12 Oct 2013, 16:14
އިކޮނޮމިކް މިނިސްޓަރު އަދި ޑީއާރްޕީގެ ކައުންސިލް މެމްބަރު އަހްމަދު މުހައްމަދު ޕީޕީއެމަށް ސޮއިކުރައްވައިފި އެވެ.
އަހުމަދު މުހައްމަދު ޕީޕީއެމަށް ސޮއި ކުރެއްވީ މިއަދު ބޭއްވި ޕީޕީއެމްގެ ކައުންސިލް ބައްދަލުވުމެއްގަ އެވެ.
ޕީޕީއެމަށް ސޮއިކުރެއްވުމަށް ފަހު އަހްމަދު މުހައްމަދު ވަނީ ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލްގައްޔޫމާ ފޯމް ހަވާލުކުރައްވާފަ އެވެ.
ޕީޕީއެމަށް ސޮއިކުރެއްވުމަށް ފަހު ނޫސްވެރީންނަށް މައުލޫމާތު ދެއްވަމުން އަހްމަދު މުހައްމަދު ވިދާޅުވީ އޭނާ ޑީއާރްޕީން ވަކިވެޑައިގަތީ ޕާޓީ އުފެއްދި މަގުސަދާ ކަމަށް ޚިލާފަށް ޑީއާރްޕީން އަމަލުކުރަމުންދާތީ ކަމަށެވެ.
"އަޅުގަނޑު ޑީއާރްޕީން މިއަދު ވަކިވެ ޕީޕީއެމް އާއި ގުޅެން ޖެހުނު ސަބަބަކީ މިހާރު ޑީއާރްޕީން މަސައްކަތް ކުރަމުންދާ ގޮތާއި އަދި ޑީއާރްޕީ އެފެދިގެން އައި ގޮތާއި މުޅިން ތަފާތު މިސްރާބަކަށް މިހާރު ޑީއާރްޕީ މަސައްކަތް ކުރަމުން ދަނީ. އެހެން ވީމަ ވަކި މަގުސަދެއްގައި ވަކި އަޒުމެއްގައި މަސައްކަތް ކުރަމުން އައި ބަޔަކު އެހެން މިސްރާބަކަށް ދީލާލައިގެން ދިއުމަކީ ވަރަށް ހިތާމަ ހުރި ކަމެއް" އަހްމަދު މުހައްމަދު ވިދާޅުވި އެވެ.
އަހްމަދު މުހައްމަދު ވިދާޅުވީ ޑީއާރްޕީން ވަކިވެވަޑައުގެތްކަން އެ ޕާޓީގެ ލީޑަރު އަހްމަދު ތަސްމީން އަލީ އަށް އެސްއެމްއެސް މެދުވެރިކޮށް އަންގަވާފައިވާނެ ކަމަށެވެ. ޑީއާރްޕީ މިހާރު ހިނގަމުންދަނީ ޕާޓީގެ އުސޫލުތަކާ ޚިލާފަށް ކަމަށް ތަސްމީނަށް ދަންނަވާފައިވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވިދާޅުވީ އަހްމަދު މުހައްމަދު ޕީޕިއެމަށް ސޮއި ކުރެއްވުމަކީ އެ ޕާޓީއަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެއް ކަމަށެވެ. އެމަނިކުފާނު ޕީޕީއެމަށް ސޮއިކުރެއްވުމަކީ ރިޔާސީ އިންތިޚާބު ޕީޕީއެމަށް ކާމިޔާބު ކުރުމަށް ލިބުނު އިތުރު ހިތްވަރެއް ކަމަށް ވެސް މައުމޫން ވިދާޅުވި އެވެ.