ތާޖު މަހަލްގައި ފޮޓޯ ނެގުން މަނާ ތަނެއްގައި ފޮޓޯ ނެގި މައްސަލައެއްގައި 2012 ވަނަ އަހަރުގެ މިސް ޔުނިވާސް އޮލީވިއާ ކަލްޕޯއަށް ދެ އަހަރު ދުވަހުގެ ޖަލު ހުކުމަކާ ކުރިމަތިލާން ޖެހިދާނެ ކަމަށް ރިޕޯޓުތައް ބުނެފި އެވެ.

އިންޑިއާގެ އާގަރާގެ އާކިއޮލޮޖިކަލް ސާވޭ އޮފް އިންޑިއާ (އޭއެސްއައި) ގެ އޮފިޝަލެއް ކަމަށްވާ އެންކޭ ޕަތަކްއާ ހަވާލާދީ އޭއެފްޕީގައި ބުނެފައިވަނީ، ކަލްޕޯ ވަނީ އޭއެސްއައިގެ ހުއްދަ ނެތި ތާޖު މަހަލްގެ "ޑަޔާނާ ސީޓް"ގެ ނަންދެވިފައިވާ މޮނިއުމަންޓު ކައިރީގައި ފައިވާނުގެ ބްރޭންޑެއް އިސްތިހާރުވާގޮތަށް ފޮޓޯ ނަގާފައި ކަމަށާއި ވިޔަފާރީގެ ބޭނުމަށް އެފަދަ ފޮޓޯތަށް ނެގުމަކީ މަނާކުރެވިފައިވާ ކަމަކަށްވާތީ އެމައްސަލަ ފުލުހުންނަށް ހުށަހެޅީ ކަމަށެވެ.

"ތާޖް މަހަލްގައި ފޮޓޯ ނެގުމަށް ވަރަށް ހަރުކަށި ގަވާއިދުތަކެއް ހެދިފައިވޭ. ހާއްސަކޮށް އެއްވެސް ބާވަތެއްގެ ބްރޭންޑެއް އިސްތިހާރުކުރުމަކީ މަނާކަމެއް. އަދި ހަމަ އެހެންމެ އެމީހުން ފޮޓޯ ޝޫޓް ކުރިއަށް ގެންގޮސްފައިވަނީ ދުރާލައި ނަގަންޖެހޭ ހުއްދަވެސް ނުނަގައި،" ޕަތަކް ވިދާޅުވި އެވެ.

މިސް ޔުނިވާސް އޮލީވިއާ ކަލްޕޯ ދިއްލީގެ ސްކޫލަކަށް ކުރި ޒިޔާރަތުގެ ތެރެއިން -- ފޮޓޯ: މިސް ޔުނިވާސް އޮގަނައިޒޭޝަން


ފުލުހުންނާ ހަވާލާދީ ރިޕޯޓުތައް ބުނާގޮތުން 1992 ވަނަ އަހަރު ޕްރިންސަސް އޮފް ވޭލްސް ޑަޔާނާ ތާޖު މަހަލްއަށް ކުރެއްވި ޒިޔާރަތުގައި އެކަމަނާގެ ހަނދާނުގައި ސަންގުމަރުމަރު ހިލައިން ހަދާފައިވާ ޑަޔާނާ ސީޓްގެ މަތީގައި ބްރޭންޑެޑް ފައިވާނެއް ބަހައްޓައިގެން ކަލްޕޯ ވަނީ ފޮޓޯ ނަގާފައި ކަމަށާއި އަދި އެމައްސަލަ އެތަން ބެލެހެއްޓުމާ ހަވާލުވެ ހުންނެވި މުނައްޒަރު އަލީ ފުލުހުންނަށް ހުށަހަޅާފައިވާ ކަމައެވެ.

"ކަލްޕޯއާއި އޭނާއާ އެކު އައި ޓީމުން ވަނީ އިންޑިއާގެ ގަދީމީ އަދި އާޘާރީ ތަންތަނާ ބެހޭ ގާނޫނާ ޚިލާފުވެފައި. ވޯލްޑް ހެރިޓޭޖް ސައިޓެއްގެ ގޮތުގައި ހިމާޔަތްކުރެވިފައިވާ ތާޖު މަހަލްގައި ވިޔަފާރި އިޝްތިހާރު ކުރުމަކީ އިންޑިއާގެ ގާނޫނުން މަނާކުރާ ކަމެއް،" ޕޮލިސް އިންސްޕެކްޓަރު ސުޝާންތު ގައުރުއާ ހަވާލާދީ އޭޕީގައި ލިޔެފައިވެ އެވެ.

"މިހާރު ކަމާބެހޭ ފަރާތްތަކުން އެ މައްސަލަ ވަނީ ކޯޓަށް ވައްދާފައި. ކަލްޕޯއާއި އޭނާއާއެކު އުޅުނު އެހެން މީހުންގެ މައްޗަށް ކުއް ސާބިތުވެއްޖެ ނަމަ ދެ އަހަރު ދުވަހުގެ ޖަލު ހުކުމަކާއެކު 1600 ޑޮލަރުން ޖޫރިމަނާ ކުރެވޭނެ."
http://www.sun.mv/albums/l_20615.jpg
މިސް ޔުނިވާސް އޮލީވިއާ ކަލްޕޯ އަމްރިތްސަރުގެ ގޯލްޑަން ޓެމްޕްލް ގައި -- ފޮޓޯ: މިސް ޔުނިވާސް އޮގަނައިޒޭޝަން

