ރަށްވެހިވެފައިވާ ރަށް ނޫން އެހެން ރަށްރަށުގައި ވޯޓުލާ ފަރާތްތަކުން ރަޖިސްޓްރީ ކުރާއިރު ރަޖިސްޓްރީވެފައި ވޭތޯ އެފަރާތްތަކުން އަމިއްލައަށް ޔަގީން ކުރުމަށް ޕީޕީއެމް އެމްޑީއޭ ކޯލިޝަނުން ގޮވާލައިފި އެވެ.

ޕީޕީއެމް، އެމްޑީއޭ ކޯލިޝަނުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެމްޑީއޭގެ ނާއިބު ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ ކުޑަހުވަދޫ ދާއިރާގެ މެމްބަރު އަހްމަދު އާމިރު ވިދާޅުވީ އިލެކްޝަންސް ކޮމިޝަނުން ބޮޑެތި ޖެއްސުން ތަކެއް ކުރަމުންދާ ކަމަށާއި އެގޮތުން ވޯޓް ލުމަށް ރަޖިސްޓްރީ ކުރުމަށް ވެސް ދަތިތަކެއް ކުރިމަތިކުރާ ކަމަށެވެ. އެހެން ކަމުން ވޯޓު ލުމަށް ރަޖިސްޓްރީ ވެފައި ވޭތޯ ކޮންމެ ބޭފުޅަކުވެސް އަމިއްލައަށް ޔަގީންކޮށް ބެލުމަށް އޭނާ ގޮވާލެއްވި އެވެ.

"ހުރިހާ ބޭފުޅުން ވެސް އެބަ ކަށަވަރު ކުރަންޖެހޭ ބޭނުންފުޅުވާ ގޮތަށްތޯ ރަޖިސްޓްރީގައި އޮތީ. އަޅުގަނޑުމެން މިހާ ކުޑަ ވަގުތު ކޮޅެއްގެ ތެރޭގައި މަސައްކަތް ކުރަމުންދާއިރު ތިބޭފުޅުން އަމިއްލައަށް ވެސް ބައްލަވާށޭ،" އާމިރު ވިދާޅުވި އެވެ.

އާމިރު ވިދާޅުވީ އިލެކްޝަންސް ކޮމިޝަނުން ކުރަމުންދާ ގާނޫނާއި ހިލާފު ކަންކަން ހުއްޓުވައި ދިނުމަށް ސަލާމަތީ ބާރުތަކަށާއި ސަރުކާރަށް ގޮވާލާ ކަމަށެވެ. އަދި އެކޮމިޝަނުގެ މެމްބަރުން އިސްތިއުފާ ދޭންޖެހޭ ކަމަށް ވެސް އާމިރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ވޯޓާސް ލިސްޓުގައި ހުރިހާ ކެންޑިޑޭޓުން ސޮއިކުރަން ޖެހޭއިރު ސުޕްރީމް ކޯޓުން އަންގާފައިވާ އެންގުންތައް އިސްލާހު ނުކުރާނަމަ ޕީޕީއެމް އިން އެލިސްޓުގައި ސޮއިނުކުރާނެ ކަމަށެވެ. އަދި އެލިސްޓްގައި ސޮއިކުރުމުގެ ކުރިން ވަރަށް ރަނގަޅަށް ބަލާނެކަމަށް އާމިރު ވިދާޅުވި އެވެ.