މިމަހުގެ 18 ވަނަ ދުވަހު ފަށަން ހަމަޖައްސާފައިވާ ގައުމީ ވޮލީބޯޅަ ލީގު ފަސްކޮށްފި އެވެ.

ވޮލީ އެސޯސިއޭޝަންގެ އިސް އޮފިޝަލަކު ބުނީ، މުބާރާތް ފަސްކުރަން ޖެހުނީ ކުރިއަށް އޮތް ރިޔާސީ އިންތިހާބާ ގުޅިގެން މުބާރާތުގައި ވާދަކުރާ ބައެއް ޓީމުތަކުގެ އެދުމުގެ މަތިން ކަމަށެވެ. އެހެން ކަމުން ދެން މުބާރާތް ފަށަން ނިންމާފައި ވަނީ މިމަހުގެ 21 ވަނަ ދުވަހު ކަމަށް އެ އެ ސޯސިއޭޝަނުން ބުންޏެވެ.

މިފަހަރުގެ ގައުމީ ވޮލީ ލީގުގައި ޖުމްލަ ފަސް ޓީމް ވާދަކުރެއެވެ. އެ ޓީމް ތަކަކީ ކުލަބް ޕީކޭ އާއި ޔޫތް ސްޕޯޓްސް ކުލަބާއި ޕޮލިސް ކުލަބާއި އެމްއެންޑީއެފް އަދި ނައިފަރު ޖުވެނައިލް އެވެ.

އޮފިޝަލް ވިދާޅުވީ ގައުމީ ވޮލީ ލީގުގެ މެޗްތައް ކުރިއަށްގެންދިއުމަށް ހަމަޖެހިފައި ވަނީ ދެ ބުރަކަށް ބަހާލައިގެން ކަމަށެވެ.

ގައުމީ ވޮލީ ލީގަށްފަހު ދެން މިމަހުގެ ފަށާ ދެ ވަނަ މުބާރާތަކީ ވޮލީބޯލް އެސޯސިއޭޝަން ކަޕެވެ. އެމުބާރާތް ފަށަން މިހާރު ހަމަޖެހިފައިވާ ތާރިހާކީ މިމަހުގެ 27 ވަނަ ދުވަހެވެ. އެ މުބާރާތުގައި ޖުމްލަ 13 ޓީމް ވާދަކުރެއެވެ. އެއީ އަންހެން ޑިވިޝަންގެ ފަސް ޓީމާއި ފިރިހެން ޑިވިޝަންގެ އަށް ޓީމެވެ.

މުބާރާތުގެ އަންހެން ޑިވިޝަނުގައި ވާދަކުރާ ޓީމްތަކަކީ އައިލެންޑް އޯޝަން ކުލަބާއި ސިފައިންގެ ކުލަބާއި ޕޮލިސް ކުލަބާއި ކުއީން ސްޕޯޓްސް ކުލަބް އަދި ވެލޯޒިޔާ އެވެ.

ފިރިހެން ޑިވިޝަނުގައި ވާދަކުރަނީ ދިވެހި ސިފައިންގެ ކުލަބާއި ޕޮލިސް ކުލަބާއި ކުލަބު ޕީކޭ އާއި ޔޫތު ސްޕޯޓްސް ކުލަބާއި ވިޗެންޒާ އަދި ހުޅުމާލޭ ޔޫތު ޑިވެލޮޕްމަންޓް ސޮސައިޓީ އެވެ. އަދި އަތޮޅު ތެރެއިން މުބާރާތުގައި ބައިވެރިވެފައި ވަނީ ނައިފަރު ޖުވެނައިލް އާއި ފީއަލީ ޔަންގް ޖެނެރޭޝަނެވެ.

މިއަހަރު ވެސް ވޮލީބޯލް އެސޯސިއޭޝަން ކަޕްގެ މެއިން ސްޕޮންސަރަކަށް ހަމަޖައްސާފައި ވަނީ މިއަދިޔަ އަހަރު ވެސް އެ މުބާރާތް ސްޕޮންސާ ކުރި ޕަސްކޯލް އެވެ. އެހެން ކަމުން މުބާރާތް މިފަހަރު ކުރިއަށް ގެންދިއުމަށް ހަމަޖެހިފައި ވަނީ "ޕަސްކޯލް ވޮލީބޯލް އެސޯސިއޭޝަން ކަޕް 2013"ގެ ނަމުގަ އެވެ.