އެމެރިކާގެ 2012 ވަނަ އަހަރުގެ ރީތީގެ ރާނީގެ އިންޑިއާ ދަތުރަކީ، މިއަހަރު ނޮވެމްބަރު މަހު ރަޝިޔާގައި އޮންނަ މިސް ޔުނިވާސް ހޮވުމުގެ މުބާރާތުގެ ކުރިން އޭނާ އެކި ތަންތަނަށް ކުރަމުން ގެންދާ ދަތުރުގެ ތެރެއިން އިންޑިއާގައި އަންހެނުންގެ ތައުލީމާއި، ބަނޑުގައި އަށަގަންނަ ދަރިފުޅަކީ އަންހެން ކުއްޖަކަށް ވުމުން އެބޯޝަން ހަދާ މައްސަލައާއި އަދި އެއިޑްސްއާ ބެހޭގޮތުން މީހުންގެ ހޭލުންތެރިކަން އިތުރުކުރުމަށް ކުރި 10 ދުވަހުގެ ޒިޔާރަތެކެވެ. އެ ދަތުރުގައި ކަލްޕޯ ވަނީ އިންޑިއާގެ ދީނީ އަދި ތާރީހީ އެކިއެކި ތަންތަނަށް ޒިޔާރަތް ކޮށްފަ އެވެ.
http://www.sun.mv/albums/l_20618.jpg
މިސް ޔުނިވާސް އޮލީވިއާ ކަލްޕޯ ދިއްލީގެ މިސްކިތަކަށް ކުރި ޒިޔާރަތުގެ ތެރެއިން -- ފޮޓޯ: މިސް ޔުނިވާސް އޮގަނައިޒޭޝަން


އެމައްސަލައާ ގުޅޭގޮތުން އުމުރުން 21 އަހަރުގެ ރީތީގެ ރާނީ ބުނީ، އޭނާ އެކަންކުރީ ގަސްތުގައި ނޫން ކަމަށާއި، އޭނާ މަސައްކަތް ކުރަނީ މިސް ޔުނިވާސް އޯގަނައިޒޭޝަނުން އަންގާ ގޮތުގެ މަތިން ކަމަށެވެ.

"އަހަރެންނަކީ މިސް ޔުނިވާސް އޯގަނައިޒޭޝަންއަށް މަސައްކަތް ކޮށްދޭ މީހެއް. އެމީހުން ބުނާ ގޮތަށް އަހަރެން މަސައްކަތް ކުރަން ޖެހެނީ،" ކަލްޕޯ ބުންޏެވެ. "އަހަންނަށް ހީވަނީ އެމީހުންގެ މަގުސަދަކީ ތާޖް މަހަލްއަށް ވުރެ ބޮޑަށް އިންޑިއާ ތަސައްވަރުކޮށްދިނުން. އެކަމަކު އެކަން ނިމިގެން މިދިޔައީ ބޮޑު ކުށެއްގައި ބެދިގެން،"

ކަލްޕޯ ބުނީ ފޮޓޯ ޝޫޓިން ފެށުމުގެ ކުރިން އޭނާ އެކަމާ ބެހޭގޮތުން ޓީމުގެ މެންބަރުންނާ ސުވާލު ކުރި ކަމަށާއި އަދި އެއީ އެހާ ރަނގަޅު ކަމެއް ނޫން ކަމަށްވެސް ބުނެފައިވާނޭ ކަމަށެވެ.

"އަހަރެން ބުނިން ޓީމުގެ މެންބަރުން ކައިރީ ފޮޓޯ ނެގުމުގެ ކުރިން މިއީ ކުރުން ރަނގަޅު ކަމެއް ހެއްޔޭ،" ކަލްޕޯ ބުންޏެވެ. "އަހަރެން ވަރަށް ބޮޑަށް ދެރަވެއްޖެ އޭގެ ތެރޭގައި އަހަރެން ހިމެނުމުން. އަހަރެންގެ މި ދަތުރަކީ ވަރަށް ބޭނުންވެގެން ހުރެ ކުރި ދަތުރެއް. އަދި ކައިރި މުސްތަގުބަލެއްގައި އިންޑިއާއަށް އިތުރު ދަތުރެއް ކުރަން އަހަރެން އުންމީދުކުރަން."

http://www.sun.mv/albums/l_20616.jpg
މިސް ޔުނިވާސް އޮލީވިއާ ކަލްޕޯ އަމްރިތްސަރުގެ ގޯލްޑަން ޓެމްޕްލް ގައި -- ފޮޓޯ: މިސް ޔުނިވާސް އޮގަނައިޒޭޝަން

މިސް ޔުނިވާސް އޯގަނައިޒޭޝަނުން ވަނީ އެކަމާ ގުޅިގެން އެ މައްސަލަ ތަފްސީލުކޮށް އަދި މައާފަށް އެދި ބަޔާނެއް ނެރެފަ އެވެ.

"އަހަރެމެންގެ މި ވީޑިއޯ ތަކުގައި ސްޕޮންސަރުންގެ ބައިތައްވެސް ހިމަނާފައިވާނެ،" ބަޔާނުގައިވެ އެވެ. "ތާޖު މަހަލްގެ ބޭރުގައި ނަގާފައިވާ ވީޑިއޯ އަކީ އެއްގޮތަކަށްވެސް ވިޔަފާރީގެ ބޭނުމަކަށް ނުވަތަ އެތަނަށް އިހްތިރާމް ކުޑަކުރުމުގެ ގޮތުން ކޮށްފައިވާ ކަމެއް ނޫން."