ރައީސް ވަހީދު ވިދާޅުވެފައި ވަނީ ދެވަނަ ބުރުގައި އެމަނިކުފާނު ތާއީދު ކުރައްވާނީ ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމަށް ކަމަށެވެ.