ވޯޓުލާ މަރުކަޒުތަކުގައި ގާނޫނާއި ގަވާއިދުގެ އިމުގެ ތެރެއިން ހަރަކާތްތެރިވާ ނޫސްވެރީންނާއި އޮބްޒާވަރުންނަށް އެމީހުންގެ ޕްރޮފެޝަނަލް މަސްއޫލިއްޔަތު އަދާކުރުމަށްޓަކައި ޒަރޫރީގޮތުން ކޮންމެހެން ބޭނުންވާ ވަސީލަތްތައް ގާނޫނާއި ގަވާއިދުގެ އިމުގެ ތެރެއިން ބޭނުން ކުރުމަށް އެއްވެސް ފަރާތަކުން ހުރަސް ނޭޅުމަށް ސުޕްރީމް ކޯޓުން އަމުރުކޮށްފި އެވެ.

ސުޕްރީމް ކޯޓުން މިފަދަ އަމުރެއް ނެރެފައި ވަނީ ރިޔާސީ އިންތިޚާބު ބާތިލްކޮށް އެ ކޯޓުން ކުރި ހުކުމްގައި ބުނެފައިވާގޮތުން ވޯޓުލާ މަރުކަޒަކަށް ކެމެރާފަދަ ތަކެތި ވެއްދުމުގެ ހުއްދަ ނޫސްވެރީންނަށް ނުދެވޭނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފައިވަނިކޮށެވެ.

އުއްތަމަ ފަނޑިޔާރު އަހްމަދު ފާއިޒު ހުސައިން ސޮއިކުރައްވައި މިއަދު ނެރުއްވި އަމުރުގައި ބުނެފައި ވަނީ ރިޔާސީ އިންތިޚާބު ބާތިލުކޮށް އެ ކޯޓުން ކުރި ހުކުމްގައި ދީފައިވާ ގައިޑުލައިންތަކުގެ މަގުސަދަކީ ގާނޫނާއި ގަވާއިދުގެ އިމުގެ ތެރެއިން ވޯޓުލާ މަރުކަޒުގައި ހަރަކާތްތެރިވާ ނޫސްވެރީންނާ އޮބްޒާވަރުންނަށް އެމީހުންގެ ޕްރޮފެޝަނަލް މަސްއޫލިއްޔަތު އަދާކުރަން ހުރަސް އެޅުން ނޫން ކަމަށެވެ.